28 Aug 2023, 08:40
މީގެ ފަސް އަހަރު ކުރިން ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއާ އެކު ގުގުމާލި ފިލްމު "އަންދާދުން"ގެ ސީކުއަލްއަކަށް ތައްޔާރުކަމަށް ފިލްމު ލީޑް ރޯލު ކުޅެފައިވާ އެކްޓަރު އަޔުޝްމާން ކުރާނާ ބުނެފިއެވެ.
މި މަހުގެ 25ގައި ރިލީޒްވި އަޔުޝްމާންގެ ފިލްމު "ޑްރީމް ގާރލް2"އަށް ލިބެމުން އަންނަ ކާމިޔާބީއާ ބެހޭ ގޮތުން ވާހަކަދައްކަމުން އަޔުޝްމާނު ބުނީ "ޑްރީމް ގާލް2"ވެސް އެއީ ސީކުއަލްއެއް ކަމަށާއި ބެލުންތެރިން މިފަދަ ފިލްމުތައް ބަލަން މާ ބޮޑަށް ޝައުގުވެރިވާ ކަމަށެވެ.
ފިލްމު "ޑްރީމް ގާރލް"އިން ބަތަލާ ނުޝްރަތުއާ އެކު އަޔުޝްމާން ފެނުނުއިރު މި ފަހަރުގެ ސީކުއަލްގައި އަޔުޝްމާންއާ އެކު ފެންނާނީ ބަތަލާ އަނަނިޔާ ޕާންޑޭއެވެ. ކެރިއަރުގައި ކުޅެން ޝައުގުވެރިވާ ފިލްމުތަކާ ބެހޭ ގޮތުން ވާހަކަދައްކަމުން އަޔުޝްމާނު ބުނީ އަބަދު ވެސް ތަފާތު ކޮންސެޕްޓްތަކުގެ ސްކްރިޕްޓްތަކަށް އިންތިޒާރު ކުރެވޭ ކަމަށެވެ. ފިލްމު "އަންދާދުން"ގެ ވާހަކަ ނިންމާލިއިރު ވެސް ފިލްމުގައި ކިޔައިދޭ ވާހަކަވަނީ އާއްމުންނަށް ހުޅުވާލެވިފައި ކަމަށާއި އަޔުޝްމާންގެ ކެރެކްޓަ ތަރައްގީ ވާނެގޮތް އެނގެން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެކްޓަރުވަނީ ބުނެފައެވެ.
ވިއަކޮމް 18 މޯޝަން ޕިކްޗާސްއާއި މެޗްބޮކްސް ގުޅިގެން ގެނެސްދިން ފިލްމު "އަންދާދުން"އަކީ 32ކްރޯޑް ރުޕީސްއިން އުފައްދާ ބޮކްސްއޮފީހުގައި 456.89ރުޕީސް ވިޔަފާރީގެގޮތުގައި ލިބުނު ފިލްމެކެވެ. މިފިލްމުގައި އަޔުޝްމާން ދައްކުވައިދިނީ ލޯފަން މީހެއްގެ ދިރިއުޅުމެވެ. މިފިލްމުގައި އަޔުޝްމާނު ކުޅުނު ރޯލާއެކު އެއަހަރުގެ އެންމެ މޮޅު އެކްޓަރުގެ ޤައުމީ އެވޯޑްވެސް އެކްޓަރަށްވަނީ ލިބިފައެވެ. ފިލްމު "ޑްރީމް ގާރލް2"އަށްފަހު އަޔުޝްމާން އިތުރު ފިލްމަކަށް ސޮއިކުރިކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. އަޔުޝްމާންގެ ކެރިއަރުގެ ކާމިޔާބު ފިލްމުތަކުގެތެރޭ "ބަދާއިހޯ"، "ޝުބް މަންގަލް ސާވްދާނު" އަދި "ދަމް ލަގާކޭ ހައިޝާ" ހިމެނެއެވެ.