ކުރީގެ ފިލްމީ ތަރި އަމްރީތާ ސިންގްއާއި އެކްޓަރު ސައިފް ޢަލީ ޚާންގެ ދަރިފުޅު އިބްރާހީމް ޢަލީ ޚާން ފިލްމީ ދާއިރާއަށް ތަޢާރަފްވާ ފިލްމުން ބަތަލާ ކާޖޮލް ފެންނާނެކަން ކަރަން ޖޯހަރު ކަށަވަރުކޮށްދީފިއެވެ.

އިބްރާހީމް ޢަލީ ޚާންއަކީ ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިންވެސް ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޒުވާނެކެވެ. އެހެންވެ އިބްރާހީމްގެ ފިލްމަކީ އެންމެ ގިނަ ބަޔަކު މިހާރު އިންތިޒާރުކުރާ އެއް ފިލްމެވެ.

"ސަރްޒަމީން"ގެ ނަމުގައި ދަރުމާ ކުންފުނިން ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ހާއްސަ ބެލުމުގެ ދަށުން އުފައްދާ މި ފިލްމުގެ ޝޫޓިންގް ނިމި ފިލްމުއޮތީ ޕޯސްޓް ޕްރޮޑަކްޝަން މަރުޙަލާގައެވެ. މި ފިލްމަކީ، މަޝްހޫރު އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކަޔޯޒޭ އިރާނީ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގައި ލީޑްރޯލްއިން އިތުރު ބަތަލާއެއް ނުފެންނާނެކަމަށް ހިންދުސްތާން ޓައިމްސްގައި ބުނެފައިވާއިރު ކާޖޮލް ފިލްމުން ފެންނާނީ ފުދޭވަރަކަށް ބޯޑު ރޯލަކުންކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް ކާޖޮލް ކުޅޭ ރޯލާ ބެހޭ ތަފުސީލު އަދި ހާމައެއް ނުކުރެއެވެ.

ފިލްމު "ސަރްޒަމީން"ގެ މަސައްކަތް ފެށުމުގެ ކުރިން އިބްރާހީމް ވަނީ ދާދިފަހުން ރިލީޒްކުރެވުނު ދަރުމާގެ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"ގައި އެސިސްޓްންޓް ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކޮށްފައެވެ.

އިބްރާހީމްއާއެކު ވަރަށް ގާތުން މަސައްކަތްކުރި ފަރާތަކުން މީޑިއާގައި ބުނީ، ބައެއް އެހެން ފިލްމީތަރިންގެ ކުދިންނާ ޚިލާފަށް އިބްރާހީމް ފާހަގަކުރެވެނީ ވަރަށް މަޑުމައިތިރި ހިތްތިރި ޒުވާނެއް ކަމުގައެވެ. އަދި ހަމައެއާއެކު އިބްރާހީމްއަކީ އެހެން މީހުންނަށް އިޙްތިރާމްކުރާ މީހުންނަށް އެހީވުމުގައި ވެސް އަބަދުވެސް ތައްޔާރަށް ހުންނަ ޒުވާނެއްކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

ސައިފް ޢަލީ ޚާންގެ ޒުވާން ދުވަސްވަރުގެ މަތިން ގިނަ ބަޔަކު ހަނދާން އާކުރުވާ ޒުވާނާ ފިލްމު ސެޓަށް އައުމާއެކު އިހުސާސްކުރެވެނީ މީގެ 20 އަހަރު ކުރިން ސައިފް އަލީ ޚާން ފިލްމު ސެޓުގައި އުޅޭކަމުގެ އިހުސާސްކަމަށް މި ފަރާތުން މީޑިއާގައި ވަނީ ބުނެފައެވެ. އިބްރާހީމް ފިލްމީ ދާއިރާއަށް ތަޢާރަފްވުމުގެ ތައްޔާރީތައް ވަމުން އަންނައިރު ދައްތަ ސާރާ ޢަލީ ޚާންވެސް ވަނީ ފިލްމީ ދާއިރާއަށް ނުކުމެފައެވެ.