ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ އެއްބަސްވުމުގައި ސޮއިކޮށް، އިން ކަނޑައި، ގޯތި ދޭން ފަށައިފިއެވެ.

މިއަދު ހަވީރު ހުޅުމާލެ ސިންތެޓިކް ޓްރެކް ސަރަޙައްދުގައި ވަނީ ގޯތި ލިބޭ މީހުންގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފައެވެ. އެގޮތުން މިއަދު ވަނީ 30 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދީފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އެމީހަކަށް ގޯތި ލިބޭ ސަރަޙައްދަށް ގެންގޮސް ގޯތި އިންފާރު ވަކިކޮށް ރޯނު ދެމުމަށްފަހު ރަސްމީކޮށް ބިން ހަވާލުކުރަން ވަނީ ފަށައިފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ އެއްބަސްވުމުގައި ސޮއިކޮށް، އިން ކަނޑައި، ގޯތި ދިން ސަރަޙައްދުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވާހަކަދައްކަވަނީ-- ސަން ފޮޓޯ/ މާހިލް އާތިފް

ސިންތެޓިކް ޓްރެކްގައި ހުންނަވާ މީޑިއާތަކާ ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ، ވަރަށް ގިނަ ބަޔަކު ހީކުރަމުން ދަނީ މިއަދު ދޫކުރަން ފަށާފައި ވަނީ ވިއްކާފައިވާ ގޯތިތައް ކަމަށެވެ. އެހެންނަމަވެސް އެއީ ދޮގެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރަޖިސްޓްރީ ހަވާލުކުރާނީ ބިން ކެނޑުމަށް ފަހު. އެހެެންވެ، މިއަދު މި ފެށުނީ އެ މަސައްކަތް. ކޮންމެ ދުވަހަކު ވެސް ބިން ކަނޑަމުން ދާނީ، ގުޅީފަޅުން ވެސް، ގިރާވަރުން ވެސް ކެނޑެމުން ދާނެ." އަކުރަމް ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ ހުޅުމާލޭގެ އިތުރުން، ގިރާވަރު ފަޅުންނާއި ގުޅީފަޅުން ވެސް ގޯތި ކަނޑަމުންދާނެ ކަމަށެވެ. އަދި ގޯތި ހަވާލުކުރުމަށްފަހު ދެވޭ ރަޖިސްޓްރީގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށާއި އެއީ ސައްޙަ ރަޖިސްޓްރީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ރަޖިސްޓްރީއަކީ ގާނޫނީ ގޮތުން ސައްހަ ރަޖިސްޓްރީއެއް، މިއަކަށް އިތުރު ސުވާލެއް ނުއުފެދޭނެ. އަޅުގަނޑުމެން މި ރަޖިސްޓްރީ ކޮށްދެމުން މި ދަނީ އެގްރިމެންޓާ އެެއްގޮތަށް. މޮޓޮރައިޒްކޮށްދެއްވަނީ ގާނޫނީ ވަކީލުން." އަކުރަމް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ އެއްބަސްވުމުގައި ސޮއިކޮށް، އިން ކަނޑައި، ގޯތި ދިނުން-- ސަން ފޮޓޯ/ މާހިލް އާތިފް

ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުން

އިން ކެނޑުމަށް ފަހު ގޯތި ލިބުނު ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ޝުޢޫރުތައް 'ސަން' އާ ހިއްސާކޮށްފައެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ފާހަގަކޮށްފައި ވަނީ މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ.

"މިއީ ވަރަށް ގިނަ ދުވަހެއްގެ އިންތިޒާރަށް ނިމުމެއް އައި ދުވަސް. ފްލެޓް ދޭނަމޭ ގޯތި ދޭނަމޭ ކިޔާފަ ކޮންމެ ފަހަރަކު ވެސް ވަރަށް ބައިވަރު ވާހަކަތައް ދައްކާނެ. އަބަދުވެސް ކޮންމެސް ޝަރުތެއް އުނި ވަނީއޭ ކިޔާފަ ނިންމާލާނެ." ގޯތި ލިބުނު މީހަކު ބުންޏެވެ.

އޭނާ ބުނީ މި ފަހަރު ގޯތި ލިބިގެން ދިޔައީ އެހެން ފަހަރު ވެސް ލާ ޑޮކިއުމަންޓްތައް ލައިގެން ކަމަށެވެ.

"އަޅުގަނޑުމެން ބައްޕަމެން ޒަމާނުއްސުރެ ވެސް ގޯއްޗެއް ނުލިބޭ. ވަރަށް ހާލުގަ އުޅެނިކޮށް ގޯތި މިއަދު މި ލިބުނީ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ފެށުމެއް ކަމަށް ގަބޫލުކުރަނީ." އެހެން މީހަކު ބުންޏެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ އެއްބަސްވުމުގައި ސޮއިކޮށް، އިން ކަނޑައި، ގޯތި ދިން ސަރަޙައްދުގައި-- ސަން ފޮޓޯ/ މާހިލް އާތިފް

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ކައުންސިލްތަކުން ކުރިން ދޫކުރަމުން އައި ގޯތިތަކުގެ ރަޖިސްޓްރީ ސީދާ ޕްލޭނިން މިނިސްޓްރީއަށް ދޫކުރެވޭ ގޮތަށް އިއްޔެ ވަނީ ގަވާއިދަށް އިސްލާހު ގެނެސްފައެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. މާލޭ މީހުންނަށް ހުޅުމާލޭންނާއި ގުޅިފަޅުންނާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކުރަން ވަނީ ހަމަޖެހިފައެވެ.