28 Aug 2023, 11:54
ޕީޕީއެމްގެ މިހާރުގެ ލީޑާޝިޕަކީ ރާއްޖެ ތަރައްގީ ކޮށްދިނުމަށް ކަމެއް ކޮށްދެވޭ ފެންވަރުގެ ބައެއް ނޫން ކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިންމޭޓް މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ކެމްޕެއިނަށް ފ. ބިލެއްދުއަށް ވަޑައިގެން އަސްލަމް ވިދާޅުވީ ޕީޕީއެމަކީ ރާއްޖެ ތަރައްގީ ކުރެވޭނެ ބައެއް ނޫން ކަމަށާއި އެހެންކަމުން މި ސަރުކާރަށް ދެވަނަ ފުރުސަތެއް ރައްޔިތުން ދޭން ޖެހޭ ކަމަށެވެ. މިސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް ބަޔަކާ ޒާތީކަމެއް ނެތި ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕީޕީއެމަކީ އެއްކަމެއް ވެސް ކުރާބައެއް ނޫން. އެއްކަމެއް ވެސް ކުރެވުނު ބައެއް ނޫން. އަދި އެ މީހުން އައިސް ބުނާނެ ކަމަކު ނުދޭ ފެނާއި ނަރުދަމާ އަޅާފައި އޮތްގޮތެއް. ތިތާކު ނޫނޭ މިތަނުގައޭ ކުރަން ޖެހޭނީ. ބަނދަރުގެ ތި ތަންކޮޅު ހިއްކާގޮތް ވެސް ކަމަކު ނުދޭ. ނޫނީ ތި މަސައްކަތް ކުރަން ދީފައި ހުރި ކުންފުނި ވެސް ކަމަކު ނުދޭ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ތަސައްވަރަކާއެކު މަސައްކަތް ކުރާ އަދި ރާއްޖެއަށް ބޮޑު ބަދަލެއް ގެނެސްދޭ ޕާޓީއެއް ކަމަށެވެ. ޕާޓީއިން ބަޔަކު ވަކިވެގެން ދިޔަ ނަމަވެސް އެމްޑީޕީގެ ވިސްނުމާއި ފިކުރަކަށް އަދި ބަދަލެއް އައިސްފައި ނުވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
"އެމްޑީޕީއިން ފުރަތަމަ އެކުލަވާލި މެނިފެސްޓޯގައި ވެސް ބެލީ އޯގާތެރި ބޭސްފަރުވާއަށް ސަލާން ނުޖަހާ ކަންތައްތަކެއް ގެނެސްދޭން. މިއަދުވެސް އެމްޑީޕީގެ މި ކޯލިޝަންއިން ވެސް ކުރެވިފައި ހުރީ އެ މަސައްކަތް. އަދި ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި މެނިފެސްޓޯގައި ވެސް ހުރީ ހަމަ އެ ވާހަކަ،" އަސްލަމް ވިދާޅުވިއެވެ.
އެތައް އިލްޒާމެއް އެޅުވުމަށް ފަހު އެމްޑީޕީ ދޫކޮށް ދިޔަ މީހުން އެނބުރި ޕާޓީއަށް އައުމަށް އަސްލަމް ވަނީ އެދިވަޑައިގެންފައެވެ. އެމްޑީޕީއިން މިހާރު ވެސް ކުރަމުން އަންނަނީ ކުރިއެކޭއެއްގޮތަށް ގައުމު އިސްލާހުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
ދެވަނަ ބުރަކަށް ގޮސް އެހެން ޕާޓީތަކާ އަނެއްކާ ކޯލިޝަން ހަދައި ބައި އަޅަން ޖެހޭގޮތަށް ކަންތައްނުކޮށް ފުރަތަމަ ބުރުން މިސަރުކާރަށް އިތުރު ދައުރެއް ދިނުމަށް ވެސް އަސްލަމް އެދިލެއްވިއެވެ.
ބިލެއްދޫގެ ތަރައްގީއަށް އެކަނިވެސް މިސަރުކާރުން 74 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާ ކަމަށާއި އެއީ ވޭތުވެދިޔަ ސަރުކާރުތަކުން ކޮށްފައިވާ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އިތުރަށް ތަރައްގީ ގެންނަން ބޭނުންވާ ކަމަށާއި އެހެންވެ އެ ފުރުސަތު ދެއްވުމަށް އެދޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.