27 Aug 2023, 12:57
ދެވަނަ ދައުރެއްގައި ތ. ދިޔަމިގިލީ ބިން ހިއްކައި މި ރަށް ކައިރި އޮންނަ މެދަފުއްޓާ ގުޅައިލުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ވައުދުވެވަޑައިގެންފިއެވެ.
ދިޔަމިގިއްޔަށް ވަޑައިގެން މި ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދެވަނަ ދައުރެއްގައި މި ރަށަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް އިއުލާންކުރައްވައިފައެވެ. އެ ކަންކަމަކީ:
މެދަފުއްޓާ ހަމައަަށް ދިޔަމިގިލި ހިއްކައި ގުޅައިލުން
- ފްލެޓް ނުވަތަ ރޯހައުސް އެޅުން
- ބޮޑެތި މަގުތަކުގައި ތާރުއެޅުން
- ސްކޫލު އިތުރަށް ތަރައްގީކޮށް މަލްޓިޕާޕަސް ހޯލެއް އެޅުން
- 10 ޓަނުގެ އައިސްޕްލާންޓެއް ތަރައްގީކުރުން
- ގިރާ ސަރަހައްދު ހިމާޔަތްކުރުން
- ކުރެވޭނެ ކަމެއްނަމަ މަޑިފުއްޓާއި ދިޔަމިގިއްޔާ ދެމެދު ކޯޒްވޭ އެޅުން
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ދެވަނަ ދައުރަކަށް ނިކުމެވަޑައިގަތީ އަމާޒުތަކަކާއެކު ކަމަށެވެ. އެއީ މިހާރު ފެށިފައިހުރި މަސައްކަތްތަކުގެ ބިންގަލުގައި އިގްތިޞާދު ދެގުނަކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެކު އިންތިޚާބުގައި ވޯޓުލާއިރު ވިސްނަންވީ މީގެ ކުރީ ސަރުކާރުތަކުގެ ވައުދުތައް ފުއްދުނު މިންވަރާއި މި ސަރުކާރަށް ވައުދުތައް ފުއްދުނު މިންވަރުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނަށް ޔަގީންވެވަޑައިގަންނަވާ ކަމަކީ މި ފަސް އަހަރަކީ ތާރީޚުގައި ވެސް އެންމެ ގިނަ މަޝްރޫއު ހިންގުނު ފަސް އަހަރު ކަމަށެވެ.
"އަޅުގަނޑުގެ އެދުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް ތިޔަ ބޭފުޅުން ނިކުމެވަޑައިގެން އަޅުގަނޑުމެންނާއެކު ތިއްބެވުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވައުދުވެފައި ވައުދު ފުއްދަނީ ކޮން ބައެއްްތޯ ބަލަން ޖެހޭކަމަށެެވެ.
ކުރީ ސަރުކާރުން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ ރައްޔިތުންނަށް އިހުމާލުވުމަކީ މިއަދު މުޅި ރާއްޖެ ތަރައްގީގައި ފަހަތުގައި އޮތް ސަބަބުކަމަށް ރައީސް ވިދާޅުވިއެވެ.