ރައީސް މުޙައްމަދު ނަޝީދުގެ މުޅި ސިޔާސީ ހަޔާތް އެ ހޭދަކުރައްވަނީ ރޫޅާލުމުގައެވެ. ސިޔާސީ ބޭނުމަށް، ދިވެހީން ގަބޫލު ކުރަމުން އައި އުސޫލުތަކަކާއި އާދަތަކެއް ރޫޅާލެއްވިއެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމް ބާރުތައް އެއްކުރައްވައިގެން ކުރައްވަމުން އައި ދިގު ވެރިކަން ރޫޅާލެއްވިއެވެ. ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު، ވަކި ގޮތަކަށް ލޭބަލްކޮށް އެތައް ގޮތަކުން ރޫޅާލެއްވިއެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ރޫޅާލެއްވިއެވެ. މިހާރު ނުކުމެ އެ ހުންނެވީ ކުރިން އުޅުއްވި ޕާޓީ އެމްޑީޕީ ރޫޅާލުމަށެވެ. އެކަމަކު މިފެންނަނީ އެހެން މަންޒަރެކެވެ.

މިހާތަނަށް އެމްޑީޕީ ރޫޅާލަން ނަޝީދު ކުރެއްވި ކަންކަން މާބޮޑަކަށް ކާމިޔާބެއް ނުވެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުވުމުން ނަޝީދު ޕާޓީގައި ހުންނަވައި ޕާޓީ ރޫޅާލަން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް އުފައްދަވައިގެންނެވެ. އެކަން ކާމިޔާބު ނުވުމުން ޕާޓީގެ އިސް މެމްބަރުންތަކެއް އެއް ފަހަރާ ޕާޓީއިން ވަކިކޮށް އާ ޕާޓީއެއް އުފެއްދެވިއެވެ. އެކަމަކު ނަޝީދު ހަމަ އެމްޑީޕީގައި ހުންނަވައި ވަކިކުރާ ވަރަށް ޖެއްސުން ކުރެއްވީއެވެ. އެމަނިކުފާން އެމްޑީޕީއިން ވަކިކުރޭތޯ ލައްކަ މަސައްކަތް ކުރެއްވިއެވެ. އެކަމަކު އެކަން ކާމިޔާބު ނުވުމުން އަމިއްލަފުޅަށް ވަކިވީއެވެ. އެއަށްފަހު ދެން ހަރުއަޑުން ވިދާޅުވީ އެމްޑީޕީ ރޫޅާލާނެ ކަމަށެވެ. އެ ކަށިކެޔޮގަނޑުގެ ފޫވައް ވެއްޓިއްޖެ ކަމަށެވެ.

ރަށްރަށަށް ވަޑައިގެން ޑިމޮކްރެޓްސްގެ ޖަގަހަތައް ހުޅުއްވެވީވެސް ކަށިކެޔޮގަނޑުތަކުގެ ފޫވައް ވައްޓާލަމުންނެވެ. ރަށްރަށަށް ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ދަތުރު ކުރައްވައި އެމްޑީޕީގެ މެމްބަރުން އެ ޕާޓީއަށް ބަދަލު ކުރަން ގިނަ މަސައްކަތްތަކަކާއި ހޭދަތަކެއް ކޮށްފިއެވެ. އެކަމަކު މެމްބަރުންގެ އަދަދު މާބާރަށް އިތުރުވާ ތަނެއް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކަކުން ވެސް ނުފެނެއެވެ.

ޑިމޮކްރެޓްސް އުފެއްދެވިއިރު ނަޝީދަށް އޮތް އެންމެ ބޮޑު ހިތްވަރަކީ އެމްޑީޕީއިން ވަކިވެ މަޖިލީހުގެ 13 މެމްބަރުން އާ ޕާޓީއާ ގުޅިވަޑައިގަތުމެވެ. އެއާއެކު މަޖިލީހުގެ މައިނޯރީޓީ އެ ޕާޓީއަށް ފުރަތަމަ ދުވަހު ވެސް ލިބުނެވެ. ހަމައެއާއެކު ބޮޑު އާބާދީއެއް ކަމަށްވާ، ކުޅުދުއްފުށީ ކައުންސިލްގެ މޭޔަރު ހިމެނޭގޮތަށް ކައުންސިލްގެ މެޖޯރިޓީ ޑިމޮކްރެޓްސްއަށް ލިބުނެވެ. އެމްޑީޕީ ރޫޅާލުމުގެ މަސައްކަތް މެކުހަށް ޖަހައިގެން އުޅުއްވަނިކޮށް ޑިމޮކްރެޓްސް މިހާރު މިވަނީ ރޫޅެން ފަށައިފައެވެ.

