ކުރިއަށް އޮތް ދައުރު ނިމޭއިރު 50 ބިލިއަންގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާކުރައްވައި، އޭގެ ފަހުން ދެން ދައުލަތުން މަޖިލީހަށް ހުށަހަޅައި ބަޖެޓުވާނީ އަރަނި ބަޖެޓަކަށްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ތ. ގާދިއްފުށީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ދައުރަށް ވެވަޑައިގަންނަވާ ވައުދުތައް ވަނީ އެ ހިސާބުތަކުގެ މައްޗަށް ބެއްލެވުމަށްފަހު ކަމަށެވެ.

މި ވައުދުތަކާއެކު މި މަސައްކަތްތައް ކުރުމަށް ފައިސާ ހޯދުމަށް ޓަކައި މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވުމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާ ވައުދުތައް މިވަނީ އޭގެ މައްޗަށް ބިނާކޮށްގެން. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ ފެނޭ އިގްތިޞާދު ދެ ގުނަ ވާތަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫތައް އެއްކޮށް ނިމުމުން ދެން ރާއްޖޭގެ އިގްތިޞާދު 2028ވަނަ އަހަރާ ހަމައަށް އަންނައިރު 170 ބިލިއަން ރުފިޔާގެ އިގްތިޞާދަކަށް ވާނެ ކަމަށެވެ.

އަދި 2028ވަނަ އަހަރާ ހަމައަށްދާއިރު 50 ބިލިއަންގެ އާމްދަނީއަކާއެކު ބަޖެޓު ވެގެންދާނީ އަރަނި ބަޖެޓަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

"2018 އިން ފެށިގެން 2028އާ ހިސާބަށް ރާއްޖޭގެ އިގްތިޞާދުގެ ސައިޒަކީ 170 ބިލިއަނަށްވުރެ މައްޗަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ގެންދެވޭނެ. އަޅުގަނޑު މި ދެންނެވިގޮތަށް އިގްތިޞާދު ފުޅާކުރެވި ދައުލަތަށް ވަންނަ ފައިސާ ވެސް މި ދަނީ އިތުރުކުރެވެމުން އަހަރަކަށްވުރެ އަހަރެއް،" ރައީސް ވިދާޅުވިއެވެ.

"އެގޮތުން 2028ވަނަ އަހަރު އަންނައިރުގައި 45 ބިލިއަން ރުފިޔާ ހުރަސްކޮށް 50 ބިލިއަނާ ދިމާއަށް އަމާޒު ހިފާނެ. ނަތިޖާއަކަށްވާނީ އަޅުގަނޑުމެން މި ކުރަން ބޭނުންވާ މަސައްކަތްތަކަށް ދައުލަތުގައި ފައިސާހުރުން. އަދި އިރާދަކުރެއްވިއްޔާ 2028ވަނަ އަހަރު އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ބެލެންސް ނޫނިއްޔާ އަރަނި ބަޖެޓަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް ވިދާޅުވީ އެ އަމާޒަށް ވާސިލްވެވޭނީ މި ސަރުކާރުން މިހާރު ފަށައިފައިވާ މަސައްކަތްތައް ނިންމަން އިތުރު ދައުރެއް ލިބިގެންކަމަށެވެ. އެގޮތުން އަދި 'ދެ ތިން' އަހަރު އެ ކަމަށް ބޭނުންވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާދިފުއްޓަކީ ވެސް އާބާދީ ކުޑަވުމުގެ ސަބަބުން ކުރީގެ ސަރުކާރުތަކުން ބާކީކޮށްލައިފައި އޮތް ރަށެއްކަމަށެވެ.

ނަމަވެސް މި ސަރުކާރުން މި ދައުރު ފެށީ އެ ފަދަ ރަށްތައް ތަރައްގީކުރުމުގެ މަސައްކަތާއެކު ކަމަށް އެ މަނިކުފާނު ވިދާޅުވިިއެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި ރާއްޖެ ތަރައްގީކުރަންވާނީ ކުރެވޭނީ ހުރިހާ ރަށްތަކެއްގައި އަސާސީ ޚިދުމަތްދީ ފުރިހަމަކޮށްގެން،" ރައީސް ވިދާޅުވިއެވެ.

ކުރިއަށް ހުރި ދުވަސްތަކުގައި ވެސް މި ފަދަ ރަށްތައް ތަރައްގީކުރުމަށް ކުރަން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރުގައި މި ރަށަށް ކޮށްދެއްވާނެ ކަންކަން:

  • ބިން ހިއްކުމާއެކު މޫދަށް އެރޭ ސަރަހައްދެއް ހެދުން

  • ހެލްތު ސެންޓަރު އިތުރަށް ތަރައްގީކުރުން
  • ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުން
  • އުސްފުށިި ޕިކްނިކް އައިލެންޑަކަށް ހެދުން
  • ވޮލީކޯޓެއް ތަރައްގީކުރުން