09 May 2012, 13:25
އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީމެއްމީގެ ކުރިން ބަލިނުވާތާ ތަފާތުބޮޑު ނަތީޖާއެއް ކަމަށްވާ 7-1 އިން ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ރޭ ކުވައިތު ސްޕޯޓްސްއަތުން ވީބީ ބަލިވެއްޖެ އެވެ.
މީގެ ކުރިން އެންމެ ތަފާތުބޮޑުކޮށް ބަލިވެފައިވަނީ މެލޭޝިޔާގެ ޕާލިސް އަތުން 2006 ވަނަ އަހަރު ނިއު ރޭޑިއަންޓެވެ.
މުހިންމު ކުޅުންތެރިންތަކެއް ނުލައި ރޭ ކުވައިތާ ދެކޮޅަށް ނިކުތްއިރުވެސް ވިބީ އޮތީ މުބާރާތުން ކަޓައިފައެވެ.
ރޭގެ މެޗުގައި ކުވައިތުން ވީބީ ކޮޅަށް ޖެހި ހަތް ވަނަ ގޯލަކީ ވީބީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި މެޗުގައި ވީބީން ކުވައިތު ކޮޅަށް ޖެހި އެޓީމްގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ކާމިޔާބުކޮށްދިނީ އަހުމަދު ނާޝިދު (ނާއްޓޭ) އެވެ.
ރޭގެ މޮޅާއެކު ދެ ވަނަ ބުރުން ޖާގަ ހޯދައިފައިވާ ކުވައިތައް 11 ޕޮއިންޓާއެކު ފުރަތަމަ ބުރުން ގްރޫޕްގެ ދެ ވަނަ ލިބުނުއިރު، ފުރަތަމަ ބުރުގެ އެއްވަނަ ލިބިފައި ވަނީ 14 ޕޮއިންޓާއެކު އޮތް އަލް އިއްތިފާގަށެވެ. އަދި ގްރޫޕްގެ ތިން ވަނަ ލިބިފައި ވަނީ ހަތް ޕޮއިންޓާއެކު އޮތް ލުބުނާންގެ އަލް އަހަދަށެވެ. ގްރޫޕްގެ ފުލުގައި ވީބީ އޮތީ އެންމެ ޕޮއިންޓަކާއެކު އެވެ.