މިއަހަރުގެ ދިރާގް ދިވެހި ލީގުގެ މެޗްތައް ކުޅޭ ޝެޑިއުލް ރޭވިފައިވާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށް ފުރަތަމަ ޑިވިޝަންގެ ހަތަރު ކުލަބަކުން ބުނެފި އެވެ.

އެ ހަތަރު ކުލަބަކީ ނިއުރޭޑިއަންޓް، ކުލަބްއީގަލްސް، ކުލަބް ވެލެންސިޔާ އަދި އޭވައިއެލް އެވެ.

ސަން މީޑިއާ ގްރޫޕްގެ ސަންއެފްއެމް ރޭޑިއޯ ޗެނަލްއިން ގެނެސްދޭ "ސަން އެފްއެމް ކުޅިވަރު ޕްރޮގްރާމުގައި" އިއްޔެ ރޭ ވާހަކަ ދައްކަމުން ނިއުގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، ލީގުގެ ސެޑިއުލް ރޭވިފައިވާ ގޮތާ މެދު ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށާއި އެފްއޭއެމްއިން އެކަން ކޮށްފައި އެވަނީ އެންމެ ރަނގަޅަށް ކަމަށެވެ.

"ދިވެހި ލީގުގެ ސެޑިއުލް ރޭވިފައި ވަނީ ރަނގަޅަށް. ބައެއް ކުލަބުތަކުން ޝެޑިއުލްރޭވިފައިވާ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ވާހަކަ ދައްކާފައި އެވަނީ ބޭރުގެ ލީގްތައް ކުޅޭގޮތް އެއްވެސް ވަރަކަށް ބަލާނުލައި،" މޯހަން ބުންޏެވެ.

އީގަލްސްގެ ކޯޗް އިހުސާން އަބްދުލްޤަނީ (ސާންތީ) ބުނީ، ޝެޑިއުލް ރޭވިފައިވާ ގޮތާމެދު މާބޮޑު ޝަކުވާއެއް ނެތް ކަމަށާއި އެހެންނަމަވެސް ދުވާލު ގަޑީގައި ހުރިހާ މެޗެއް ކުޅުމަށް ވުރެ، ބައެއް މެޗްތައް ރޭނގަޑު ގަޑިއަށް ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެއީ ހަވީރުގަޑީގައި މެޗް ކުޅޭއިރު، ބައެއް ޓީމްތަކުގެ ޕްރެކްޓިސް ކުރާ ވަގުތާ ދިމާވުމުން، މެޗް ބެލުމުގެ އިންތިޒާމްތައް ކުޅުންތެރިންނަށް ނުފެންނާތީ އެވެ. އަދި ސާންތީ ފާހަގަ ކުރި ދެ ވަނަ ކަމަކީ ހަވީރު ކުޅޭ މެޗުގެ ސީޑީ ހޯދުމަށް އެދުމުން، އެކަން ފަސޭހަކަމާއެކު ނުލިބޭތީ އެވެ.
އަދި މީގެއިތުރުން "ސަންއެފްއެމް" ކުޅިވަރު ޕޮރޮގްރާމްގައި ބައިވެރިވި އޭވައިއެލްގެ ކޯޗް މުހައްމަދު އާތިފް (އާތީ) އާއި ވެލެންސިޔާގެ ކޯޗް މުހައްމަދު އިގްބާލް ވެސް ވަނީ މިފަހަރަރުގެ ޝެޑިއުލްރޭވިފައިވާ ގޮތާމެދު، ޖުމްލަކޮށް ހިތްހަމަޖެހޭކަމަށްބުނެ އީގަލްސްގެ ކޯޗް ސާންތީ ދެއްކި ވާހަކައަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ.

ލީގުގެ ސެޑިއުލް ރޭވިފައިވާ ގޮތާމެދު ހިތްހަމަ ނުޖެހޭ ކަމަށް މީގެ ކުރިން މީޑިއާގައި ވާހަކަ ދައްކާފައި ވަނީ ވީބީ އައްޑޫ އެފްސީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) އާއި ވިކްޓަރީގެ ކުރީގެ ކޯޗް އަލީ ސުޒޭނެވެ.

އެގޮތުން މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ "ސަންއެފްއެމް"ގެ ކުޅިވަރު ޕްރޮގްރާމުގައި ވަހަކަ ދައްކަމުން ވިކްޓަރީގެ ކޯޗް ސުޒޭން ބުނެފައި ވަނީ ރާއްޖޭގައި ކުޅެވޭ އެންމެ ބޮޑު ލީގު ކަމުގައިވާ ދިރާގު ދިވެހި ލީގުގެ މެޗްތަކުގެ ޝެޑިއުލް ރޭވުމުގައި އެފްއޭއެމް އިން ދުރާލާ ނުވިސްނާ ކަމަށާއި އެކަން ކުރަނީ ވަރަށް ދޯދިޔާ ސިޔާސަތެއްގެ ދަށުން ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

ދިރާގް ދިވެހި ލީގުގެ ފުޓްބޯޅަ މުބާރާތް މިދިޔަ މަހުގެ 18 ވަނަ ދުވަހު ވީބީ އައްޑޫއެފްސީ އާއި ނިއުރޭޑިއަންޓުގެ މެޗުން ފަށާފައި ވާއިރު، ލީގް ކުރިއަށް ގެންދިއުމަށް އެފްއޭއެމްއިން ޝެޑިއުލް ކޮށްފައި ވަނީ ތިން ބުރަކަށް ބަހާއިލައިގެންނެވެ. އެގޮތުން ތިން ވަނަ ބުރަށް ކޮލިފައި ވާނީ އެންމެ ގަދަ ހަ ޓީމެވެ.

ދިވެހި ލީގުގެ ފުރަތަމަ ބުރުގައި ޖުމްލަ 28 މެޗް ކުޅޭއިރު، ދެ ވަނަ ބުރުގައި ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ 28 މެޗް ކުޅޭ ގޮތަށެވެ. އަދި ތިން ވަނަ ބުރުގައި ކުޅުމަށް ހަމަޖެހިފައި ވަނީ 15 މެޗެވެ.

ދިރާގް ދިވެހި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވީބީ އެވެ.