27 Aug 2023, 08:58
އަމިއްލަ އެކްޓިންގް ހުނަރު ތަރައްޤީކޮށް ކަންކަން އިތުރަށް ދަސްކުރުމުގެ ބޭނުމުގައި ވަރަށް ގިނަ މަޝްހޫރު ފިލްމީ ފަންނާނުންނަށް ފާރަލާކަމަށް ޒުވާން ބަތަލާ އަނަންޔާ ބުނެފިއެވެ. އެގޮތުން އެ ލިސްޓުގެ އެންމެ ކުރީގައިވަނީ ކުރީގެ ފިލްމީ ބަތަލާ ޒީނަތު އަމަންކަމަށް އަނަންޔާ ވަނީ ބުނެފައެވެ.
އަނަނިޔާ މުހިއްމު ރޯލުން ފެންނަ "ޑްރީމް ގާލް3"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން ބަތަލާ ބުނީ ޒީނަތު އަމަންގެ އިތުރުން ވެސް ވަރަށް ގިނަ އެހެނިހެން ފިލްމީ ތަރިންނަށް ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ފާރަލާ ކަމަށެވެ.
އަނަނިޔާއަކީ އަބަދު ވެސް މީހަކާ މެދު ޝައުގުވެރިވެއްޖެ ނަމަ އެ ފަރާތަކާ ބެހޭ ހުރިހާ މަޢުލޫމާތެއް ވެސް އެނގެން ބޭނުންވާ މީހެއް ކަމަށް ޒުވާން ބަތަލާވަނީ ބުނެފައެވެ. އަދި، އޭގެ ސަބަބުން އަމިއްލަ ފިލްމީ ކެރިއަ ކުރިއެރުވުމަށް އެހީތެރިވެދޭ ކަމަށް ގަބޫލުކުރެވޭ ކަމުގައި އަނަނިޔާވަނީ ބުނެފައެވެ.
ފިލްމު "ޑްރީމްގާލް2"ގެ ޙާއްސަ ޝޫޓިންއަކަށް އިންޑިއާގެ މަތުރާ ނަމަކަށް ކިޔާ އަވަށަކަށް ވަރަށް ފަހުން ދިޔަ ކަމަށާއި އެ އަވަށުގެ މީހުންގެ ދިރިއުޅުން ހުންނަގޮތާއި އެމީހުން ވާހަކަދައްކާއިރު ބަހުރުވަ ގެންގުޅޭގޮތްތައް ވަރަށް ފަރުވާތެރިކަމާ އެކު ބަލާފައިވާނެ ކަމަށާއި މިފިލްމުގައި އަނަނިޔާ ކުޅުނު ކެރެކްޓާގައި މުޅިން ވެސް ބޭނުންކޮށްފައި ހުންނާނީ އޭރު ދަސްވި ކަންތައްތައް ކަމުގައި ވެސް އަނަނިޔާ ވަނީ މި އިވެންޓުގައި ބުނެފައެވެ.
މިހާތަނަށް ފާރަލަ ނުވަތަ ހާއްސަ ސަމާލުކަމެއް ދީގެން 'ސްޓޯކް' ކުރާ ތަރިންގެ ތެރެއިން އެންމެ މަގުބޫލު ފަރާތަކީ ޒީނަތު އަމަން ކަމަށާއި ޒީނަތުގެ އިންސްޓަގްރާމް ޕޯސްޓުތައް ގަވައިދުން ބަލަމުން އަންނަ ކަމަށް އަނަނިޔާ ވަނީ ބުނެފައެވެ.
ހާއްސަކޮށް ޒީނަތުގެ ޕޯސްޓެއްގައި ކުރީގެ ފިލްމެއްގެ ވާހަކަ ހިމަނައިފިއްޔާ އެ ފިލްމެއް ފެށިގެން ނިމެންދެން ބަލާލުމަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށް 24 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.
ފިލްމު "ޑްރީމް ގާލް2"އަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ރަގަޅު ރިވިއުތަކާ އެކު ފިލްމުވަނީ ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމަކަށް ވެފައެވެ. އަނަނިޔާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ފަރުހާން އަޚްތަރު އަދި ޒޯޔާ އަޚްތަރު ޕްރޮޑިއުސްކުރާ ފިލްމު "ކޯ ގަޔޭ ހަމް ކަހާ"އިންނެވެ. މި ފިލްމުގައި އަނަނިޔާއާ އެކު ލީޑް ރޯލުން ފެންނާނީ ސިދާތު ޗަތުރަވެދީ އަދި އާދާޝް ގޯރަވްއެވެ.