ޖޮހަނަސްބާގް (26 އޮގަސްޓް 2023): ދެކުނު އެފްރިކާގެ ޖޮހްނަސްބާގްގައި ނިމުނު ބްރިކްސް ޖަމާއަތުގެ ސަމިޓްގެ އަރިމަތީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޗައިނާގެ ރައީސް ޝީ ޗިންޕިންގް ބައްދަލުކުރައްވައިފިއެވެ.

އަވަށްޓެރި މިދެގައުމަކީ ބްރިކްސް ޖަމާއަތުގެ މުއައްސިސުންގެ ތެރޭގައި ހިމެނޭ ދެގައުމެވެ. އެދެގައުމުގެ ސަރަހައްދީ ރޮނގުގެ މައްސަލަ ހައްލުކުރުމަށްޓަކައި މޯދީއާއި ޝީ ޖިންޕިން ބައްދަލުކުރައްވުމަށް ބާރުއެޅުއްވީ ދެކުނު އެފްރިކާގެ ރައީސް ސީރީލް ރަމަފޯޒާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއާއި ޗައިނާއަކީ ވާދަވެރި ދެ ގައުމު ކަމަށްވިޔަސް އެ ދެ ގައުމު މަސްލަހަތު ހިއްސާކުރާ ގިނަ ކަންތައްތަކެއްވެސް ހިމެނެއެވެ.

މީގެތެރޭގައި ބައިނަލްއަގްވާމީ ވިޔަފާރިއާއި މާލީ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރުގެ ބާރާއި ނުފޫޒު ކުޑަކުރުމާއި އެމެރިކާއާއި ހުޅަނގުގެ އިސްތިއުމާރީ ބާރުތައް އިސްވެ ތިބެން ދެވަނަ ބޮޑު ހަނގުރާމައަށްފަހު އުފައްދާފައިވާ ބައިނަލްއަގްވާމީ އިގްތިސާދީ ނިޒާމަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި އެއާ އެއްފަދަ ޕެރަލަލް އެހެން ބައިނަލްއަގްވާމީ އިގްތިސާދީ ނިޒާމެއް އުފެއްދުން ހިމެނެއެވެ.

ބްރިކްސް ޖަމާއަތަކީ މި އައު ބައިނަލްއަގްވާމީ އިގްތިސާދީ ނިޒާމުގެ މައިބަދައެވެ. މަސްލަހަތުގެ ގޮތުން އިންޑިއާއި އެމެރިކާއާ ގުޅޭ ކަންތައްތަކެއްވެސް ހުރެއެވެ. އޭގެތެރޭގައި އެމެރިކާގެ ޓެކްނޮލޮޖީ ހޯދުމާއި އެމެރިކާގެ އިންވެސްޓްމަންޓްތައް ހޯދުމާއި ޗައިނާއާ އިންޑިއާ އާދެމެދު އޮންނަ ވާދަވެރިކަމުގައި އެމެރިކާގެ އެހީ ހޯދައިގެން ޗައިނާއަށް ފިއްތުންތައް ކުރުންފަދަ ކަންކަން ހިމެނެއެވެ.

މީގެއިތުުރުން އިރުމަތީ އޭޝިއާއާއި ދެކުނު އޭޝިއާ އަދި މެދުތެރޭ އޭޝިއާގެ ގައުމުތަކުގައި ޗައިނާކުރާ އިގްތިސާދީ އިންވެސްޓްމަންޓްތައް ހުއްޓުވައި މިސަރަހައްދުގެ ގައުމުތަކުން ޗައިނާ ދުރުކުރުމަކީ އެމެރިކާއާއި އިންޑިއާގެ މަސްލަހަތު ގުޅިފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިގޮތުން އިރުމަތީ އޭޝިއާއާއި ދެކުނު އޭޝިއާ އަދި މެދުތެރޭ އޭޝިއާގެ ގައުމުތަކުގައި ޗައިނާގެ ނުފޫޒު ގަދަވާކަމަށް ބުނެ އެގައުމުތަކުގައި ޗައިނާކުރާ އިގްތިސާދީ އިންވެސްޓްމަންޓްތައް ހުއްޓުވައި މިސަރަހައްދުތަކުން ޗައިނާ ދުރުކުރުމަށް އެމެރިކާގެ އަޑީގައި އޮގެވެން އިންޑިއާ މަސައްކަތްކުރާ ކަމަށް ޗައިނާ ތުހުމަތު ކުރެއެވެ.

ޖޮހަނަސްބާގްގައި މޯދީ އާއި ޝީޖިންޕިން ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވިކަމަށްވަނީ އިންޑިއާއާއި ޗައިނާގެ ސަރަހައްދީ ރޮނގުގެ އަރާރުންތައް ހައްލުކުރުމާ ބެހޭގޮތުންނެވެ.

