މާލޭގައި ފުލުހުން ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއާއި ޓްރެފިކް ލައިޓްތައް ބޭނުން ކުރުމަށް ހުރަސް އެޅޭ ގޮތަށް ހަރުކޮށްފައިވާ ކެމްޕޭން ޕޯސްޓަރު ފަދަ ތަކެތި ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން އަންގައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ސީސީޓީވީ އާއި މަގުތަކާއި ބްރިޖުގައި ބަހައްޓާފައިވާ ޓްރެފިކް ލައިޓުތަކުގެ ވިއު ގެއްލޭ ގޮތަށް ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭން ތަކެތި ހަރުކުރާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ، އެކަން އެގޮތަށް ނުކުރުމަށާއި އެގޮތަށް ހަރުކޮށްފައިވާ ތަކެތި 24 ގަޑިއިރުގެ ތެރޭގައި ނެގުމަށް ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް އަންގާފައިވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

"އަދި ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓުންނާ އެކީގައި އީސީއާއި، މޯލްޑިވްސް ޕޮލިސް ސާވިސްއިން ބައްދަލުކުރި ދުވަހު ވެސް މި ވާހަކަތައް ވާނީ ދަންނަވާފައި. މިދެންނެވި ފަދަ ގަވާއިދާ ޚިލާފު ކަންކަން ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރޭ،" ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބުތަކާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި ކެންޑިޑޭޓުންނަށް އިރުޝާދު ދީފައިވާ ގޮތުގެ މަތިން، ހުއްދަ ނަގަން ޖެހޭ ފަރާތްތަކުން ހުއްދަ ލިބިގެން ނޫން ގޮތަކަށް، މަގުތަކުގައްޔާއި އިމާރާތްތަކުގައި ކެމްޕޭން އެއްވެސް އެއްޗެއް ހަރުނުކުރުމަށް ވެސް އީސީން އެދޭ ކަމަށް ހަބީބު ވިދާޅުވިއެވެ.

"މި ދެންނެވި ފަދަ ކަންކަން ހުއްޓުވުމަށް، ކޮންމެ ފަހަރަކު، ފުލުހުން ބޭނުންކުރުމަކީ ކޮމިޝަނުން ބޭނުންވާ ގޮތެއްނޫން. އެހެންކަމުން، ޕާޓީތަކުން މިހާރަށް ވުރެ ޒިންމާދާރު ކަމާއެކު، މިފަދަ ކަންކަމުގައި، ޢަމަލު ކުރެއްވުން އެދެން،" ހަބީބް ވިދާޅުވިއެވެ.

ބައެއް ކެމްޕޭން ޕޯސްޓަރުތަކާއި ދިދަތައް ހަރުކޮށްފައިވާ ގޮތުގެ ސަބަބުން ޓްރެފިކް ލައިޓްތައް ނުފެންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އަންނަ މަހުގެ ނުވައެއްގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ އިންތިޚާބެވެ. އެގޮތުން އަށް ކެންޑިޑޭޓުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާއިރު، ބޮޑު ޕާޓީތަކުން ދަނީ ވަރަށް ކުލަގަދަކޮށް ކެމްޕޭން ހަރަކާތްތައް ބާއްވަމުންނެވެ.