27 Aug 2023, 15:20
ދަހޭގް (27 އޮގަސްޓް 2023): އެފްރިކާގެ ކަޅު ނަސްލުގެ މީހުން އަޅުންގެ ގޮތުގައި އެޓްލާންޓިކް ކަނޑު ހުރަސްކޮށް އެމެރިކާއަށް ގެންގޮސް ވިއްކައިގެން އިނގިރޭސިވިލާތުން ހިންގި ބޮޑު އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށް ބަދަލުނުދީ, އެޖަރީމާތަކުގެ ޒިންމާ އުފުލުމަށް ދުނިޔޭގެ ފެންވަރުގައި ގޮވާލެވޭ ގޮވާލުންތަކަށް އިޖާބަނުދީ ދެން އިނގިރޭސިވިލާތަށް މާ ގިނަ ދުވަހަކު ނުހިފެހެއްޓޭނެ ކަމަށް ބައިނަލްއަގްވާމީ އިންސާފާބެހޭ ކޯޓު ފަނޑިޔާރެއްކަމަށްވާ ޕެޓްރިކް ރޮބިންސަން ވިދާޅުވެއްޖެއެވެ.
ލަންޑަންގައި ނުކުންނަ "ދަ ގާޑިއަން" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޕެޓްރިކް ރޮބިންސަން ވިދާޅުވީ އިނގިރޭސިވިލާތްފަދަ ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކުން ކުރީ ޒަމާނުގައި އެފްރިކާއާއި އޭޝިއާ އަދި އެމެރިކާގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބަލައި ތަހުގީގުކޮށް އެޖަރީމާތަކުގެ ޒިންމާ އެގައުމުތަކުން އުފުލައި އެކަމަށް ބަދަލުދޭން މަޖުބޫރުވާ ހާލަތަށް އެގައުމުތައް ދިޔުންއޮތީ މާދުރުގައި ނޫންކަމުގައެވެ.
ޕެޓްރިކް ވިދާޅުވި ގޮތުގައި 16 ވަނަ ގަރުނާއި 19 ވަނަ ގަރުނާ ދެމެދުގެ އަހަރުތަކުގައި އެފްރިކާގެ ރައްޔިތުން އަޅުވެރިކޮށް އެމީހުން އަޅުންގެ ގޮތުގައި އެޓްލާންޓިކް ކަނޑު ހުރަސްކޮށް އެމެރިކާއަށް ގެންގޮސް އަޅުންގެ ބާޒާރުތަކުގައި އެމީހުން ވިއްކުމުގެ ޖަރީމާތައް އެންމެ ބޮޑަށް ހިންގާފައިވަނީ އިނގިރޭސިވިލާތުން ކަމަށެވެ.
މިކަމަށް އިނގިރޭސިވިލާތުން 24 ޓްރިލިޔަން ޑޮލަރުގެ ބަދަލެއް ދޭންޖެހުމަކީ ވަރަށް ގާތް ކަމެއްކަމަށް ރޮބިންސަން ވިދާޅުވިއެވެ. އިނގިރޭސިވިލާތަކީ އަހަރަކަށް އެންމެ 3.1 ޓްރިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ގައުމެކެވެ. އެހެންކަމުން 24 ޓްރިލިޔަން ޑޮލަރުގެ ބަދަލެއް ދޭންޖެހުމަކީ އެގައުމުގެ އިގްތިސާދު އިނދަޖެހޭ ވަރުގެ އަދި ދިގުމުއްދަތަކަށްވެސް ތަހައްމަލު ނުކުރެވޭ ވަރުގެ ބުރައަކަށް ވެގެންދާނެކަމަށް "ދަ ގާޑިއަން" ނޫސް ބުނެއެވެ.
ބައިނަލްއަގްވާމީ އިންސާފާބެހޭ ކޯޓު ފަނޑިޔާރު ޕެޓްރިކް ރޮބިންސަން މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ޔުނެސްކޯ މެދުވެރިކޮށް އދ.އިން ފާހަގަކުރާ އަޅުންގެ މުޑުދާރު ވިޔަފާރީގެ ލާއިންސާނީ ހަނދާންތައް އައުކުރުމާބެހޭ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.
"އިންޓަނޭޝަނަލް ޑޭ އޮފް ރިމެންބަރެންސް އޮފް ދަ ބްލެކް ސްލޭވް ޓްރޭޑް އެން އިޓްސް އެބޯލިޝަން" ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 23 ވަނަ ދުވަހެވެ. އިނގިރޭސިވިލާތް އިސްކޮށް އޮވެގެން ހިންގި އަޅުންގެ ވިޔަފާރީގެ ޝިކާރައަކަށް އެފްރިކާގެ ކަޅު ނަސްލުގެ 12 މިލިޔަނަށްވުރެ ގިނަ މީހުންވިއެވެ.
އެމީހުން ނިސްބަތްވާ އާއިލާތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ގެންދަނީ މި ޖަރީމާގެ ބަދަލު އިނގިރޭސިވިލާތުން ހޯދުމަށް ކުރަންޖެހޭ ގާނޫނީ ކަންކަން ކުރަމުންކަމަށާއި ލަސްތަކެއް ނުވެ މިކަމާ އިނގިރޭސިވިލާތް ކުރިމަތިލާންޖެހޭނެކަމަށް ޕެޓްރިކް ރޮބިންސަން ވިދާޅުވިއެވެ.
ރޮބިންސަންއަކީ ކުރީގެ ޔުގޮސްލޭވިޔާގެ އިއްތިހާދު ރޫޅިގެން ދިޔުމާއެކު އެގައުމުގެ މުސްލިމުންނާ ދެކޮޅަށް ސާބުން ހިންގި ލާއިންސާނީ ޖަރީމާތައް ބަލައި ތަހްގީގު ކުރުމަށް އދ.ން އުފެއްދި ޓްރައިބިއުނަލްގައި ހިމެނޭ ފަނޑިޔާރެކެވެ. އަދި ކުރީގެ ޔުގޮސްލޭވިއާގެ ސޮލޮބޮދާން މިލޮސޮވިޗް ގެ މައްޗަށް ޝަރީއަތް ހިންގުމަށް އދ. އިން އުފެއްދި ޚާއްސަ ކޯޓުގެ އިސް ފަނޑިޔާރަކީވެސް ޕެޓްރިކް ރޮބިންސަން އެވެ.