26 Aug 2023, 12:43
ދިވެހި އެތުލީޓުން ވެސް ބައިވެރިވާ، މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފެށުމަށް ރޭ މަޑަގަސްކަރާގައި ބޭއްވި ރަސްމިއްޔާތުގައި ފިތިގެން 12 މީހަކު މަރުވެއްޖެއެވެ.
މަޑަގަސްކަރައިގެ ބޮޑުވަޒީރު ކްރިސްޓިއަން އެންސޭ ވިދާޅުވި ގޮތުގައި އެގައުމުގެ މަހާމަސީނާ މުނިސިޕަލް ސްޓޭޑިއަމްގައި އޮތް އެ ރަސްމިއްޔާތަށް ވަންނަން އުޅުނު މީހުންގެ ތެރެއިން 12 މީހަކު މަރުވެ، 80 މީހަކަށް ވަނީ އަނިޔާވެފައެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ޔަގީންވެފައި ނުވެއެވެ.
މިފަހަރުގެ އައިއޯއައިޖީގައި ޖުމުލަ 176 އެތުލީޓުން ރާއްޖެ ތަމްސީލުކުރާއިރު، ރޭގެ ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމަށް މައުލޫމާތު ލިބިފައިނުވެއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީއަށް ގުޅުމުން ފޯނު ނުނަގާތީ، އަދި އިތުރު މައުލޫމާތު ލިބިފައިނުވެއެވެ.
އެ ރަސްމިއްޔާތުގައި މަޑަގަސްކަރައިގެ ރައީސް އަންދްރޭ ރަޖޮއެލީނާގެ ދެކަނބަލުންނާއި އައިއޯއައިޖީ 2023ގައި ވާދަކުރާ ގައުމުތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުލް ސައްތާރާއި އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ ތަމޫހް އަހުމަދު (ތަމޫ) ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކޮންޓިޖެންޓުގެ ދިދަ ވިހުރުވާލާފައިވަނީ 2019 ވަނަ އަހަރު އައިއޯއައިޖީގައި ރަން މެޑަލް ހޯދި ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި ރާއްޖޭގެ ފިރިހެން އެއްވަނަ ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އެވެ.
މިއަހަރުގެ އައިއޯއައިޖީގައި ބައިވެރިވާ ގައުމުތަކަކީ ރާއްޖެ އާއި މަޑަގަސްކަރަގެ އިތުރުން މޮރިޝަސްއާއި، ކޮމޮރޮސް، މަޔޮޓޭ، ރިޔޫނިއަން އަދި ސީޝެލްސްއެވެ. ޖުމުލަ 2000 އަށްވުރެ ގިނަ އެތުލީޓުން މިއަހަރު 17 ކުޅިވަރެއްގައި ވާދަކުރާ އިރު، ރާއްޖެއިން ވާދަކުރަނީ ނުވަ ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޓެނިސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ހޭންޑްބޯޅަ، ޓައެކްވަންޑޯ، ސްވިމިން އަދި ބެޑްމިންޓަނެވެ.
މިއަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ ޓާގެޓަކީ 2019 ވަނަ އަހަރަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދުމެވެ. އެގޮތުން އެފަހަރު ރާއްޖެއިން ވަނީ ޖުމުލަ 15 މެޑަލް ހޯދައިފައެވެ.