ރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ ނިޒާމް ހިނގަނީ ރަގަނގަޅަށް ނޫން ކަމަށް ރައީސްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އޭޝިއަން ގުރޫޕް ފޯ ޕަބްލިކް އެޑްމިނިސްޓްރޭޝަން (އޭޖީޕީއޭ) ދެ ވަނަ ކޮންފަރެންސް ބަނޑޮސް އައިލެންޑް ރިސޯޓުގައި ފައްޓަވައި ދެއްވުމަށް ފަހު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ ނިޒާމް މިހާރު ރާއްޖޭގައި ހިނގަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ކުރަމުންދާ ތަޖުރިބާތައް ކޮށްފައިވާ ގައުމުތަކުގެ ތަޖުރިބާ އިން ފިލާވަޅު ލިބިގަތުމަކީ އެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށެވެ.

"މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓުގެ ނިޒާމު ހިންގާފައި ވަނީ ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތާ ހިލާފުވާ ގޮތުގައި ގައުމީ އިދާރާތައް އުފައްދައިގެން. އޭގެ ސަބަބުން ރައްޔިތުން ބާރުވެރި ކުރުވުމަށް ހުރަސް އެޅުނު،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވާހަކަފުޅުގައި ކައުންސިލްތަކަށް ދިމާވާ ބައެއް މައްސަލަތަކަށް އަލިއަޅުވާލައި ވިދާޅުވީ ކައުންސިލްތަކުގައި އުފެދިފައިވާ ސިޔާސީ ތަފާތު ފިކުރުތަކުގެ ސަބަބުން ކައުންސިލްތައް އެކުވެރިކަމާ އެއްބައިވަންތަކަމާ އެކު ހިގަންވާ ގޮތަށް ހިންގަން އުނދަގޫވެފައިވާ ކަމަށެވެ.

"ރަށްރަށް ބުރަވެފައި އޮންނަނީ ކޮންމެވެސް ސިޔާސީ ޕާޓީއަކަށް އެހެންކަމުން އަތޮޅު ފެންވަރުގަ އާއި ރަށު ފެންވަރުގާ ކައުންސިލްތަކުގެ ފަރާތުން ސިވިލް ސާވިސް އިން ބޭނުންވާ ކަންކަން ނުވުމަކީވާ ކަމެއް" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސިވިލް ސާވިސްއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ވަކިފަރާތަކަށް ނުޖެހޭ، އުފެއްދުންތެރި ޚިދްމަތެއްގެ ގޮތުގައި ބައްޓަންކުރުމަކީ، މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސާވިސްގެ ރައީސް މުހައްމަދު ފަހުމީ ހަސަން ވިދާޅުވީ ގަވަނަންސާ ގަވަމެންޓަކީ ތަފާތު ދެ ކަމެއް ކަމަށާއި ގަވަނަންސަކީ ވަކި އުސޫލެއްގެ މަތިން ކަންތައްތަކެއް ހިންގުން ކަމަށާއި ގަވަމެންޓަކީ މުވައްސަސާއެއް ހިންގުން ކަމަށެވެ.

ނައިބު ރައީސްގެ ރިސޯޓް، ބަނޑޮހުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭޖީޕީއޭގެ ރައީސް ޕުރޮފެސާ ޔައުގޫބް ވިދާޅުވީ މި ބައްދަލުވުމަކީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށާއި އޭޝިއާ ގިނަ ގައުމުތަކަށް ލޯކަލް ގަވަނެންސްގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން މިކަން ހައްލުކުރުމަށް ޓަކައި ހުރިހާ ގައުމަކުން ވެސް ވާހަކަ ދައްކައިގެން ކުރިއަށް ދާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޖީޕީއޭ ކޮންފަރެންސަކީ އޭޝިއާ ސަރަހައްދާއި ސަރަހައްދުން ބޭރުގެ ގައުމުތަކުގެ ޕަބްލިކް ސެކްޓަރުތަކުގެ ތަޖުރިބާކާރުންގެ ޢިލްމާއި ތަޖްރިބާ، ރާއްޖެއާ ހިއްސާ ކުރެވި އަދި ދިވެހިރާއްޖޭގެ ޕަބްލިކްސެކްޓަރާއި ސިވިލް ސާވިސް އާ ބެހޭ މައުލޫމާތު އެފަރާތްތަކާއި ހިއްޞާކުރުމުގެ ފުރުސަތު ލިބިގެނދާ ބައްދަލުވުންތަކެކެވެ. މިފަހަރު މިބައްދަލުވުންތަކުގައި 131 ފަރާތަކުން ބައިވެރިވި އެވެ. އޭޖީޕީއޭގެ ފުރަތަމަ ބައްދަލުވުން ބޭއްވުނީ 2011 ވަނަ އަހަރުގެ މޭ މަހު ޗައިނާގެ ބެއިޖިންގަ އެވެ.