އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކޮމާންޑްތަކާއި މަރުކަޒުތަކާއި އައުޓްޕޯސްޓްތައް ގާއިމްކޮށް ތަރުތީބުކުރަނީ ރާއްޖޭގެ ޖޯގްރަފީއާއި މާހައުލާއި ރަށްތަކުގެ އާބާދީއަށް ވެސް ވަރަށް ބޮޑަށް ބަލައިގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހދ. ހަނިމާދޫގައި ގާއިމްކުރާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓާޒްގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ހެޑްކުއޯޓާޒްގެ ބިންގާ އަޅުއްވައި ދެއްވީ މާރިޔާއާއި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓާޒް ހަނިމާދުއަށް ބަދަލުކުރުމަށް ނިންމި ނިންމުމަށް އިޝާރާތްކުރައްވައި މާރިޔާ ވިދާޅުވީ، އޭރިއާ ކޮމާންޑްތަކުގެ އިންތައް ކަނޑައެޅުނީއްސުރެ ސިފައިންގެ ނޮދަން ކޮމާންޑްގެ މައި މަރުކަޒު ގާއިމްކުރަން ޖެހޭ ކަމަށް އެމްއެންޑީއެފުން ފާހަގަކުރަމުން އައީ ހަނިމާދޫކަމުގައި ކަމަށެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އާ ހެޑްކުއޯޓާޒްގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އެމްއެންޑީއެފް

ނަމަވެސް، އޭރު ނޮދަން އޭރިއާ ކޮމާންޑްގެ މައި މަރުކަޒުގެ ގޮތުގައި ޤާއިމުވެތިބި މަޑިވަރުން ސިފައިން ފައިބަން ޖެހުނީ އެކަން ނުކުރެވި ތިބެގެން ކަމަށާއި އެވަގުތަށް އިތުރުގޮތެއް ނެތުމުން، ޅ. މާފިލާފުށީގައި ގާއިމްކޮށްފައިވާ ކޮމްޕޮޒިޓް ޓްރޭނިން ސެންޓަރުގެ ޖާގައިގެ ތެރެއިން ބައެއްގައި ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކްއޯޓާޒް ވަގުތީގޮތުން ގާއިމްކުރީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އެހެން އެކަންކުރީމާ، އޭރިއާ ހެޑްކްއާޓާޒް މި ހުންނަނީ ރާއްޖޭގެ މެދުތެރޭގަ. ގިނަ އޮޕަރޭޝަންތައް، ވަކިން ޚާއްޞަކޮށް މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ކުރަންޖެހޭ ގިނަ މަސައްކަތްތައް މި ހިނގަނީ މި ސަރަޙައްދުގައި. ސަރަޙައްދުގެ ބޮޑުމިނަށް ބަލާއިރު މިއީ، އެމްއެންޑީއެފްގެ އެންމެ ބޮޑު އޭރިއާ ކޮމާންޑް. ރާއްޖޭގެ ގާތްގަނޑަކަށް މެދުތެރޭގައި ނޮދަން ކޮމާންޑްގެ މައިމަރުކަޒު ހުރީމާ އޭގެ ސަބަބުން ސިފައިންގެ އޮޕަރޭޝަނަލް ރީޗް ވެސް އެބަ ހަނިވޭ. އެންމެ ބޭނުންވާ ފެންވަރާއި މިންވަރަށް ޚިދުމަތް ފޯރުކޮށްދިނުމުގައިވެސް ދަތިތައް ކުރިމަތިވޭ." މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މާރިޔާ ވަނީ މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ފޯރުކޮށްދިން ޚިދުމަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކޯސްޓްގާޑުން ނޮދަން އޭރިއާގައި ކަނޑުމަތީގެ 232 ހާދިސާއެއްގައި ޙަރަކާތްތެރިވެ، 526 ރައްޔިތަކަށް ސަލާމަތްތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، އެ އޭރިއާގައި އެކަނިވެސް، ސީ އެމްބިއުލާންސާއި ކޯސްޓްގާޑް އުޅަނދުތަކުގައި 4،000 އަށްވުރެ ގިނަ މެޑިކަލް އިވަކުއޭޝަން ހިންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރަށް ގަވާއިދާ ޚިލާފަށް ދިވެހި މަސްކަނޑުތަކުން މަސްވެރިކަން ކުރަނިކޮށް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް މި ފަސް އަހަރު ތެރޭގައި ގެނައި އުޅަނދުފަހަރުތަކުގެ 41 ޕަސެންޓް އަތުލައިގަނެވިފައި ވަނީވެސް ނޮދަން ކޮމާންޑްގެ ސަރަޙައްދުން ކަމަށާއި، އެއްގަމަށް ބަލާއިރު، 100 އަށްވުރެ ގިނަ އަލިފާނުގެ ހާދިސާއަކަށް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވި ކަމުގައި މާރިޔާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޝަމާލްވަނީ، ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެންމެ މުހިންމު އަދި އެންމެ އަސާސީ މަގްސަދަކީ ބޭރުންނާއި އެތެރެއިން ދިމާވެދާނެ ކޮންމެ ނުރައްކަލަކުން ދިވެހި ދައުލަތާއި ރައްޔިތުން ޙިމާޔަތްކުރުން ކަމަށް ވިދާޅުވެފައެވެ.

އަދި އަސްކަރީ ބާރު ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެ ބާރު ބޭނުންކުރުމާއި މަދަނީ ދިފާޢުގެ ޤާބިލުކަން ދަމަހައްޓައި، އެކަމަށް ތައްޔާރުވެ ތިބުމަށްޓަކައި ހޯދަންޖެހޭ އާލަތްކާއި ވަސީލަތްތައް ހޯދުމަކީ ވެސް އެމްއެންޑީއެފްގެ އަސާސެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އާ ހެޑްކުއޯޓާޒްގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އެމްއެންޑީއެފް

"މަދަނީ ދިފާޢުގެ ތެރޭގައި އެއްގަމާއި ކަނޑުގައި ދިމާވާ އަލިފާނުގެ ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމާއި، ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި ސާޗް އެންޑް ރެސްކިއު ޚިދުމަތް ދިނުމާއި އެއްގަމާއި ކަނޑުގައި އިންސާނީ އެހީ ފޯރުކޮއްދިނުން ހިމެނޭ." ޝަމާލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކަނޑުގެ ސަރަހައްދު ބޮޑު މި ގައުމުގައި ޚިދުމަތްތައް ފުރިހަމަގޮތެއްގައި ފޯރުކޮށްދެވޭނީ، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދެވޭނެ ގޮތަކަށް އޭރިއާ ކޮމާންޑުތަކުގެ ހެޑްކުއާޓާޒްތައް ގާއިމުކޮށްގެން ކަމަށެވެ.