މޯދީއާއި ޝީ ބައްދަލުކުރެއްވުމަށް ދެކުނު އެފްރިކާގެ ރައީސް ބާރުއެޅުއްވި

އިންޑިއާ އާއި ޗައިނާ ހިއްސާކުރާ ސަރަހައްދީ ރޮނގު ތިންހާސް ކިލޯމީޓަރަށްވުރެ ދިގެވެ. މިސަރަހައްދީ ރޮނގުގެ ބައެއް ބިންތަކުގެ ތެރޭގައި އެދެގައުމުން ކޮންމެ ގައުމަކުންވެސް އެއީ އެގައުމެއްގެ ބިންކަމަށް ދައުވާކުރާ ބިންތަކެއްވެއެވެ.

ސަރަހައްދީ ރޮނގުގެ އަރާރުންތަކުގައި އިންޑިއާއާއި ޗައިނާގެ ސިފައިން ދޭތެރެއަކުން ހަމަލާތައް ބަދަލުކުރެއެވެ. މި ހަމަލާތަކުގައި ދެގައުމުގެ ސިފައިންނާއި ސަރަހައްދީ ރޮނގު ބަލަހައްޓާ ގާޑުންގެ ބައެއްމީހުން މަރުވެއެވެ. 2020 ގައި އިންޑިއާއާއި ޗައިނާ އާ ދެމެދު ހިނގި މިބާވަތުގެ ހަމަނުޖެހުންތަކުގައިވެސް އިންޑިއާ ސިފައިންނާއި ސަރަހައްދީ ރޮނގު ބަހަލައްޓާ ގާޑުން ހިމެނޭގޮތަށް އިންޑިއާގެ 24 އޮފިސަރަކުވަނީ މަރުވެފައެވެ.

މޯދީއާ ހަވާލާދީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ ކްވާތްރާ ވިދާޅުވިގޮތުގައި އިންޑިއާއާއި ޗައިނާގެ ވާދަވެރިކަން އެހާބޮޑުވެފައިވަނީ ދެގައުމުގެ ސަރަހައްދީ ރޮނގުގެ މައްސަލަތަކާ ގުޅިގެންނެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު އޮންނަ ޖިއޮޕޮލިޓިކަލް ވާދަވެރިކަމުގެ ތެރެއަށް އެމެރިކާ އިންޑިއާ ވައްދަނީވެސް އިންޑިއާއާއި ޗައިނާއާ ދެމެދު އޮންނަ ސަރަހައްދީ އިމުގެ އަރާރުންތަކާއި ދެބަސްވުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ.

އިންޑިއާއަކީ ހުޅަނގުގެ އަނިޔާވެރި އިސްތިއުމާރުގެ ހިތިރަހަ ކަރުބުޑުގައި ވަރަށް ބޮޑަށް ލާފައިވާ ގައުމެކެވެ. އިނގިރޭސީންގެ އިސްތިއުމާރީ ވެރިކަމުގައި އިންޑިއާގެ އެތައް މިލިޔަން ބަޔަކު މަރައި އިންޑިއާގެ ގުދުރަތީ ވަސީލަތްތައް ފޭރިގެންފައިވާ މިންވަރު އިންޑިއާ ހަނދާން ނުނެތޭނެކަމަކަށް ޚުދު ހުޅަނގުގެ މުހައްލިލުންވެސް ދެކެއެވެ. ޔުކްރެއިން ހަނގުރާމައިގާ ހުޅަނގުގެ ފަޅިއަށް އެރުމަށް އިންޑިއާވަނީ ދެކޮޅު ހަދާފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިދާޅުވި ގޮތުގައި މޯދީ އާއި ޝީ ޖިންޕިންގެ މަޝްވަރާތައް ކާމިޔާބެވެ. މިގޮތުން ދެބޭފުޅުންވަނީ ދެގައުމުން ކުރެ ކޮންމެ ގައުމަކުންވެސް، ސަރަހައްދީ ރޮނގުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކަމާބެހޭ މަސްއޫލުވެރިންގެ ޓީމެއް އެކުލަވާލައި އެދެޓީމުގެ މެދުގައި ރެގިއުލާކޮށް މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދެބޭފުޅުންވަނީ އެއްބަސްވެވަޑައިގެންފައެވެ.

ރިޕޯޓްތައް ބުނާގޮތުން ހުޅަނގުން ޑޮމިނޭޓްކޮށްފައިވާ އިގްތިސާދީ ނިޒާމާ ޕެރަލަލް އެހެން ނިޒާމެއް އުފެއްދުމަކީ އިންޑިއާއާއި ޗައިނާގެ އިތުރުން ކުރިއަރަމުން އަންނަ ހުރިހާ ގައުމުތަކަކަށްވެސް އޭގެ ފައިދާ އިންތިހާއަށް ކުރާނެކަމެއްކަމަށް ޗައިނާއެކޭ އެއްގޮތަށް އިންޑިއާވެސް ދެކެއެވެ.

