27 Aug 2023, 08:50
އެކްޓަރު އަމީތާބް ބައްޗަންއާއި ޝާހްރުކް އެކީގައި ސްކްރީނުން ނުފެންނަތާ 17 އަހަރު ފަހުން ދެ ތަރިން އެކީގައި ޕްރޮޖެކްޓަކަށް މަސައްކަތް ކޮށްފިއެވެ. ޝާހްރުކް ޚާންގެ ޓުވިޓާ މެދުވެރިކޮށް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އާސްކްއެސްއާރްކޭ ސެޝަންގައި ޝާހު ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
ޝާހުގެ ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބުދެމުން އެކްޓަރު ބުނީ އަހަރުތަކަކަށް ފަހު އަމީތާބް ބައްޗަނާ އެކު މަސައްކަތް ކޮށްލަން ލިބުމުން ވަރަށް ބޮޑު އުފަލެއް އިހުސާސްކުރެވުނު ކަމަށެވެ. އަމީތާބް ބައްޗަންއާ އެކު މަސައްކަތްކޮށްލެވޭ ކޮންމެ ފަހަރަކު ވެސް ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްވާކަމަށް ބުނަމުން ޝާހު ބުނީ މި ފަހަރު ވެސް ދެ މީހުންގެ ތެރެއިން ކުރި ލިބުނީ ލެޖެންޑް އަމީތާބަށް ކަމަށެވެ.
އަމީތާބާއި ޝާހު އެކީގައި ޕްރޮޖެކްޓެއްގައި މަސައްކަތް ކުރާކަން ކަށަވަރުވެފައިވާއިރު އެއީ ކޮންކަހަލަ މަސައްކަތެއްކަން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. މި ދެ ތަރިން އެކީގައި ފެންނަން ބޭނުންވާ ގިނަ ބައެއްގެ އުއްމީދަކީ މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ވީހާ ވެސް އަވަހަކަށް އާއްމުވުމެވެ.
ޝާހާއި އަމީތާބް އެކީގައި މަސައްކަތް ކޮށްފައިވާ އައިކޮނިކް ފިލްމުތަކުގެ ތެރޭ "މޮހައްބަތޭން"، "ކަބީ ޚުޝީ ކަބީ ޣަމް" އަދި "ކަބީ އަލްވިދަނާ ކެހެނާ" ހިމެނެއެވެ. މީގެ އިތުރުން 2008 ވަނަ އަހަރު ރިލީޒްވި ޝާހުގެ ފިލްމު "ބޫތު ނާތު"ގައި ވެސް އަމީތާބްގެ ހާއްސަ ފެނިލުމެއް ވަނީ ހިމަނާފައެވެ. ޝާހްރުކް ޚާން މި ދުވަސްކޮޅު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ފިލްމު "ޖަވާން"ގެ ޕްރޮމޯޝަން މަސައްކަތްތަކުގައެވެ. ކުރިއަށް އޮތް ސެޕްޓެމްބަރ ހަތެއްގައި ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ.