09 May 2012, 12:53
ރާއްޖެއިން ބޭރުން މުދާ ގެނެސް ބާލާ ހުރިހާ ބަނދަރެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކުރާ ގޮތަށް ނިންމާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
ޗެއާމަން އަބްދުއް ރަޝީދު ނާފިޒް ވިދާޅުވީ އެކި ސަރަހައްދުތަކުގައި ޕޯޓްތައް ހަދާއިރު އަދި އެކި ޕޯޓްތަކުން އެކި މަސައްކަތް ކުރާއިރު މަސައްކަތް ހިނގާ ގޮތް ފުރިހަމަ ގޮތުގައި ބަލަހައްޓަންޖެހޭ ކަމަށެވެ. އެހެންވެ އެ އޮތޯރިޓީން ކަނޑައަޅާ މިންގަނޑަށް ހިންގާ ތަންތަނުގެ ގޮތުގައި އެތަންތަން ކަނޑައެޅުމުގެ މަސައްކަތް ފުރިހަމަ ވާނީ ހުރިހާ ޕޯޓްތައް ވެސް އެއޮތޯރިތީގައި ރަޖިސްޓްރީ ކޮށްގެން ކަމަށެވެ.
"ޓްރާންސްޕޯޓް އޮތޯރިޓީއަކީ ރާއްޖޭގެ ޕޯޓްތަކަށް ހުއްދަ ދޭ އޮތޯރިޓީކަމަށް ވާތީ އެގޮތުން ހުރިހާ ޕޯޓްތަކެއް ރަޖިސްޓްރީ ކުރާގޮތަށް ނިންމީ. ތަރައްގީގެ ގޮތުން ކުރިއަށް ދިޔަވަރަކުން ބައެއް ތަންތާގައި މިހާރު ދަނީ ޕޯޓްތައް ހަދަމުން ހުރިހާ ޕޯޓްތަކަކީ އެއްކަމެއް ކުރާ ޕޯޓް ތަކެއް ނޫން،" ނާފިޒު ވިދާޅުވި އެވެ. "ބައެއް ބަނދަރުތަކަކީ ތެލުގެ ވިޔަފާރި އަށް ހާއްސަ ތަންތަން. ބައެއް ތަންތަނަކީ ހިލައާއި ހިލަވެލި ބޭލުމަށް ހާއްސަކުރެވިފައިވާ ތަންތަން. އަނެއްބައި ތަންތަނަކީ ކާގޯއަށް ހާއްސަކުރެވިފައި ހުންނަނީ އެހެންވީމަ މިބަނދަރުތައް އޮތޯރިތީން ކަނޑައަޅާމިންގޑެއްގެ ތެރޭން ހިންގާ ތަންތަން ގޮތުގައި ކަނޑައެޅޭނެ،"
ބަނދަރުތައް ރަޖިސްޓްރީ ކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ހުއްދަ ދީފައިވާ މުދަލުގެ އިތުރުން އެހެނިހެން ބާވަތްތަކުގެ މުދާ ބާލަމުން އަންނަކަމުގެ މައުލޫމާތު ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބެމުން ދިއުން ވެސް ހިމެނެ އެވެ.
ނާފިޒު ވިދާޅުވީ މާލޭ ވިޔާފާރި ބަނދަރާއި ހދ. ކުޅުދުއްފުށީ ބަނދަރާއި އައްޑޫސިޓީ ހިތަދޫ ބަނދަރުގެ އިތުރުން ތިލަފުށީގައި އެކިއެކި ވިޔަފާރި ކުރާ ކުންފުނިތަކުން ކުދި ކުދި ބަނަދަރުތައް ހަދައިގެން މުދާ ބާލަމުން ގެންދާ ކަމަށާއި މިހާރު މުދާ ބާލަން ބޭނުންކުރާ ކުދި ކުދި ބަނދަރުތަކަކީ ޓްރާންސްޕޯޓް އޮތޯރިތީގައި ރެޖިސްޓްރީ ނުކޮށް ހުރި ބަނދަރުތަކެއް ކަމަށެވެ. އަދި އެތަންތަން ރަޖިސްޓްރީކުރަން ވަރަށް އަވަހަށް އަންގާނެ ކަމަށެވެ.
"ޕޯޓްތައް ރެޖިސްޓްރީ ކުރުމަށް ވަރަށް އަވަހަށް އިއުލާނެއް ކުރާނަން އިއުލާން ކުރުމުން ޕޯޓް ތައް ރެޖިސްޓްރީކުރުމުން ހިޔާލުކޮށްފައި އޮތީ އެއްއަހަރު ދުވަހުގެ މުއްދަތަށް އެހުރިހާ ފަރާތްތަކަށް ހުއްދަ ދޫކުރުމަށް،"
ނާފިޒު ވިދާޅުވީ މިހާރު މުދާ ބާލަން ހަދާ ފައިވާ ކުދި ބަނދަރު ތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީ ނުކޮށް ހުރި ބަނދަރުތަކަށް ވުމާއިއެކު ރެޖިސްޓްރީ ކުރުމުން އެއް އަހަރުދުވަހުގެ މުއްދަތެއް ބަނދަރު ހިންގަން ދޭނެ ކަމަށާއި އަހަރު ދުވަހަށް ފަހު އިތުރަށް ހުއްދަ އާކޮށްދެވޭނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގަވައިދާ އެއްގޮތަށް ހިންގާ ފަރާތްތައް ބެލުމަށްފަހުގައި ކަމަށެވެ.
އޮތޯރިޓީން ބުނީ ރަޖިސްޓްރީ ކުރަން އިއުލާން ކުރުމަށްފަހު ރެޖިސްޓްރީ ނުކުރާ ޕޯޓް ތަކުގައި މަސައްކަތް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.