އެމްޑީޕީގެ ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ ފައިދާ ހުރިހާ ޕާޓިއެއްގެ މެންބަރުންނަށް ވެސް ކުރާނެ ކަމަށް އެޕާޓީގެ ރަނިންމޭޓް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ފ. ނިލަންދޫގައި އޮތް ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމްވަނީ ސަރުކާރުން ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާއަށް ސަރުކާރުން ކޮށްދީފައިވާ ބައެއް ކަންކަމުގެ ތަފްސީލް ދެއްވާފައެވެ.

އެއާއެކު، އޭނާ ވިދާޅުވީ އެ ހުރިހާ ކުރިއެރުމެއް ވެސް މި ސަރުކާރުން ގެންނަނީ ރާއްޖޭގެ އެއްވެސް ރައްޔިތެއް ތަފާތުކުރުމެއް ނެތި ޚިދުމަތް ދިނުމަށް ކަމަށެވެ.

"މި ހުރިހާ ރައްޔިތުން ތަފާތު ކުރުމެއް ނެތި އަސްލުގައި މި ޚިދުމަތް ދިނުމަކީ މިއީ، މިހުރިހާ ކަންކަމަކީ މިއީ އަސްލު ދުޅަހެޔޮ، ވަރުގަދަ ރައްޔިތެއް އޮތުމަށްޓަކައި، ބޭނުންތެރި މުހިއްމު ޚިދުމަތްތަކެއް" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ ޖެންޑާ މިނިސްޓްރީގެ އިޖުތިމާއީ ބަދަހި މަދަދުވެރިން، ޕްރޮގުރާމުގެ މުހިއްމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

"އިބަމަ މިއީ އަސްލުގައި ވަރަށް ގާތުން ރައްޔިތުންނަށް މި ބޭނުންވާ އިޖުތިމާއީ ޚިދުމަތްތައް ދިނުމަށް އެކުލަވާލެވިފައިވާ މުހިއްމު ޕްރޮގުރާމެއް" އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ވާދަވެެރި ޕާޓީތަކުން އެފަދަ އިޖުތިމާއީ ޕްރޮގުރާމު ތަކުގެ ވާހަކަ ނުދައްކާ ކަމަށެވެ. އަދި، ފަހަރުގައި އެއީ އެޕާޓީތަކަށް އެކަންކަމުގެ ވާހަކަ ނޭނގޭތީކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެން އެކަމަކު ފައިދާ ލިބޭނީ ހަމައެކަނި އެމްޑީޕީ މެންބަރުންނަކަށް ނޫން. ނުވަތަ އަދާލަތުގެ މެންބަަރުންނަކަށް، އެމްޑީއޭގެ މެންބަރުންނަކަށް ނޫން. މިއީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ހުޅުވާލެވިފައި ހުރި ޚިދުމަތްތައް އިނގޭތޯ" އަސްލަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި އަސްލަމް ފ. އަތޮޅަށް ދަތުރުކުރައްވަމުން ދާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ދަނީ ތ. އަދި ލ. އަތޮޅަށް ދަތުރުކުރައްވަމުންނެވެ.