09 May 2012, 13:24
މަޝްހޫރު ބޮޑެތި ކުލަބުތަކުގެ ހުށަހެޅުންތައް ލިބެމުންދިޔަ ކަމުގައިވިޔަސް، އަދިވެސް ބޭނުން ވަނީ ސަންޓޯސްގައި މަޑު ކުރަން ކަމަށް ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ އަނެއްކާވެސް ބުނެފި އެވެ.
ބްރެޒިލްގެ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ގޮރާނީއާއި ދެކޮޅަށް ކުޅުނު މެޗް ސަންޓޯސްއިން 3-0 ލަނޑުން ކާމިޔާބުކޮށް، މިސީޒަންގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ހޯދުމަށް ފަހު ނޭމާ ބުނީ، ޔޫރަޕްގެ މަޝްހޫރު ދެ ކުލަބުގެ އިތުރުން އެފްރިކާގެ ދެ ކުލަބަކުން ވެސް ދާދި ފަހުން ހުށަހެޅުންތަކެއް ލިބުނު ނަމަވެސް، ސަންތޯސްގައި މަޑުކޮށްގެން ހުރީ ހިތްހަމަޖެހުމާއެކު ކަމަށެވެ. އަދި ސީޒަންގެ އެންމެ ގިނަ ގޯލްޖެހުމުގެ ރިކޯޑް ލިބުމުން އުފާވާކަމަށް ވެސް ނޭމާ ބުންޏެވެ.
ނޭމާ ވަނީ މިސީޒަންގައި ސަންޓޯސްއަށް 104 ލަނޑު ކާމިޔާބުކޮށް ރެކޯޑް ހަދައިފައެވެ. މީގެ ކުރިން މިރެކޯޑް އޮންނަނީ 103 ލަނޑު ޖެހި ޖޮއާއޯ ޕޯލޯއާއި ސަރޖީނިއޯ ޗުލަޕާއަތުގައެވެ.
"އަހަރެން ބޭނުމެއް ނޫން ސަންޓޯސް ދޫކޮށް ދާކަށް. އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހުމާއެކު. ގޯލް ޖެހުމުގެ ރިކޯޑް ލުބުމުން ވެސް ވަރަށް އުފާވޭ."އުމުރުން 20 އަހަރުގެ ނޭމާ ބުންޏެވެ.
ނޭމާ ބުނީ، ޔޫރަޕްގެ މަޝްހޫރު ދެ ކުލަބުގެ އިތުރުން އެފްރިކާގެ ދެ ކުލަބަކުން ވެސް ދާދި ފަހުން ހުށަހެޅުންތަކެއް ލިބުނު ނަމަވެސް، އެ ހުށަހެޅުންތަކަށް އިންކާރުކުރީ، 2014 ވަނައަހަރު އަމިއްލަ ގައުމުގައި އޮންނަ ވޯލްޑް ކަޕަށް ވިސްނާފައި ކަމަށެވެ. އެގޮތުން ވޯޑް ކަޕް ބްރެޒިލްއަށް ކާމިޔާބު ކުރެވެން އަދި އޮތީ ސަންޓޯސްގައި މަޑު ކުރުމުން ކަމަށް ވެސް ނޭމާ ވަނީ ބުނެފައެވެ.
ސަންޓޯސް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓް ނޭމާ އާކުރީ ދާދި ފަހުންނެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން އެކުލަބާއި އެކު 2014 ވަނަ އަހަރާއި ޖެހެންދެން ހުންނާނެ ކަމެވެ. ކޮންޓްރެކްޓް އާކުރުމުން ނޭމާ ހޯދުމަށް މަސައްކަތް ކުރާ ކުލަބުތަކަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިވެފައި ވެ އެވެ.