ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ނިންމާލައިފިއެވެ.

ތިންވަނަ ދައުރުގެ ތިންވަނަ ޖަލްސާ ފެށިއިރު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ގާނޫނުގެ ދަށުން މަޖިލީހުގެ ކޯރަމް ހަމަވާނީ 22 މެންބަރުންނާ އެކު ކަމަށެވެ.

އެހެންނަމަވެސް މިއަދުގެ މަޖިލީހުގައި އެ އަދަދު ހަމަ ނުވުމުގެ ސަބަބުން މަޖިލިސް ވަނީ ފެށުމާ އެކު ނިންމާލައިފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ގިނަ މެންބަރުންތަކެއް އަންނަނީ ކެމްޕެއިން ދަތުރުތަކުގައި އަތޮޅުތެރެއަށް ދަތުރުކުރަމުންނެވެ. އަދި، ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރައްވާއިރު، ރަނިންމޭޓުންގެ ގޮތުގައި ވެސް މަޖިލިސް މެންބަރުން ތިއްބަވައެވެ. އެކަމާ ގުޅިގެން މިދައުރު ފެށުނުއިރު ވެސް މަޖިލީހުގެ ކުރީ ދެ ޖަލްސާގައި ގިނަ މެންބަރުން ހާޒިރުވެފައެއް ނުވެއެވެ.

އެގޮތުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވެސް އިންތިޚާބުގައި ވާދަކުރައްވައެވެ. އަދި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމެވެ. އިދިކޮޅު ޕީއެންސީގެ ރަނިންމޭޓަކަށް ވެސް ހަމަޖައްސާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

މި ދައުރު ފެށުނީއްސުރެ މިހާތަނަށް އޮތް ތިން ޖަލްސާގައި ވެސް ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވިފައެވެ.

މި ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމާ އެކު ވެސް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއުލާން ކުރެއްވީ އެ މަނިކުފާނު ނިސްބަތްވާ، ދަ ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީއަށް ސޮއިކުރި ކަމުގެ ސިޓީ މަޖިލީހަށް ނުލިބޭތީ ކޮމިޓީތައް ކަނޑައެޅުން ކުރިއަށް ނުގެން ދެވޭނެ ކަމަށެވެ. އެ ކަމާ ގުޅިގެން، މަޖިލިސް ހޫނުވެ، ތިން މެންބަރެއްގެ ނަން އިއްވައި، ޖަލްސާ ވަނީ ނިންމާލާފައެވެ.

ދެވަނަ ޖަލްސާގައި ވެސް ވަނީ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ދަފުތަރަށް އައި ބަދަލާއި ގުޅޭ މައްސަލަ އެޖެންޑާ ކުރެވިފައެވެ.

އެހެންނަމަވެސް އެޖެންޑާއާ އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދިޔުމަށް ވަނީ ހުރަސްތަކެއް ދިމާވެފައެވެ.

މިއަދުގެ ޖަލްސާގައި ވެސް ވަނީ ހަމަ އެ މައްސަލަ އެޖެންޑާ ކުރެވިފައެވެ. އެހެންނަމަވެސް ކޯރަމް ހަމަ ނުވުމާ އެކު ޖަލްސާއެއް ނުބޭއްވުނެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ ތެރޭ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެމްޑީޕީ ދޫކޮށްލާފައެވެ. އެއާ އެކު މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެކު، މިދިޔަ ދައުރުގެ ފަހުކޮޅު ވެސް މަޖިލީހުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. އެކަމަކު، ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ، ދާއިމީ ކޮމިޓީތައް ފަހުން އެކުލަވައިލިއެވެ. އެހެންނަމަވެސް ނަޝީދަށް ތާއިދުކުރާ މެންބަރުން އުފެއްދި ޕާޓީ 'ދަ ޑިމޮކްރެޓްސް'އަށް އެ މެންބަރުން ސޮއިކުރުމުން އަނެއްކާ ވެސް މަޖިލީހުގެ ކޮމްޕޮޒިޝަނަށް ވަނީ ބަދަލު އައިސްފައެވެ.

ކޮމިޓީތައް އެކުލަވައިނުލެވި ލަސްވުމުގެ ސަބަބުން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް އޮތީ ހުއްޓިފައެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތައް ވަނީ އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން އަމާޒުވެފައެވެ.

މީގެ އިތުރުން މި ފަހުން މަޖިލީސް މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުގައި ރިޝްވަތުގެ އަމަލުތައް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ, ނަޝީދު ވަނީ އެކަން ބައްލަވާ ދެއްވުމަށް އެދިވަޑައިގެން ފުލުހަށް ވެސް ހުށަހަޅާފައެވެ.