14:40


އިންތިގާލީ މަރުހަލާގެ އެންމެ ފަހު ވަގުތު މަޖިލިހުގެ ރުހުން ހޯދަން ހުށަހެޅި ތިން ސަފީރަކަށް ރުހުން ނުލިބި އިންތިގާލީ މަރުހަލާ ނިމުމުން، އެ ތިން ސަފީރުން ގޭގައި މަޑުކުރެއްވުމަށް ފޮރިން މިނިސްޓްރީން މިއަދު އަންގައިފި އެވެ.


ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، ލަންކާގައި ހުންނަވާ ސަފީރު އަލީ ހުސެން ދީދީ އާއި ޗައިނާގައި ހުންނަވާ ސަފީރު އަހްމަދު ލަތީފުގެ އިތުރުން ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރު ހުސެން ޝިހާބުގެ ސަފީރުކަން، ރޭ 12:00 އަށް ނިމިފައިވާ ކަމަށެވެ. އެހެންކަމުން، އެ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންދެން ގޭގައި މަޑުކުރެއްވުމަށް ރޭ އެ ބޭފުޅުންނަށް އަންގަވާފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ. އަދި އެ ގައުމުތަކުގެ ޗާޖް ޑީ އެފެއާޒް ނުވަތަ މިޝަންގެ ވަގުތީ އިސްވެރިޔަކު ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ޑރ.ޝަހީދު ވިދާޅުވި އެވެ.


ސަފީރުކަމަށް އައްޔަންކުރާ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ހޯދުމަށް ޤާނޫނު އަސާސީ ލާޒިމްކުރެ އެވެ. އެހެންކަމުން ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް، ސަފީރުކަމުގައި ތިއްބެވި މި ތިން ބޭފުޅުންގެ ތެރެއިން ލަތީފު ހަމަ ޗައިނާގެ ސަފީރު ކަމަށާއި، ހުސެއިން ޝިހާބާއި އަލީ ހުސެން ދީދީ އެހެން ދެ ގައުމެއްގެ ސަފީރުކަމަށް ހަމަޖެއްސުމަށްޓަކައި މަޖިލީހުގެ ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް އެ ނަންތައް ފޮނުއްވައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުން ބުންޏެވެ.  


ޑރ. ޝަހީދު ވިދާޅުވީ، އިންތިގާލީ މަރުހަލާ ނިމުމުގެ ކުރިން އެ ބޭފުޅުންގެ ނަންތައް މަޖިލީހުން ފާސްނުކޮށްފި ނަމަ، ސަފީރުކަން ގެއްލިގެންދާނެކަން އެ ބޭފުޅުންނަށް ވާނީ މީގެ ކުރިން އަންގަވައިފައި ކަމަށެވެ. އަދި އެ ބޭފުޅުން ވެސް ތިއްބެވީ އެކަމަށް ތައްޔާރުވެވަޑައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.