ބޮލީވުޑްގެ ކުރީގެ އެކްޓަރު ސުޝާންތު ސިންގް މަރުވުމުގެ ކުރިން ދިރިއުޅެމުން އައި ފްލެޓް ބަތަލާ އަދާ ޝަރުމާ ގަނެފިއެވެ.

އިންޑިއާގެ ބަންޑްރާގައި ހުންނަ މި ފްލެޓަކީ ޒުވާން އެކްޓަރު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ފްލެޓް ވެސްމެއެވެ. ފިލްމު "ދަ ކެރެލާ ސްޓޯރީ"އިން ބޮޑު މަގުބޫލުކަމެއް ލިބުނު ބަތަލާ މޮންޓް ބްލާންކް އެޕާޓްމަންޓުގައި ހުންނަ މި ފްލެޓް އަމިއްލަ ނަމަށް ބަދަލުކޮށްފައިވާކަން މީޑިއާ ރިޕޯޓުތަކުންވަނީ ކަށަވަރުކޮށްދީފައެވެ.

ސުޝާންތު ސިންގްގެ މަރަށް ފަހު މި ސަރަޙައްދު ވަރަށް ގިނަ ދުވަސްތަކެއްވަންދެން ވަނީ ބަންދުކުރުމަށް ފަހު ހުޅުވާލާފައެވެ.

ބަތަލާ އަދާ ޝަރުމާ މި ފްލެޓް ގަނެފައިވީ ނަމަވެސް އެ ތަނުގައި ދިރިއުޅެން ފަށާނީ ކޮން އިރަކުކަމެއް އަދި ނުނިންމައެވެ.

ސުޝާންތުގެ ވަރަށްގިނަ ހަނދާންތަކެއް ގުޅިފައިވާ މި ފްލެޓް ކުރިއަށް ވުރެ ބޮޑު އަގުގައި ވިއްކާލުމަށް މޮންޓް ބްލާންކް ކުންފުނިން އިއުލާނުކުރުމާ އެކު ވަރަށް ގިނަ ބަޔަކު އެ ކަމަށް ޝައުގުވެރިވިއެވެ. އެ ކުންފުނީގެ އަމިއްލަ އިންސްޓަގްރާމްގައި އަދާ ޝަރުމާ ފްލެޓް ގަނެފައިވާކަން އިއުލާނުކުރުމާ އެކު ސުޝާންތުގެ ގިނަ ސަޕޯޓަރުން ވަނީ ބަތަލާއަށް ތަޢުރީފު ކޮށްފައެވެ. އެގޮތުން ބައެއް ސަޕޯޓަރުން އަދާ ޝަރުމާއަކީ ހިތްވަރުގަދަ ބަތަލާއެއް ކަމަށް ބުނެފައިވާއިރު އަނެއްބަޔަކު ބުނެފައިވަނީ ސުޝާންތު ދިރިއުޅުނު ގޭގައި އުޅޭނެ ހިތްވަރު ލިބޭނީ ސުޝާންތެކޭ އެއްގޮތަށް ފިލްމު އިންޑަސްޓްރީއިން ބޭރުން އެކްޓިންގް ދާއިރާގައި މަސައްކަތް ކުރާ ފަރާތަކަށް ކަމުގައެވެ.

މުމްބާއިގެ މޫދު ސަރަޙައްދުގައި ހުންނަ ހިތްފަސޭހަ މި ފްލެޓަކީ ސުޝާންތު މަރުވުމުގެ ކުރިން 4.5 ލައްކަ ރުޕީސް ދައްކަމުންއައި ދެ ފަންގިފިލާގެ އެޕާޓްމަންޓެކެވެ. ފިލްމު "ދަ ކެރެލާ ސްޓޯރީ"ގެ ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ޑިޒްނީ ހޮޓް ސްޓާގައި މިމަހުގެ 11 ވަނަ ދުވަހު ސްޓްރީމް ކުރަން ފެށި ސީރީސް "ކޮމަންޑޯ"އިންނެވެ.