28 Aug 2023, 00:15
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ އޮފިޝަލުންނަށް ވުމަށް ކުރިމަތިލި ބައެއް މީހުންގެ ފަރާތުން އެއްބާރުލުން ނުލިބޭތީ، އަލުން އޮފިޝަލުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް 5،500 އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ކުރި އިއުލާނާއި އެއްގޮތަށް އޮފިޝަލުން ހަމަވެފައިވާ ކަމަށާއި އަދި އޮފިޝަލުން ހޯދުމުގައި އެއްވެސް ދަތިކަމެއް މިހާރު ނެތް ކަމަށް އެ ކޮމިޝަލުން މީގެ ކުރިން ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު "ސަން"އަށް މިރޭ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް މާލޭ ސަރަހައްދާއި އަތޮޅުތަކުގައި ކުރިއަށް ދާ ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ބޭނުންވާ ވަރަށް އޮފިޝަލުން ލިބުނު ކަމަށާއި ނަމަވެސް، ޓްރެއިނިން ޕްރޮގްރާމްތަކަށް އަންނަން ގުޅުމުން އެކަމަށް އިޖާބަ ނުދޭތީ، އޮފިޝަލުން އިތުރަށް ނަގަންޖެހެނީ ކަމަށެވެ.
"އޮފިޝަލުންނަށް ވުމަށް ގާތްގަނޑަކަށް 600 ވަރު މީހުން އެދިފައި އެބައުޅޭ ޓްރެއިނިންއަށް ގުޅީމަ ނާންނަ. އެމީހުން އައި ނަމަ އިތުރަށް ބޭނުމެއް ނުވާނެ. އެހެންވީމަ ރިޒާވް ފޯސް އެއްކޮށް އެ ދިޔައީ. މައްސަލައެއް ޖެހިދާނެތީ އިތުރަށް މި ބޭނުން ވަނީ،" ހަބީބު ވިދާޅުވިއެވެ.
އޮފިޝަލުންނަށް ވުމަށް އެދި ކުރިމަތިލުމުގެ ސުންގަޑި ހަމަަވާނީ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ 13:00އަށެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ދިވެހީން ގިނައިން ދިރިއުޅޭ ބޭރުގެ ފަސް ގައުމެއް ހިމެނޭހެން މުޅި ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ވޯޓު ލާ މަރުކަޒުތަކުގައި މަންދޫބުންގެ ގޮތުގައި ހަރަކާތްތެރި ވުމަށް 17،00އަށް ވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ހުރިހާ މަރުހަލާތަކެއް ނިންމުމަށް ފަހު، ފައިނަލް ލިސްޓް އާންމުކުރި އިރު ޖުމުލަ 282،395 މީހުންނަށް ވޯޓް ދިނުމުގެ ހައްގު ލިބެއެވެ.
ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވައި ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަ ކުރައްވައެވެ.