ސަބަބަކީ ހުޅަނގުން ޑޮމިނޭޓްކޮށްފައިވާ އިގްތިސާދީ ނިޒާމުގައި ކުރިއަރަމުން އަންނަ ގައުމުތަކަށް އެއްވެސް ފުރުސަތެއް ނެތުމުމެވެ. އަދި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަނުމަށާއި ސިޔާސީ މަގްސަދުތައް ހާސިލު ކުރުމަށްޓަކައި ކުރައަރަމުން އަންނަ ގައުމުތަކަށް ފިއްތުންތައް ކުރިމަތިކުރުމަށް ހުޅަނގުގެ ގައުމުތަކުން އެމީހުންގެ އިގްތިސާދީ ނިޒާމު ބޭނުންކުރާތީއެވެ.

އެހެންކަމުން ހުޅަނގުގެ ޑޮމިނޭޝަންއާއި ހަންފެތުރުމުން ކުރިއަރަމުން އަންނަ ގައުމުތައް ސަލާމަތްވާނެ އެހެން ނިޒާމެއް އުފެއްދުމަކީ ޗައިނާ އެކޭ އެއްގޮތަށް އިންޑިއާގެވެސް މަސްލަހަތު އޮތްކަމެކެވެ.

ބްރިކްސް އަކީ ހުޅަނގުގެ އިގްތިސާދީ ޖަމާއަތްކަމަށްވާ ޖީ7 ގައުމުތަކާ އެއްވަރުގެ އެހެން އިގްތިސާދީ ޖަމާއަތެއް އުފެއްދުމުގެ ނިޔަތުގައި ޗައިނާ، އިންޑިއާ، ރަޝިއާ ބްރަޒިލް އަދި ދެކުނު އެފްރިކާ އިސްވެ ތިބެގެން އުފެއްދި ޖަމާއަތެކެވެ.

މިޖަމާއަތުގައި މިހާރު ހިމެނޭ 5 ގައުމުގެ އިތުރުން ސައޫދީ، އީރާން، މިސްރު، އާޖެންޓީނާ، ޔޫއޭއީ އަދި އިތިއޮޕިއާ ވެއްދުމަށް ބްރިކްސްގެ ސަމިޓުންވަނީ ނިންމާފައެވެ. މީގެތެރެއިން އިތިއޮޕިއާއާއި މިސްރު ފިޔަވައި އަނެއް ހަތަރު ގައުމަކީ ގުދްރަތީ ރިސޯސްގެ ގޮތުންނާ އަދި އުފެއްދުންތެރިކަމުގެ ގޮތުން މުއްސަނދި ގައުމުތަކެކެވެ. ރިސޯސްފުލް އަދި އިންފްރާސްޓްރަކްޗަރ ވަރުގަދަ ގައުމުތަކެކެވެ.

މިސްރާއި އިތިއޮޕިއާ އަކީ އެފްރިކާގެ ބޮޑު ދެއާބާދީއެވެ. އާބާދީގައި ޒުވާނުންގެ އަދަދު ބޮޑު ދެގައުމެވެ. މިދެގައުމަކީވެސް ފެނުގެ ވަސީލަތްތައް ހުރި ކުރިއެރުމުގެ ފުރުސަތުއޮތް ދެގައުމެވެ.

މި ހަ ގައުމާއެކު ބްރިކްސްގައި 11 ގައުމު ހިމެނުމުން ބްރިކްސް ވަނީ ޖީ7 އާ ހުރިހާ ގޮތަކުންވެސް ވާދަކުރެވޭވަރުގެ އިގްތިސާދީ އަދި ވިޔަފާރީގެ ބާރަކަށް ވެފައެވެ. ބްރިކްސްގައި ޑިވެލޮޕްމެންޓް ބޭންކަކާއި ފަންޑެއްވެސް ހިމެނެއެވެ.

ބްރިކްސްގެ ސަމިޓުން ވަނީ އެޖަމާއަތުގެ ގައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ގާތްގަނޑަކަށް 50 އިންސައްތަ މުއާމަލާތް އެމެރިކާ ޑޮލަރުގެ ބަދަލުގައި އެގައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ކުރާގޮތަށް އެއްބަސްވެފައެވެ. މިއީ އެމެރިކާ ޑޮލަރަށް އަސަރުކުރާވަރުގެ ނިންމުމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ބްރިކްސް ޖަމާއަތް ރަނގަޅު ގޮތުގައި މަސައްކަތް ކުރުމަށްޓަކައި އިންޑިއާއާއި ޗައިނާގެ ގުޅުންތައް ރަނގަޅުކޮށް ދެގައުމުގެ ދެމެދުގައި އިތުބާރު އުފެއްދުމުގެ މުހިއްމުކަން ދެކުނު އެފްރިކާގެ ރައީސް ރަމަފޯޒާ ވަނީ ފާހަގަ ކުރައްވާފައެވެ.