28 Aug 2023, 16:02
މަދޫރާއި (28 އޮގަސްޓް 2023): އިންޑިއާގެ ޓެމިލްނާޑޫގެ ފަސިންޖަރު ރޭލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ނުވަ މީހަކު މަރުވެ، އެތައް ބަޔަކު ފިހިއްޖެއެވެ.
މިހާިދސާ ހިނގީ ރޭ ފަތިހުއެވެ. މި ހާދިސާ ހިނގިއިރު އެ ރޭލު އޮތީ ޓެމިލްނާޑޫގެ މަދޫރާއި ޑިސްޓްރިކްޓްގެ ރޭލް ޔާޑުގައި މަޑުކޮށްގެންނެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހާދިސާގައި މަރުވި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ ހަ ފިރިހެނުންނާއި ތިން އަންހެނުންނެވެ.
ފިހިފައިވާ މީހުންގެ ތެރެއިން ވެސް ބައެއް މީހުން ވެސްވަނީ ފުރާނައަށް ނުރައްކާތެރި ހާލަތެއްގައެވެ. އެމީހުންވަނީ ކައިރީގައިވާ ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.
ރޭލުގެ ކޮންޕާޓްމަންޓް ތެރޭގައި އަލިފާން ރޯވިކަމަށްވަނީ ފަސިންޖަރަކު ސައި ތައްޔާރު ކުރަން އުޅުމުގެ ތެރޭގައެވެ. އަލިފާން ހިފާގޮތްވީ ސައި ތައްޔާރު ކުރުމަށްޓަކައި ފެން ކެއްކުމަށް ބޭނުންކުރި ކުޑަވަރެއްގެ ގޭސްފުޅިއެއް ގޮވައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާގެ ރޭލްތަކަށް ގޭސްފުޅި އެރުވުމަކީ މުޅިން މަނާކަމެކެވެ. އެހެންކަމުން ގޭސްފުޅި ރޭލަށް އަރުވާފައިވަނީ ގަވައިދާ ޚިލާފަށް ސިއްރިޔާތުގައި އޭގެ ހަގީގަތް އޮޅުވާލައިގެން ކަމަށްވަނީ ބެލެވިފައެވެ. މި ހާދިސާ ހިނގި ގޮތުގެ ފުރިހަމަ ހަގީގަތް އެނގޭނީ އެސަރަހައްދުގެ ފުލުހުންކުރަން ފަށާފައިވާ ތަހުގީގު ނިމުމުންނެވެ.
އާންމު ގޮތެއްގައި އިންޑިޔާގެ ރޭލުތަކުގައި ސަލާމަތީ ކަންކަން ހުންނަނީ ވަރަށް ދޯދިއާކޮށެވެ. ރޭލުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. މީގެއިތުރުން ރޭލުތައް އޭގެ ދަގނޑުން ކައްސާލައިގެން އެކްސިޑެންޓްތައް ހިނގުމަކީވެސް އާންމު ކަމެކެވެ.
ރޭ ފަތިހު މަދޫރާއިގެ ރޭލުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ހަށިތައްވަނީ ވަރަށް ބޮޑަށް ހަލާކުވެ ކާކުކަން ނޭނގޭވަރު ވެފައެވެ. އެހެންކަމުން ފޮރިންސިކް ފުލުހުންވަނީ ޑީއެންއޭ ބޭނުންކޮށްގެން ހަށިތައް ދެނެގަނެ އެމީހުންގެ އާއިލާތަކާ އެހަށިތައް ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ.