ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ ފޮތް މައުރަޒު އަންނަ މަހުގެ 20 އިން 22އަށް ބޭއްވުމަށް ނިންމާ، ބައިވެރިވާން ހުޅުވާލައިފިއެވެ.

އެ މައުރަޒުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ލިޔުންތެރިންނަށް އޮންލައިންކޮށް ރަޖިސްޓާ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ބައިވެރިވާން ހުޅުވާލާފައިވަނީ އެއްވެސް ފީއަކާ ނުލައެވެ.

އެމްއެންޔޫއިން ބުނީ މިއަހަރުގެ އިވެންޓު ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރުފަހު، 02:00އިން ރޭގަނޑު 10:00އަށް އަދި ހުކުރުދުވަހު ހަވީރު 04:00އިން ރޭގަނޑު 10:00އަށް ކުރިއަށްދާނެ ކަމަށެވެ.

އެމްއެންޔޫއިން ބުނީ އެ ފޮތް މައުރަޒު ބޭއްވުމުގެ މަގުސަދަކީ، ދިވެހި އުފެއްދުންތެރިންނަށް ހުނަރު އާންމުކޮށް ދައްކާލެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމާއި، ޝާއިއު ނުކުރެވި ހުރި އާ ފޮތްތައް ފަދަ އުފެއްދުންތައް އާންމުންނާ ހަމައަށް ގެނެވޭނެ މާހައުލެއް އުފެއްދުން ކަމަށެވެ.

އަދި، ފޮތަށް އަހުލުވެރިކުރުވުމާއި، ޝައުގު އިތުރުކޮށްދިނުމުގެ އިތުރުން، ލިޔުންތެރިންނަށް ފޮތް ވިއްކޭނެ މާހައުލެއް އުފެއްދުން ވެސް ހިމެނެއެވެ.