އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވުމުން ބަދަލުގައި ޕީއެންސީން ނިކުންނަވާ ޑރ. މުޙައްމަދު މުއިއްޒާއި، ރައީސް ޔާމީނާ އެއްވެސް ތަފާތެއް ނުހުންނާނެ ކަމަށާއި މުއިއްޒަށް ފުރުސަތު ދީފިނަމަ ތަންފީޒު ކުރައްވާނީ ރައީީސް ޔާމީންގެ އަނިޔާވެރި ސިޔާސަތުތައް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ތ. ހިރިލަންދޫގައި އޮތް ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އުފާވެރި އަމާން ރާއްޖެއަކަށް މަސައްކަތް ފެށުނީ އަދިކިރިޔާ ކަމަށެވެ.

ސަބަބަކީ މި ދައުރުގައި ކުރެވުނު މަސައްކަތްތަކަކީ މި ހުރިހާ ދުވަހު ސަރުކާރުތަކުން އިހުމާލުވެފައި އޮތް ރަށްތަކުގެ އެންމެ އަސާސީ ޚިދުމަތްތައް މި ސަރުކާރަށް ފުރިހަމަކޮށްދޭން ޖެހުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިއީ އިންސާނުން އުޅުނު ގައުމެކޭ. ވެރިކަން ކުރިއޭ. އެހެން ނަމަވެސް މިއިން ކަމެއް ހަނދާނަކު ނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ތ. ހިރިލަންދުއަށް ވަޑައިގަންނަވަނީ -- ފޮޓޯ/ އެމްޑީޕީ

ރައީސް ވިދާޅުވީ މިދިޔަ ދައުރުގައި ރާއްޖޭގައި އަމާން ކަމެއް ނެތްކަމަށެވެ. އަދި މަޖިލިސް މެމްބަރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނަށް ވެސް ތިބެން ޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށެވެ.

"މިނިވަން އިންސާފުވެރި ކަމާއެކުގައި ޝަރީއަތެއް ހިންގަނީ ކިހިނެއްތޯ. ކިރިޔާ ވެސް އެކަހަލަ ކަމެއް ފަނޑިޔާރަކު ދައްކައިލައިފިއްޔާ ކޯޓަށް ވަދެ އެ ފަނޑިޔާރަކު ގެންގޮސް އެބަ ހައްޔަރުކުރޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިނިވަންކަމާއެކީ ބަހުސެއްކޮށް ސަރުކާރަށް ފާޑެއް ކިޔާލަން ޚިޔާލެއް ކޮށްލިޔަސް ތަޅު އަޅުވައިލައި،" ރަައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް މުއިއްޒާއި ރައީސް ޔާމީންގެ ސިޔާސަތުތަކުގައި ތަފާތެއް ނުހުންނާނެ ކަމަށެވެ.

"ނިކުމެ ވަޑައިގެން އެ ހުންނެވީ ހަމަ އެކަކު އެހެން ސިފައެއްގައި. އެއަކު ނެތް ތަފާތެއް. ހަމަ އެއްކަމެއްކުރާނީ. ސިޔާސަތުތަކަކީ އެކައްޗެއް. ދެން ތިއްބެވި ބޭފުޅުންނަށް މާ ބޮޑަށް ނުބެއްލެވިއަސް އެއީ ގޯހަކަށް ނުވާނެ. އެހެންނަމަވެސް މިއާ ދޭތެރޭގައި ތި ބޭފުޅުން ފުންކޮށް ވިސްނަވަންވާނެ،" ރައީސް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންގެ ވާދަވެރިންގެ ސިޔާސަތާއިި ވިސްނުން އޭރު ވެސް ހުރި ގޮތް. މިއަދު އެ ކަަމަށް ބަދަލެއް ނާދޭ،" ރައީސް ވިދާޅުވިއެވެ.

ހަމަޖެހުމާއި ސުލްހައިގައި މުޅި ރާއްޖެ ތަރައްގީކުރުމަށް މި ސަރުކާރު މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ނޫން ގޮތެއް މި ރާއްޖެއަކަށް އަދިއެއް ނެތް. އަދި ނުފެނޭ،" އަމާން ރާއްޖެއަކަށް ދެވޭނީ މި ސަރުކާރު ދެވަނަ ދައުރަކަށް ގެންގޮސްކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެކަނި ކުރެވޭނެ ކިތަންމެ ކަމެއް ހުންނާނެކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން އަދި ސަރުކާރެއް ހިންގޭނީ ތަފާތު ޚިޔާލުޔަކުގެ ސިޔާސީ ވެރިން އެކުވެކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ ކުރަން އުނދަގޫ ކަމެއް ނަމަވެސް އެ ކަން މި ސަރުކާރުން ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

"ތަފާތު ވިސްނުމުގެ މީހުންނާއެކީ މަޝްވަރާ ކުރެވެންޖެހޭނެ. އަޅުގަނޑުމެންގެ އެބަހުރި އެ ހިތްވަރު،" ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރެއްގައި ހިރިލަންދުއަށް ރައީސްގެ ވައުދުތައް:

  • ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން

  • ބަނދަރު ބޮޑުކޮށް އިތުރަށް ތަރައްގީކުރުން
  • މަސްކިރޭ ގޮތް ހަދައި ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުން
  • އިސްލާމީ މަރުކަޒެއް އެޅުން
  • ސިއްހީ ޚިދުމަތްތައް ފުރިހަމަކުރުން

ތ. އަތޮޅަށް ރައީީސްކުރައްވާ ދަތުރުފުޅުގައި މި އަތޮޅުގައި އެ މަނިކުފާނު ވަގުތު ތަން ނުދޭތީ ވަޑައިނުގެންނެވޭ ތިން ރަށެއް އެބައޮތެވެ. އެއީ އޮމަދޫއާއި، ވަންދޫގެ އިތުރުން، ކަނޑޫދޫއެވެ. އެއާއެކު ރައީސްވަނީ އެ ތިން ރަށުގައި ދެވަނަ ދައުރެއްގައި ހިންގަވާނެ މަޝްރޫތައް ރައީސްވަނީ ހާމަކުރައްވައިފައެވެ.

ދެވަނަ ދައުރެއްގައި އޮމަދޫގައި ހިންގާނެ މަޝްރޫތައް:

  • ސިއްހީ ޚިދުމަތް ތަރައްގީކުރުން

  • ބޮޑެތިި މަގުތައް ޒަމާނިކޮށް ތަރައްގީކުރުން

ދެވަނަ ދައުރުގައި ވަންދޫގައި ހިންގާނެ މަޝްރޫތައް:

  • ރަށުގެ އައު އޮފިސް އިމާރަތް ތަރައްގީކުރުން

  • އައު ސްކޫލެއް ތަރައްގީކުރުން

ދެވަނަ ދައުރުގައި ކަނޑޫދޫގައި ހިންގާނެ މަޝްރޫތައް:

  • ބޮޑެތި މަގުތައް ޒަމާނިކޮށް ތަރައްގީކުރުން

  • އައު އޮފީސް އިމާރާތެއް ތަރައްގީކުރުން