09 May 2012, 10:15
"ސީދާ ހަރަކާތަށް" ކަމަށް ބުނެ އެމްޑީޕީ އިން ރޭ މަގުމައްޗަށް ނުކުމެ، މާލޭގައި ކުރި މުޒާހަރާގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ހަސަން ހަނީފް މިއަދު ވިދާޅުވީ ރޭ އެމްޑީޕީން ކުރި މުޒާހާރާގައި ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ހަތަރު ފިރިހެނަކާއި އަންހެނެއް ކަމަށެވެ. ހަނީފު ވިދާޅުވި އެމީހުން މިހާރު ވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އެމްޑީޕީން ރޭ އެމްއެމްއޭ ސަރަހައްދައް އެއްވެ މުޒާހަރާ ކޮށްފައިވާ އިރު އެ ސަރަހައްދުގައި ހަމަނުޖެހުން ބޮޑުވުމުން ބާރުގެ ބޭނުން ކޮށްގެން ފުލުހުން ވަނީ މުޒާހާރާ ރޫޅާލައިފަ އެވެ.
އެމްޑީޕީ މަޖިލިސް މެންބަރުންނާއި ކުރީގެ ވަޒީރުންގެ އިސްވެ ތިއްބަވައި އެމްއެމްއޭ ކައިރީގައި ކުރި މުޒާހަރާގައި އަޑު އުފުލާފައި ވަނީ އަވަސް އިންތިހާބެއް ބޭއްވުމަށާއި ވެރިކަން ބަދަލުވި ގޮތް ބެލުމަށް ހަދާފައިވާ އިންކުއަރީ ކޮމިޝަން މިނިވަން ކުރުމަށާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ރާއްޖެ އެކަހެރި ނުކުރުމަށެވެ.