27 Aug 2023, 17:01
ގައުމެއްގެ ވެރިކަމާ ހަވާލުވާން މަސައްކަތްކުރާ މީހަކުނަމަ ދައްކަންވާނީ ބުއްދި ގަބޫލުކުރެވޭ ދެކޮޅުޖެހޭ ވާހަކަތައްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ތ. ކިނިބިދޫގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބަނގުރޫޓްވާ ގައުމެއްކަމަށް ބުނެ ވާދަވެރި ކެންޑިޑޭޓުން ވާހަކަދައްކާއިިރު ރައްޔިތުން އެ ކަމާމެދު ފުންކޮށް ވިސްނަންޖެހޭކަމަށެވެ.
ސަބަބަކީ ބަނގުރުޓްވާން މިސްރާބުޖަހައިފައިވާ ސަރުކާރެއްނަމަ އެ ކެންޑިޑޭޓުންނަށް ވެސް ސަރުކާރާ ހަވާލުވެ އެ ވައުދުވާ މަޝްރޫއުތައް ހިންގާނެ ފައިސާ ނުހުންނާނެތީކަމަށް ރައީސް ވިދާޅުވިއެވެ.
"އަނެއްކޮޅުން ބަނގުރޫޓްވެފައި އޮތް ސަރުކާރެއްގެ ވާހަކަދައްކަނީ. ފައިސާއެއް ނެތޭ،" ރައީސް ވިދާޅުވިއެވެ.
ނަމަވެސް ވާދަވެރިންގެ އެ ތުހުމަތުތަކާ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ ވާދަވެރިން ވެސް ވައުދުވަނީ ދައުލަތަށް ފައިސާ ވަންނާނެކަން އެނގޭތީކަމަށެވެ. ޚުދު އެ މަނިކުފާނު ވެސް ވައުދުވެވަޑައިގަންނަވަނީ އެ ކަމުގެ ޕްލޭނާއެކު ދައުލަތަށް އާމްދަނީ ވަންނާނެކަން އެނގިވަަޑައިގެންކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިިވެހި ދަައުލަތަކީ ފުދުންތެރި ދައުލަތެއްކަމަށެވެ.
"ދެކޮޅު ޖެހޭ ވާހަކަ ނޫންތޯ ގައުުމެއްގެ ވެރިއަކަށް އަންނައިރު ދައްކަންޖެހޭނީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ވާދަވެރިންގެ މެނިފެސްޓޯތަކުގައި ދެކޮޅުޖެހޭ ވާހަކައެއް ނެތްކަމަށެވެ. އަދި އެ ކެންޑިޑޭޓުން ރަށްރަށަށް އަރައި ދައްކަވާ ވާހަކަފުޅުތަކުގައި 'ހަމަ އަރައިި ލިސްޓެއް ކިޔާލަނީ" ކަމަށް ރައީސް ވިދާޅުވިއެވެ.
"ނަޝީދުގެ ވެރިކަން ފޮރުޅިގެންދިޔަ ގޮތަކީ އިބްރަތެއް"
މި ރަށުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިސްލާހީ މަސައްކަތުގައި 2003ވަނަ އަހަރުންް ފެށިގެން ކުރި މަސައްކަތުގައި ކިނބިދޫގެ ރައްޔިތުންގެ ހިއްސާ އޮތްކަމަށެވެ.
"އީވާން ނަސީމްގެ މަރު ޖަލުގައި ހިނގައިދިޔަ ގޮތާއި އެއާ ގުޅިގެން ބަޑިޖެހުމުގެ ހާދިސާއާއި އެއަށްފަހު 2004ވަނަ އަހަރުގެ އޮގަސްޓް 12،13ގެ އެއްވުމާއި އަދި އެއަށްފަހު 2008ވަނަ އަަހަރު އަޅުގަނޑުމެން ވެރިކަމަކަށް ވަތަން އެދޭ ގޮތަށް އަޅުގަނޑުމެން ކުރި ބުރަ މަސައްކަތް ތިޔަބޭފުޅުން ހަނދާން ހުންނާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ 2008ވަނަ އަހަރު އެކުލަަވައިލެވުނު އެމްޑީޕީގެ ސަރުކާރާއެކު ހެޔޮވެރިކަމެއް ކުރުމުގެ މަސައްކަތް ފެށުނުކަމަށެވެ.
ނަމަވެސް ރަނގަޅަށް އެ ކަން ނުކުރެވެނީސް ވެރިކަން ބަދަލުވާން މެދުވެރިވީކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ވެރިކަން ބަދަލުވި ދުވަހަކީ ސިޔާސީ ފަރާތްތަކާއި ސިފައިންނާއި ފުލުހުން ވެސް އިބްރަތް ހާސިލްކުރަން ޖެހޭ ދުވަހެއްކަމަށެވެ.
"އެހެންނަމަވެސް މުއްދަތު ހަމަނުވެ 2012ވަނަ އަހަރު ސަރުކާރު ބަދަލުވެގެން ދިޔަ ގޮތް އެއީ އަޅުގަނޑުމެން ކޮންމެ މީހަކަށް ލިބުނު ބޮޑު އިބްރަތެއް ފިލާވަޅެއް. އެއީ ސިޔާސީ އެންމެން ވެސް ހަނދާން ކުރަންޖެހޭނެ ދުވަހެއް، ހުރިހާ ރައްޔިތުން ވެސް،" ރައީސް ވިދާޅުވިއެވެ.
އެ ވެރިކަން ބަދަލުވުމާއެކު އެމްޑީޕީގެ މެމްބަރުންނަށް ކުރިމަތިލާން ޖެހުނީ އަނިޔާވެރި ދުވަސްތަކަކާކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ގާތްގަނޑަކަށް ހަ އަހަރު ޖަލުގެ އަނިޔާގައާއި ޕެޕާ ސްޕްރޭގެ ވޭން ތަހައްމަލުކުުރުމުގައި ހޭދަކުރަން މަޖުބޫރިވި ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެ އަނިޔާވެރި ދުވަސްތަކަށް ރައްޔިތުން ނިމުމެއް ގެނައީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުންކަމަށް ރައީސް ވިދާޅުވިއެވެ.