09 May 2012, 13:40
ރާއްޖޭގެ ވެރިކަން މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބަދަލުކުރީ ބަޣާވާތަކުން ކަމަށާއި ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ އެކަމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ކުރި ތުހުމަތު ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.
އިންޑިޔާގެ މަޖައްލާއެއް ކަމަށްވާ "އޯޕެން މެގަޒިން"ގައި މިމަހުގެ ފަސްވަނަ ދުވަހު "އަ ކޫ މޭޑް އިން އިންޑިއާ" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިއުމަށް ރައްދުދީ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ލިއުމުގައި މުލޭއާ މެދު ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.
އަދި ބުނެފައި ވަނީ މުލޭއަށް ދިވެހި ސަރުކާރުން އިހުތިރާމް ކުރާ ކަމަށާއި އޭނާއަކީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމަށް އޭނާ ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރާ ކަމަށެވެ.
"މުލޭ ފަދަ ޑިޕްލޮމޭޓަކާ މެދު އެފަދަ ތުހުމަތުތަކެއް ކުރުމުގެ ފަހަތުގައި ވަނީ ކޮންކަމެއް ކަން ދިވެހި ސަރުކާރަށް ދެނެގަނެވިފައި ނުވާއިރު، ސަރުކާރު ބަދަލުކުރުމުގެ ކަންތައް ރޭވި ކަމުގެ ތުހުމަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ނެޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެތަކެއް ސިޔާސީ ލީޑަރުންނާ މެދު ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން ކުރިން ވެސް ކޮށްފައިވާ ކަން ފާހަގަ ކުރެވެ އެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ވަނީ ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކާ މެދު އެމްޑީޕީން ކުރިއަށް އޮތް ތަނުގައި ތުހުމަތުތައް ނުކުރާނެ ކަމަށް ސަރުކާރުން އުއްމީދުކުރާ ކަމަށެވެ.
ރައީސް ނަޝީދު މިދިޔަ މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ ހާޒިރުގައި އިންޑިއާގެ "އޯޕަން" މަޖައްލާ އަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ވަގުތީ ޗެއާޕަސަން ރީކޯ މޫސާ މަނިކު ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި އިރު އިންޑިޔާ އަށް ކުރެއްވި ޒިޔާރަތުގަ އާއި ދަތުރުފުޅުގެ ހުރިހާ ބައްދަލުވުންތަކުގައި ވެސް މުލޭ ބައިވެރިކުރެއްވި ކަމަށެވެ. އަދި އޭގެ ފަހުން މުލޭ ބޭނުންފުޅުވީ އޭނާގެ އެކުވެރި ކުންފުންޏަކަށް ރާއްޖޭގައި ވިޔަފާރި ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށާއި ނަމަވެސް އެ ފުރުސަތު ލިބިވަޑައިނުގަތުމުން ރާއްޖޭގެ އޭރުގެ އިދިކޮޅު ފަރާތްތަކާ މުލޭ ގުޅުން ބަދަހިކުރައްވާފައިވާ ކަމަށް ނަޝީދުގެ ފަރާތްޕުޅުން ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވެފައިވެ އެވެ.
އެ އިންޓަވިއުގައި މޫސަ އިތުރަށް ވިދާޅުވެފައި ވަނީ ވެރިކަން ބަދަލުވި ދުވަހު ކަންތައްތައް ވަމުން ދިޔަ ގޮތް އިންޑިޔާ ސަރުކާރާ ހިއްސާ ކުރުމަށް އެތަކެއް ފަހަރު މަތިން މުލޭގެ އަރިހުން އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު މުލޭގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި 2011 އަހަރުން ފެށިގެން އިދިކޮޅު ޕާޓީތަކާ އެކު މުލޭ ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށް ވެސް މޫސަ ތުހުމަތު ކުރައްވާފައިވެ އެވެ.