28 Aug 2023, 15:49
ދިރާގު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޯބައިލް ނަންބަރު މެނޭޖު ކުރެވޭނެ މައި ސާވިސް ޕޯޓަލް ލޯންޗްކޮށްފިއެވެ.
މި ޕޯޓަލްގެ އެހީގައި ދިރާގު ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މޯބައިލް ނަންބަރުތައް ފަސޭހަކަމާއެކު ޗެކު ކޮށް މެނޭޖު ކުރެވޭނެއެވެ.
މި ޕޯޓަލްއަކީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދާދި ފަހުން އަމަލު ކުރަންފެށި މޯބައިލް ނަންބަރުގެ ރެގިއުލޭޝަންއާއެކު އައި މޯބައިލް ނަންބަރު ލިމިޓޭޝަންގެ ސަބަބުން، ކަސްޓަމަރުންނަށް ލުއި ފަސޭހަތަކެއް ގެނެސްދިނުމައްޓަކައި ލޯންޗުކުރި ޕޯޓަލެއް ކަމަށް ދިރާގުން ބުނެއެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީން އަމަލު ކުރަން ފެށި ރެގިއުލޭޝަންއާއެކު، ކޮންމެ ދިވެއްސެއްގެ ނަން މަތީގައި ވެސް އެންމެ ގިނަވެގެން ރަޖިސްޓަރީ ކުރެވޭނީ 10 މޯބައިލް ނަންބަރެވެ. އަދި ބިދޭސީންނަށް ރަޖިސްޓަރީ ކުރެވޭނީ ތިން ނަންބަރެވެ.
ނަމަވެސް މި ލިމިޓޭޝަންގައި ކުންފުނިތަކަށާއި ސަރުކާރުގެ އޮފީސްތަކަށް ނަގާފައިވާ ނަންބަރުތަކެއް ނުހިމެނެއެވެ.
އެހެންކަމުން މިހާރު، ދިރާގުން އަލަށް ތައާރަފް ކުރި މައި ސާވިސް ޕޯޓަލްއާއެކު ދިރާގުގެ ކަސްޓަމަރުންނަށް މިހާރު އަމިއްލަ ނަމުގައި ރަޖިސްޓަރީ ކޮށްފައި ހުރި މޯބައިލް ނަންބަރުތަކުގެ އަދަދު ބަލައި ހުއްދަ ދިފައިވާ މިންވަރަށްވުރެ އަދަދު އިތުރުވާނަމަ އެ ނަންބަރުތަކަށް އެ ކަސްޓަމަރަކު ބޭނުން ފިޔަވަޅެއް އެޅޭނެއެވެ.
އަލައް ތައާރަފް ކުރި މި ޕޯޓަލްއާއެކު 24 ނޮވެމްބަރު 2023 ގެ ނިޔަލަށް ކަސްޓަމަރުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތައް ނަންބަރުގެ ވެރި ފަރާތައް މެނޭޖު ކުރެވޭނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު އައު އޮފާތަކާއި ސާވިސްތައް އެންމެ ފަސޭހަ އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން ބުނެފައިވެއެވެ.