27 Aug 2023, 09:07
ހައްޖު ކޯޕަރޭޝަން ރަނގަޅު ގޮތުގައި ތަރައްގީ ކުރެވިއްޖެ ނަމަ ދިވެހީންނަށް 30,000 ރުފިޔާއިން ހައްޖަށް ދެވޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން މި ފަހަރު ހުއްދަ ދިނީ ބޮލަކަށް އެންމެ ގިނަވެގެން 76،000އަށް ވުރެ ބޮޑު ނުވާ އަދަދަކަށެވެ. ނަމަވެސް ފަހު ވަގުތު ބައެއް ޖަމާއަތްތަކުން 100,000-150,000 ދެމެދުގެ އަގުތަކެއް ވަނީ ނަގާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާ ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ހޯއްދެވުމަށް ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޝަހީމް ވަނީ, ހައްޖު ކޯޕަރޭޝަން ތަރައްގީ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެންގުޅުނު ބައެއް ސިޔާސަތުތައް ކިޔައިދެއްވާފައެވެ. އަދި، އޭރު ކަނޑައަޅާފައި އޮތް ގޮތަށް ކުރިއަށް ދިޔަ ނަމަ މައްކާގައި ދިވެހީން ތިބުމަށް ހޮޓަލެއް ގާއިމް ކުރެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
"ހައްޖު ކޯޕަރޭޝަން ރަނގަޅު ގޮތުގައި ތަރައްގީ ކުރެވިއްޖެ ނަމަ ރާއްޖޭގެ ރައްޔިތުންނަށް 30,000 ރުފިޔާއިން ހައްޖައް ދެވޭނެ މަގު ތަނަވެސް ވެގެން ދާނެ," ޝަހީމް ވިދާޅުވިއެވެ.
ޒަކާތު ހައުސެއް ގާއިމްކޮށް ދައުލަތުގެ ބެލުމުގެ ދަށުން ޒަކާތުން ބައެއް އިންވެސްޓް ކުރެވިއްޖެ ނަމަ ކޮންމެ އަހަރަކު ފަގީރުންނަށްދޭ 3000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދެވޭނެ ކަމަށެވެ.
"ގެއެއް ނެތް ފަގީރު މީހާއަށް ލިބިގެން ދާނެ ގެއެއް. ލޯނުގައި ޖެހޭކަށް ނުޖެހޭނެ," ޝަހީމް ވިދާޅުވިއެވެ.
ސިޔާސީ ދާއިރާއާ ދުރުގައި ހުންނެވުމުން ބައެއް ފަރާތްތަކުން އޭނާ ޑީލެއް ހެއްދެވީތޯ ސުވާލު އުފެއްދިކަން ފާހަގަކުރައްވައި އެކަމުގެ އަސްލު ސަބަބު މިރޭ ވަނީ ޝަހީމް ކިޔައިދެއްވާފައެވެ. އެގޮތުން އޭނާގެ ބައްޕާފުޅަށް ސްޓްރޯކެއް ޖެހި ހޮސްޕިޓަލްގައި އެނދުމަތި ކުރުމުން ހުރިހާ ވަގުތެއް ވެސް ހޭދަކުރެއްވީ ބައްޕައަށް ޚިދުމަތް ކުރުމުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި، މުއިއްޒުގެ ކެމްޕޭނުގައި ބައިވެރިވުމަށް ނުކުންނެވީ އެ މައްސޫލިއްޔަތުތައް ކޮއްކޮއަކާ ހަވާލުކޮށް ބައްޕަގެ އެދުމުގެ މަތިން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އިދިކޮޅުން މިރޭ ފުވައްމުލަށް ސިޓީގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒު އޭނާގެ އަނަބިކަބަލުންނާ އެކު ---- ފޮޓޯ: ޕީޕީއެމް
"އަޅުގަނޑަށް ކިހިނެއްތޯ ގޭގައި އޮވެވޭނީ ޑރ. މުހައްމަދު މުއިއްޒު އެކި ރަށް ރަށަށް ވަޑައިގެން އިއުލާނު ކުރައްވާ ކަންތައްތަކުގެ ސަބަބުން އަޅުގަނޑަށް ގެއަކު ނުއޮވެވޭނެ," ޝަހީމް ވިދާޅުވިއެވެ.
މުއިއްޒުގެ މެނިފެސްޓޯގައި ހުރި ބައެއް ކަންކަމަށް އަލިއަޅުއްވާލަމުން ޝަހީމް ވިދާޅުވީ, 1،000 ފަގީރުން ހައްޖަށް ގެންދިއުމާއި ގައުމު ތަރައްގީކޮށް ޒުވާނުންނާއި ހުރި ފަހި ފުރުސަތަކީ އެހެން އެއްވެސް ކެންޑިޑޭޓަކަށް ކޮށްދެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.
ރާއްޖޭގައި ހުރި އިސްލާމީ ހަޟާރަތާ ގުޅޭ މުއައްސަސާތައް ޒަމާނާ އެއްގޮތަށް ތަރައްގީ ކުރަން ޖެހޭކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ, އެކަން ކުރެވޭނީ އެކަން ކުރުމުގެ ގާބިލްކަން ހުރި އިލްމީ ޒައާމަތެއް ގާއިމްކޮށްގެން ކަމަށެވެ.
މުއިއްޒަށް ތާއީދުކޮށް އޭނާ އިންތިޚާބު ކުރުމުގެ މަސައްކަތް ފެށީ އެއީ ވަރަށް ރަނގަޅަށް ދަންނަ ބޭފުޅަކަށްވާތީ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި، އެހެން ކެންޑިޑޭޓުންނާ އަޅާ ކިޔުއްވަމުން އޭނާ ވިދާޅުވީ, މުއިއްޒަކީ އެންމެ ތައުލީމީ ޒުވާނާ ކަމަށެވެ.
"ވިލާތުން ޕީއެޗްޑީ ނަންގަވާފައި، ރައީސް ޔާމީން އެންޑޯޒް ކުރެއްވީމަ ދެން ނުޖެހޭ ޗުކްޗުކް ލައްވާކަށް," ޝަހީމް ވިދާޅުވިއެވެ.
މުއިއްޒަށް ތައުރީފް ކުރައްވަމުން އޭމާ ވިދާޅުވީ, މުއިއްޒުގެ ގާބިލްކަމަށް ޝައްކު ނުކުރައްވާ ކަމަށާއި ޔާމީން މިނިވަން ކުރުމަށް އޮތް ހަމައެކަނި މަގަކީ މުއިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުން ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ގައުމީ ވެރިކަން އަލުން އިއާދަކުރުމަށް ދެން ލިބޭނެ އެންމެ ފަހުގެ ފުރުސަތައް މި ފުރުސަތު ވާނެ," ޝަހީމް ވިދާޅުވިއެވެ.