ދިވެހި ހުރިހާ ރައްޔިތުން ދެކެ ވެސް ލޯބިވާ ބީދައިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެކެ ވެސް ލޯބިވެވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް މިއަދު ކުރަނީ ގައުމީ މަސައްކަތެއްކަމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ގާސިމްގެ ކެމްޕޭން ޖަލްސާއެއްގައި އެމަނިކުފާނު ވެސް ސިޔާމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވަމުންނެވެ.

ތ. ތިމަރަފުށީގައި ވާހަކަފުޅުދައްކަވަމުން ސިޔާމް މިރޭ ވިދާޅުވީ އެމަނިކުފާނު ވެސް ދިވެހި ރައްޔިތުން ދެކެ ލޯބިވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކަށް އުޅޭ ބޭފުޅެއް ނ. އަތޮޅުގެ ރަށެއްގައި މި ވިދާޅުވަނީ ސިޔާމް ހުންނާނީ ތިމަންނަމެންނާއެކުއޭ. ގާސިމް އިބްރާހީމް މި ވިދާޅުވަނީ ސިޔާމް ހުންނާނީ ތިމަންނަމެންނާ އެއްކޮންނޭ. ސިޔާމަކީ ތިމަންނަ ވަރަށް ލޯބިވާ މީހެކޭ،"

"އަޅުގަނޑު ދަންނަވަން އަޅުގަނޑަކީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ދެކެ ވަރަށް އިންތިހާއަށް ލޯބިވާ މީީހެއް،" ސިޔާމް ވިދާޅުވިއެވެ.

ނަމަވެސް މިއަދު އެމަނިކުފާނު ހުންނެވީ ގައުމީ މަސައްކަތެއްގައިކަމަށް ސިޔާމް ވިދާޅުވިއެވެ.

"ގާސިމަކީ ވެސް އަޅުގަނޑު ލޯބިވާ މީހެއް، އެހެންނަމަވެސް އަޅުގަނޑު މި ހުރީ ގައުމީ މަސައްކަތެއްގައި އައިސް،"

ސިޔާމް ވިދާޅުވީ އެ ގައުމީ މަސައްކަތުގައި ފެޔަށް ޖެހި ގައުމަށް ދެރަ ގޮތެއްވުމަކީ އެއްގޮތަކަށް ވެސް ބޭނުންވާނެ ގޮތެއް ނޫންކަމަށެވެ.

އެއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއެކު މަސައްކަތްޕުޅު ކުރައްވާ ސަބަބުކަމަށް ސިޔާމް ވިދާޅުވިއެވެ.

އެގޮތުން އެ މަނިކުފާނު ވިދާޅުވީ އިގްތިޞާދު ދެގުނަކޮށް އުފާވެރި އަމާން ރާއްޖެއެއް ބިނާކުރުމަކީ މި ވަގުތު ކުރަން އޮތް މަސައްކަތްކަމަށެވެ.

"އަޅުގަނޑުގެ ރައީސަކީ ޖޯކް ބޭފުޅެއް ނޫން،" ސިޔާމް ވިދާޅުވިއެވެ.

އެއާއެކު އޭނާ ވިދާޅުވީ މިހާތަނަށް އެ މަނިކުފާނަށް ފެނިވަޑައިގެން އެންމެ ހިކުމަތްތެރި ލީޑަރަކީ ރައީސް ޞާލިހު ކަމަށެވެ.

މީގެ އިތުރުން ސިޔާމް ވިދާޅުވީ ކޮންމެ ކަމެއް ވެސް ހާސިލްކުރެވޭނީ އެ ކަމެއް ކުރުމުގެ ޝައުގާއެކުކަމަށެވެ.

"ޝައުގުވެރިކަމެއް ނެތި މަސައްކަތްކުރާ އެއްވެސް މީހަކު ކާމިޔާބެއް ނުވާނެ. އަޅުގަނޑުމެން ދަހިވެތިވާންވީ އަޅިގަނޑުމެންގެ ރައްޔިތުންނަށް ކަންކަން ކޮށްދޭން،" ސިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސުންނާއި މަޖިލިސް މެމްބަރުންނާއި، ކައުންސިލްތަކުގެ ވެރިން ވެސް މަސައްކަތް ކުރަންވާނީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް ކަމަށެވެ.