ކަރީނާ ކަޕޫރު އަދި ވިޖޭ ވަރުމާ ކުޅޭ ފިލްމު "ޖާނޭ ޖާން"ގެ ފުރަތަމަ ޓީޒާއާއެކު ފިލްމު އަންނަ މަހުގެ 21ގައި ނެޓްފްލިކްސްއިން ސްޓްރީމްކުރުމަށް ނިންމައިފިއެވެ.

ސުޖޯއި ގޯޝް ޑައިރެކްޓްކުރާ މިފިލްމަކީ ބަތަލާ ކަރީނާ ކަޕޫރު ސްޓްރީމިންގް ޕްލެޓްފޯމަކަށް ކުޅެދޭ ފުރަތަމަ ފިލްމުވެސްމެއެވެ.

ސެޕްޓެމްބަރު 21ގައި ޢުމުރުން 42 އަހަރު ފުރޭ ބަތަލާގެ އުފަންދުވަހު ފިލްމު ސްޓްރީމްކުރަން ނިންމާފައިވާއިރު ފިލްމުގެ ޓީޒާއިން ކަރީނާ ފެންނަނީ ވަރަށް ހަމަޖެހިލައިގެން ލަވައެއް ހުށަހަޅައިދޭ މަންޒަރެވެ.

ވިޖޭ ވަރުމާގެ އިތުރުން ގިނަ ފިލްމުތަކުންނާއި ވެބް ސީރީސްތަކުން ފެނިފައިވާ ޖައިދީޕް އަހުލަވަތު ވެސް މިފިލްމުގެ ވަރަށް މުހިއްމު ރޯލްއަކުން ފެންނާނެއެވެ. ފިލްމު "ބަދުލާ"، "ކަހާނީ" އަދި ދާދި ފަހުން ނެޓްފްލިކްސްގައި ސްޓްރީމްކުރި "ލަސްޓް ސްޓޯރީސް"ގެ ޑައިރެކްޓަރު ސުޖޯއި ގޯޝްގެ "ޖާނޭ ޖާން"އަކީ ޖަޕާނަށް ނިސްބަތްވާ ކީގޯ ހިގަޝީނޯ ނަމަކަށްކިޔާ ލިޔުންތެރިޔާގެ ވާހަކަ 'ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް' އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

އަބަދުވެސް ތަފާތު ރޯލްތައް ކުޅެން ޝައުގުވެރިވާ ބަތަލާ ކަރީނާ ބުނެފައިވަނީ ސުޖޯއި ގޯޝް ފިލްމުގެ ސްކްރިޕްޓް ހުށަހެޅުމުން މިފިލްމަށް އެއްބަސްވުމަށް މާގިނަ ވަގުތު ނުނަގާކަމަށެވެ. ހަމައެއާއެކު އެކްޓަރު ވިޖޭ ވަރުމާއާއި ޖައިދީޕްއަކީ ވަރަށް ތަފާތު ފިލްމީ މަސައްކަތްތައްކޮށްފައިވާ އެކްޓަރުންނަށްވުމާއެކު މިޒަމާނާގުޅޭ ވަރަށްގިނަ އެކްޓިންގް ފިލާވަޅުތަކެއް ފިލްމު ސެޓުން ދަސްވިކަމަށް ކަރީނާވަނީ ބުނެފައެވެ.

ކަރީނާ ކަޕޫރު އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު އާމިރު ޚާންއާއެކު ލީޑް ރޯލް ކުޅުނު ފިލްމު "ލާލް ސިންގް ޗައްދާ"އިންނެވެ.

ފިލްމު "ޖާނޭ ޖާން"ގެ އިތުރުން ކަރީނާ މަސައްކަތްކުރަމުން އަންނަ އިތުރު ފިލްމަކީ ބަތަލާ ތައްބޫއާއި ކްރިތީ ސެނޮން ލީޑްރޯލް ކުޅޭ ފިލްމު "ދަ ކްރޫ"އެވެ. މީގެއިތުރުން ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ދަ ބަކިންގްހަމް މާޑާސް"ގެ ނަމުގައި އުފައްދާ ފިލްމަކަށްވެސް ކަރީނާވަނީ ސޮއިކޮށްފައެވެ.