26 Aug 2023, 19:24
ނައިބު ރައީސް ފައިސަލް ނަސީމްގެ އުފަން ރަށް، ފުވައްމުލަކު ސިޓީއިން ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ނުކުމެއްޖެއެވެ.
އަތޮޅުތެރެއަށް ކުރައްވާ ކެމްޕޭން ދަތުރުތަކުގައި މިއަދު ހަވީރު މުއިއްޒު ވަޑައިގެންނެވިއިރު އެއާޕޯޓުގެ އެރައިވަލް ގޭޓުން ފަށައިގެން މަގުމަތީގެ މާ ދުރަށް ސަފު ދަމައިލައިފައި އޮތެވެ.
އެ ސަފުގައި މީގެ ކުރިން އަދާލަތު ޕާޓީގައި އުޅުނު ބަޔަކު ވެސް ފެހިކުލައިގެ ޓީޝާޓުގައި ތިއްބެވެ. އެ ތަނުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެމްޑީޕީއަށް ތާއިދުކޮށްގެން ތިބީ "އަދާލަތު ޕާޓީ ހިޞާރުކޮށްގެން" ތިބި ބަޔެކެވެ.
"އެ ހިސާބުން އަދާލަތު ގްރާސްރޫޓް، އަދާލަތަށް ލޯބިވާ މީހުން އެއްފަރާތަށް ޖެހުނީ. އެހެންވީމަ އަޅުގަނޑުމެން ވަކި ހިސާބަކުން ނިންމީ މުއިއްޒާއެކު ކުރިއަށް ދާން،" އޭނާ ބުންޏެވެ.

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް ފުވައްމުލަކު ސިޓީގައި -- ފޮޓޯ/ ޕީޕީއެމް
މުއިއްޒަަށް މަރުހަބާ ކިޔަން ނުކުމެ ހުރި އެހެން މީހަކު ވެސް ބުނި ގޮތުގައި ސަރުކާރުންވަނީ މި ސިޓީގެ ތަރައްގީއަށް އިހުމާލުވެފައެވެ.
"އިރާދަކުރެއްވިއްޔާ ފުވައްމުލަކުގެ ބޮޑު ތާއީދެއް އަޅުގަނޑުމެން ނަގާނަން. ޕީޕީއެމްއިން މެޖޯރިޓީ ނަގާނެ،" އޭނާ ބުންޏެވެ.
އިތުރަށް އޭނާ ކިޔައިދިން ގޮތުގައި ފައިސަލްއަށް ރަނިންމޭޓުކަން އެމްޑީޕީއިން ނުދިނުމުން އެމްޑީޕީގެ ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފައެވެ. އަދި އެ ކަމާ ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ މުއިއްޒަށް ތާއިދުކުރަން ނިންމައިފައި ކަމަށް އޭނާ ބުންޏެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މިފަހަރުގެ ރަނިންމޭޓު ކަމަށް އެ ޕާޓީ ތެރޭގައި ވާދަވެރިކަން ބޮޑުވެ، އެއީ ވަރަށް އުނދަގޫ ނިންމުމަކަށްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފައިސަލްގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް އަޑު ފެތުރުނެވެ.
އޭގެ ތެރެއިން، ރައީސްގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ އަސްލަމެވެ.