ބޮލީވުޑްގެ މަގުބޫލު އެކްޓަރު ވިކީ ކޯޝަލްއަށް ލިބޭ ކޮންމެ ޚަބަރެއްވެސް އެންމެ ފުރަތަމަ ހިއްސާކުރާ އެކަކީ އަންހެނުން ކެޓްރީނާ ކައިފްކަމަށް އެކްޓަރު ބުނެފިއެވެ.

ދާދިފަހުން އިންޑިއާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ވިކީ ކޯޝަލްވަނީ ކެޓްރީނާއާ ދެ މީހުންގެ ކައިވެނީގެ ހަޔާތާގުޅޭ ގިނަ ވާހަކަތަކެއް އާއްމުންނާ ހިއްސާކޮށްފައެވެ.

މީގެ ދެ އަހަރު ކުރިން ދެ ތަރިންގެ ކައިވެނި އިންޑިއާގެ ރާޖާސްތާނުގައި ކޮށްފައިވާއިރު ކައިވެނީގެ ހަފްލާތައް ކުރިޔަށްދިޔަ ތިން ދުވަހަކީ ޙަޔާތުގައި މިހާތަނަށްއައި އެންމެ އުފާވެރި އަގުނުކުރެވޭނެ ތިން ދުވަސްކަމަށް އެކްޓަރުވަނީ ބުނެފައެވެ.

ކައިވެންޏަށްފަހު ކޮންމެ މީހެއްގެ ދިރިއުޅުންވެސް ބަދަލުވާފަދައިން ވިކީގެ ދިރިއުޅުމަށްވެސް ވަރަށް އުފާވެރި ހިތްގައިމު ބަދަލުތަކެއް އައިސްފައިވާކަމަށް އެކްޓަރުވަނީ ބުނެފައެވެ. އެގޮތުން ޙަޔާތުގައި ދިމާވާ ކޮންމެ ކަމެއްވެސް އެންމެ ފުރަތަމަ ހިއްސާކުރަނީ ޙަޔާތުގެ ބައިވެރިޔާ ކެޓްރީނާއާ ކަމަށާއި މީގެކުރިން އުފާވެރިކަމެއް ދިމާވިޔަސް ނުވަތަ ހިތާމަވެރިކަމެއް ދިމާވިނަމަވެސް އެންމެފުރަތަމަ އެވާހަކަ ބުނަނީ މަންމަ ގާތުގައިކަމަށް ވިކީވަނީ ބުނެފައެވެ.

ވީކީއާއި ކެޓްރީނާ ކައިވެނިކޮށްފައިވަނީ ދެ ތަރިންގެ ސިއްރު ލޯބީގެ ގުޅުމެއް އޮންނަތާ ވަރަށް ދިގު މުއްދަތަކަށްފަހުއެވެ. ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ 'ކޮފީ ވިތު ކަރަން'ގެ ސެޓުން ވިކީ ކޯޝަލް ކެޓްރީނާއަށް ފޮނުވާލި ލޯބީގެ ސިގުނަލް ކާމިޔާބުވާނެކަމަށް އެކްޓަރު އެއްވެސްވަރަކަށް އުއްމީދުނުކުރާކަމަށް ކަރަންގެ ޝޯގައި ވިކީވަނީ ބުނެފައެވެ.

ހަމައެއާއެކު ކެޓްރީނާވެސް މި ޓޯކް ޝޯގައި ބުނެފައިވަނީ ވިކީއާ ވަރަށްގިނައިން ބައްދަލުވެވިފައި ހުންނާނެކަމަށާއި އެހެންނަމަވެސް ދެ މީހުން އެކީގައި ދިރިއުޅުމެއް އުޅޭނެކަމަށް އޭރު ހިތަށްވެސް ނުގެންނަކަމަށެވެ.

ވިކީއާ ބައްދަލުވުމުގެކުރިން އެކްޓަރު ސަލްމާން ޚާން އަދި ރަންބީރު ކަޕޫރާއެކުވެސް ލޯބީގެ ގުޅުމެއްއޮތް ކެޓްރީނާއަކީ ހިންދީ ސިނަމާގެ އެންމެ ޑިމާންޑުބޮޑު އަދި އެންމެ އަގުބޮޑު އެއް ފިލްމީތަރިއެވެ. ކެޓްރީނާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިއަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރުމަށް ތާވަލުކޮށްފައިވާ ފިލްމު "ޓައިގާ3"އިންނެވެ.