09 May 2012, 11:32
ހެންވޭރު ޑޯންޑިއު ގެއިން ކަރަންޓް ކެނޑި، ލިފްޓް ތެރޭގައި ބިދޭސީއަކު ތާށިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު އެގޭ ލިފްޓު ތެރޭގައި މީހަކު ތާށިވެގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާ އެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމު އެސަރަހައްދަށް ގޮސް ލިފްޓް ތެރޭގައި ތާށިވެފައި ހުރި އިންޑިޔާގެ މީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެމީހާ އަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެގޭ ފަސް ވަނަ ބުރީގައި ލިފްޓް ތެރޭގައި ތާށިވެފައި ހުރި މީހާ ސަލާމަތް ކުރީ އެގޭ ވެރިފަރާތުން ގެނައި ތަޅުދަނޑިއެއް ބޭނުންކޮށްގެން ކަމަށެވެ.
" އެމްއެންޑީއެފުން ދިޔައިރު ލިފްޓް ހުރީ ތާށިވެފައި، ސިފައިން އެލިފްޓް ހުޅުވަން ބޭނުންކުރި ތަޅުދަނޑިން ނުހުޅުވިގެން އުޅެނިކޮށް، ލިފްޓް ހުޅުވީ ގޭގެ ވެރިފަރާތުން ގެނައި ތަޅުދަނޑިއެއް ބޭނުންކޮށްގެން،" އޮފިޝަލް ވިދާޅުވި އެވެ.
މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމަށް ސްޓްލެކޯ އިން ކުރިއަށް ގެންދާ ފޯތްޕަވާ ޕްރޮޖެކްޓްގެ މަސައްކަތް މުޅިން ނިމުމުން އެމައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. އަދި މިމަހު އެމަޝްރޫއޫ ނިމޭނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.