ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. ޝާހު މާހިރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސްޓޭޓް މިނިސްޓަރު ކަމަށް ވަޑައިގެންނެވި ޝާހު "ސަން"އަށް ވިދާޅުވީ އޭނާ މިހާރު އެ ޕާޓީން ވަކިވެފައިވާ ކަމަށެވެ. އެހެންވެ، އެ ޕާޓީގެ ސްލޮޓެއްގައި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ބެހޭ ގޮތުން ވާހަކަދައްކަމުން ޝާހު ވިދާޅުވީ، ސަރުކާރުގެ މަގާމަކުން އިސްތިއުފާ ދިނީ މި ސަރުކާރަށް ތާއިދު ނުކުރާތީ ކަމަށެވެ.

މަގާމުން ޝާހު ވަކިވެވަޑައިގަތުމަށްފަހު، ދަ ޑިމޮކްރެޓްސްއާ ވަނީ ގުޅިވަޑައިގެންފައެވެ.

މީގެ ކުރިން ޝާހް ވަނީ މި ފަހަރު އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ތާއީދު ކުރައްވާފައެވެ. ކެމްޕެއިންގައި ވެސް ބައިވެރިވިއެވެ.

ކޮވިޑް-19ގެ ފަރުވާއަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެލްތު މިނިސްޓްރީން ސަސްޕެންޑު ކުރި މުވައްޒަފުންގެ ތެރޭގައި ޝާހު ހިމެނުނު ނަމަވެސް، އެ މައްސަލަ ބެލުމަށް ފަހު އޭސީސީން ނިންމީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށެވެ.

އަންނަ މަހުގެ ނުވައެއްގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ކޯލިޝަން ހަދަން އެމަނިކުފާނު ޖޭޕީއަށް ދައުވަތު ދެއްވި ނަމަވެސް އެ ޕާޓީން ވަނީ އަމިއްލައަށް ވާދަކުރަން ނިންމާފައެވެ.

ޖޭޕީން އެގޮތަށް ނިންމި ފަހުން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވަނީ ރައީސަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

އޭގެ ފަހުން ޖޭޕީން ވަކިވުމަށް ފަހު ރޭ މައުސޫމް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ކެބިނެޓުގައި މިހާރު ތިއްބެވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދެ މިނިސްޓަރުންނެވެ. އެއީ، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާއާއި، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ. ނަހުލާ އަންނަނީ ފިރިކަލުން، ގާސިމްގެ ރިޔާސީ ކެންޕޭނުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ނަމަވެސް ޑރ. ހުސައިން ރައީސްގެ ކެމްޕޭންގައި އެމަނިކުފާނާއެކު ބައެއް ރަށްރަށަށް ވަޑައިގެންފައިވެއެވެ.