މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތް މިދިޔަ އަހަރާ އަޅާބަލާއިރު 2.3 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މަލީހު ޖަމާލް މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ހަތަރު މަސްދުވަހު ރާއްޖެ އައި ޓޫރިސްޓުންނަށް ވުރެ މި އަހަރުގެ ހަތަރު މަސްދުވަހު ރާއްޖެ އައިޓޫރިސްޓުން ރަނގަޅުވެފައިވާ ކަމަށާއި މި އަހަރުގެ މިހާތަނަށް 355000 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.3 ޕަސެންޓްގެ ތަރައްގީއެއް ކަމަށް މަލީހު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއްމިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް ފަށާފައިވާ ކެމްޕޭންގެ ތިން ބައިގުޅަ އެއްބައި ހާސިލްވެފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ.

"އެއް މިލިއަން ޓޫރިސްޓުންގެ ތިން ބައިކުޅަ އެއްބަޔަށް ވާސިލްވެފައި މި ވަނީ، ޗެނުއަރީ ފެބުރުއަރީ އަދި މާޗް އެންމެ ބޮޑު ގޮންޖެހުމަކަށް ވީ، އެކަމަކު އަޅުގަނޑުމެންނާއި އިންޑަސްޓްރީގެ މީހުންގެ މަސައްކަތުން މައިނަސް ރޭޓް މި ވަނީ ހިފެހެއްޓިފައި، އެޕްރީލް މަހުގެ ނެގެޓިވް މި އުޅެނީ -0.8 ގައި، އެހެންވީމައި އެކަކަށްވެސް މައިނަސް އެއްނާރާ،" މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަހުޓޫރިސްޓުން އަންނަ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ޖޫން މަހު އެ އަދަދު އިތުރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ޖާމަނީ ރަޝިޔާ އަދި ސްވިޒަލޭންޑުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެފައިވާ ކަމަށާއި ރާއްޖެއަށް ގިނަ ފަތުރުވެރިން އަންނަ ޗައިނާގެ މާކެޓުން 3.5 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"މީގެ ކުރިން ޖަޕާން އަދި ޗައިނާއިން އަންނަ ޓޫރިސްޓުން އިތުރު ނުވެ އޮތީ އެކަމަކު، އެ މާކެޓް ތަކުން އަންނަ ޓޫރިސްޓުން އިތުރުވީމައި މިއީ ވަންމިލިއަން ޓާގެޓަށް އަންނަން ވަރަށް ފަސޭހަ ވާނެ،" މަލީހު ވިދާޅުވި އެވެ.

އިގްތިސޯދީ ހީނަރުކަމާ ހުރެ އިޓަލީ ޕޯޗްގަލް އަދި ގްރީސްއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ނުބެލެވޭ ކަމަށާއި މިވަގުތު ބަލަންވީ ކުރިއަރަމުން އަންނަ މާކެޓްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމަށާއި މިނިސްޓްރީގެ އަމާޒުވެސް ހުރީ އެ މިސްރާބަށް ކަމަށެވެ.

"މި މަހު އޮންނަ ކޮރެއާ އެކްސްޕޯއަކީވެސް އެގޮތުން ރަނގަޅު ފުރުސަތެއް، ތިން މަސްދުވަހަށް ކުރިއަށް ދާއިރުގައި އަޅުގަނޑުމެން އޮންނާނީ ޓޫރިޒަމް ދާއިރާގެ ބޭފުޅުންނަށް ދައުވަތު ދީފައި ފަސޭހަފުޅު ދުވަހެއްގައި އެކޮޅަށް ގޮސް ޕްރޮޑަކްޓެއް ބަހައްޓާލާ ޑިސްޕްލޭކޮށްލަން، އަޅުގަނޑުމެން ބަލަންވީ މި ގޮތަށް ހުރި ތަންތަނުން ގުޅުން ބަދަހި ކޮށް ކުރިއަރަމުން އަންނަ މާކެޓްތަކަށް ޓާގެޓް ކުރަން،" މަލީހު ވިދާޅުވި އެވެ.

ކޮރެއާ އެސްޕޯގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މަލީހު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރު ކުރަން ފެށީ ފެބުރުއަރީ ހަތެއްގައި ވެރިކަން ވެއްޓުމާއެކު ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަން ދުނިޔޭގެ މީޑިއާތަކުގެ ސުރުހީތަކުން ޖާގަ ހޯދަން ފެށުމުންނެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަަން ދުނިޔޭގައި މިއަހަރު ހިންގި ހަރަކާތްތަކާއެކު ޓޫރިޒަމްގެ ހާލަތު އިތުރަށް ގޯސްވި އެވެ. އެގޮތުން މި އަހަރުގެ މާޗް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދުވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.3 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
މިދިޔަ މަހުގެ މީރާގެ ހިސާބުތައް ދައްކާ ގޮތުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމްގެ ދާއިރާއިން ނަގާ ޖީއެސްޓީންނެވެ. އެގޮތުން ދައުލަތަށް 155.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.