09 May 2012, 11:37
އެންވަޔަރުމަންޓް އެންޑް އެނާޖީ މިނިސްޓްރީ އަށް ކަނޑައަޅާނެ މިނިސްޓަރަކާ މެދު އިއްތިހާދުގެ ޕާޓީ ތަކާ އެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ސަރުކާރުން އަލަށް ގާއިމްކުރަން ހަމަޖައްސާފައިވާ އެންވަޔަރުމަންޓް އެނާޖީ މިނިސްޓްރީގެ ކަންކަމާ ގުޅޭ ގޮތުން ސަރުކާރާއި އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ ވެރިންނާ އެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މިނިސްޓްރީ އެކުލަވާލެވޭނެ ކަމަށެވެ.
"ސަރުކާރާއި އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ އިސްވެރިންނާ އެކު މަޝްވަރާތައް ކުރެވެމުން ދަނީ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މިނިސްޓްރީ ގާއިމްކުރެވޭނެ،" އައްބާސް ވިދާޅުވި އެވެ.
ސަރުކާރުން އަލަށް އުފައްދާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ، ހުޅުމާލޭގައި ހެދުމަށް ސަރުކާރުން މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ސަން އަށް ވަނީ ކަށަވަރު ވެފަ އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އެންވަޔަރުމެންޓް މިނިސްޓްރީ ހުޅުމާލެ އަށް ބަދަލު ކުރުމަކީ "ވަރަށް ގާތް ކަމެއް"' ކަމަށާއި އެކަން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފައިނަލް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.