09 May 2012, 13:52
އޯޓިޒަމް ކުދިން ޅަ އުމުރުގައި ދެނެގަތުމަށް ސަމާލުވުމަށާއި އެ ކުދިންނަށް ބޭސްކުރުމުގައި އެހީތެރިވެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި ސައިކޮލަޖިސްޓުންގެ އިތުރުން ސުޕީޗު ތެރަޕިސްޓުން މަޝްވަރާކޮށްފި އެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ތިންތިޒާމްކޮށްގެން އައިޖީއެމްއެޗްގައި އިއްޔެ ބޭއްވި ކޮންފަރެންސްގައި ބައިވެރިވެފައި ވަނީ އައިޖީއެމްއެޗާއި އޭޑީކޭއާއި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން ކްލިނިކްތަކުގައި ތިއްބަވާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި ސައިކޮލަޖިސްޓުންގެ އިތުރުން ސުޕީޗު ތެރަޕިސްޓުންނެވެ. އަދި އޯޓިޒަމް އެސޯސިއޭޝަންގެ ބޭފުޅުން ވެސް އެ ކޮންފަރެންސްގައި ބައިވެރިވެފައިވެ އެވެ.
މެޑިކަލް އެސޯސިއޭޝަންގެ ސްޕޯކްސް ޕާސަން އަދި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް މިއަދު ވިދާޅުވީ އިއްޔެ ޑޮކްޓަރުންނާ އެކު ބޭއްވި މަޝްވަރާތަކުގައި އޮޓިޒަމް ކުދިން ދެނެގަތުމަށް ބޭރު ގައުމުތަކުގައި ވެސް ބޭނުން ކުރާ ސުކުރީނިލް ޓޫލްސްތައް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން މިހާރު ރާއްޖޭގައި ތިބި ޑޮކްޓަރުންނާ މަޝްވަރާކޮށް، ޑޮކްޓަރުން ސަމާލުކަން ދޭނެ ކަންތައްތަކާ ބެހޭ ގޮތުން ކުރިއަތް އޮތްތަނުގައި ވެސް މަޝްވަރާތަކެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.
"ކޮން ކުދިންނެއްތޯ ހަގީގަތުގައި ވެސް މައްސަލައެއް ހުރީ އޯޓިޒަމްއޭ ބުނެވޭ ވަރަށް. އެކަން ބެލުމަށްޓަކައި ސުކްރީނިން ޓޫލްސްތަކެއް ހުރޭ ރާއްޖެ އިން ބޭރުގައި އެކި ގައުމުތަކުގައި ބޭނުންކުރާ. އަޅުގަނޑުމެން ވެސް އެކަހަލަ ޓޫލްސްތަކެއް ރާއްޖޭގައި ތަންކޮޅެއް ފުޅާދާއިރާއެއްގައި ބޭނުން ކުރުމުގެ ބޭނުމުގައި މަޝްވަރާތައް މިފެށީ،"
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑިޕާޓްމަންޓުގެ ކޮންސަލްޓެންޓެންޓްކަން ވެސް ކުރައްވާ ނިޔާފް ވިދާޅުވި އެވެ.
ޑޮކްޓަރުންގެ ޕްރޮފެޝަނަލް މަސައްކަތް ހަރުދަނާ ކުރުމަށް ބާރު އެޅުމުގެ ގޮތުން 2005 ވަނަ އަހަރު އުފެއްދި މެޑިކަލް އެސޯސިއޭޝަނުން އިއްޔެ ބޭއްވި މަޝްވަރާތަކުގައި އޯޓިޒަމް ކުދިން ސްކުރީން ކުރުމާއި ޑައިގްނޯސް ކުރުމުގައި ޑޮކްޓަރުން ގެންގުޅޭ ތަފާތު މިންގަނޑުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ. އެގޮތުން އޯޓިޒަމް ހުންނަ ކުދިން ދެނެގަތުމުގެ ތަމްރީނެއް ލިބިފައި ނުވާ ޑޮކްޓަރުންނަށް ދައްކާ ތުއްތު ކުދިންނަށް، ބޭސްފަރުވާ ނުކޮށް ގިނަ ދުވަހު ހުންނަން ޖެހޭ ކަމަށެވެ.
މެޑިކަލް އެސޯސިއޭޝަނުން ފާހަގަ ކުރާ ގޮތުގައި ކުރިން ރާއްޖޭގައި އޮޓިޒަމް ހުންނަ ކުދިންގެ ރޭޓް ދައްވި ނަމަވެސް މިހާރު އޯޓިޒަމް ހުންނަ ކުދިން ރާއްޖޭގައި އުފަންވާލެއް ނިސްބަތުން ގިނަ އެވެ.