ޑިމޮކްރެޓްސް އޮތީ ބަދަހިކޮށް ނޫންކަން ހާމަވީ އެ ޕާޓީގައި ހުންނެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުލްލަތީފާއި އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އަނބުރާ އެމްޑީޕީއަށް ގުޅިވަޑައިގަތުމުންނެވެ. އެއަށްފަހު އެ ދެބޭފުޅުން ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ހޯދައި ދިނުމުގެ މަސައްކަތް ފެއްޓެވިއެވެ. އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. ރޭ މިވަނީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވެސް އެ ޕާޓީ ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި އިތުރު މެމްބަރުންތަކެއް އަލުން އެމްޑީޕީއަށް އަންނަން އުޅޭކަމުގެ އަޑުތައް ގަދައެވެ. ކެނެރީގެއަށް ގެންދަވައި އާދޭސް ކުރައްވަނިކޮށް ވެސް ޕާޓީ ދޫކުރައްވަނީއެވެ. މީގެ އިތުރުން އާއްމު މެމްބަރުންތަކެއް ވެސް އެ ޕާޓީ ދޫކޮށްފިއެވެ.

ޕާޓީއިން ވަކިވީ ދެއްކި ވާހަކަ ދިމާނުވާތީ!

އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި އުޅުނު އަބްދުﷲ އީސާފުޅު(އީސަ)، ޑިމޮކްރެޓްސްއާ ގުޅުނީ ބޮޑެތި އުއްމީދު ތަކަކާއެކުއެވެ. މަޝްހޫރު ލަވަ ކިޔުންތެރިޔާ ބޭނުންވީ ޑިމޮކްރެޓިކް އުސޫލުން ހިންގާ ޕާޓީއެއްގައި ހުރުމަށެވެ. ޑިމޮކްރެޓްސް އުފައްދައި އިސްކޮށް މަސައްކަތް ކުރިއެވެ. ނަމަވެސް މިފަހުން އޭނާ ވަނީ އެ ޕާޓީ ވެސް ދޫކޮށްލައިފައެވެ. ފެނުނު މަންޒަރުން މާޔޫސް ވެގެންނެވެ.

އީސަ ބުނިގޮތުގައި މާޔޫސްވެގެން އޭނާ ޑިމޮކްރެޓްސް ދޫކޮށްލަން ނިންމީ ދެއްކި ވާހަކައާ ދެކޮޅަށް ޕާޓީ ހިންގަމުން އަންނާތީ ކަމަށެވެ. އެގޮތުން ކަންކަން ނިންމާނީ މަޝްވަރާކޮށްގެން ކަމަށް ވިދާޅުވިނަމަވެސް ހުރިހާ ކަމެއް ވެސް އޮންނަނީ ވަކި ބޭފުޅުންތަކެއް ބޭނުންވާ ގޮތަށް ކުރިއާލާ ނިންމާފައި ކަމަށް އީސަ ބުންޏެވެ.

"ނަން ހުށަހަޅަން ދިޔައިރު ވެސް ހައުސް އޮފް ޑިމޮކްރެޓްސްއަށް ހަދައިގެން އައީ. ކެންޑިޑޭޓަކު ކަނޑައަޅަން އުޅުނުއިރު ވެސް ކުރިއާލާ އޮތީ އިލްޔާސް ލަބީބް ނަގާފައި. މާކުރިން ވަކި ގޮތަކަށް ރޭވިގެން ތަރުތީބު ވެގެން އަންނަ ކަންކަން އަންނަނީ. އެއްވެސް ގޮތަކަށް ވިޔާދާ ގޮތަކަށް ދާ ޕާޓީއެއް ނޫން،" 17 އަހަރު އެމްޑީޕީގައި އުޅުމަށްފަހު ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރި އީސަ ބުންޏެވެ.

"އަޅުގަނޑު ބައިވެރިވިން ޑްރަގް ޕޮލިސީސް ހެދުމުގައި. އޭގައިވެސް އެ ބޭފުޅުން ހުރީ ޕޮލިސީސްތައް މާކުރިން ލިޔެފައި. ނިންމަވާފަ ހުރީ. އެއްގޮތަކަށް ވެސް އާއްމު ރައްޔިތުންގެ ޕާޓީގެ މެމްބަރުންގެ ހިޔާލަކާއި ފިކުރަކަށް ނޫން ކަންތައް ކުރަނީއެއް."

އީސަ ބުނިގޮތުގައި ރައީސް ނަޝީދާއި އޭރުގެ އެމްޑީޕީއިން، ރައީސް އަބްދުﷲ ޔާމީންގެ ކޮރަޕްޓް އަމަލުތަކާއި އަނިޔާވެރި ކަމަށް ފާޅުގައި ދެކޮޅު ހެދިނަމަވެސް ފަހުން ޑިމޮކްރެޓްސްގެ ބޭފުޅުންނަށް އެކަންކަން ރަނގަޅުވި ކަމަށެވެ. ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް ކުރިން ކަމުނުދިޔަ ކަންކަން ކުއްލިއަކަށް ކަމު ދިއުމަކީ އޭނާއަށް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އީސަ ބުންޏެވެ.

"އެންމެންނަށް ފެންނަން ހުރި އެއްޗެއް ސިޔާސީ އެންމެން ހައްޔަރު ކުރުމާއި އެމްއެމްޕީއާރުސީގެ ހިޔާނާތަކީ. އެކަމަކު މިއަދު ރައީސް ޞާލިޙް ވައްޓާލުމުގެ މަގުސަދު ހާސިލް ކުރަންވީމައި ކޮންމެ ކަމެއް އަނެއް ކޮޅަށް ވެސް އަނބުރާލަނީ. އެހެންވެ އަޅުގަނޑަށް ގަބޫލު ކުރެވުނީ ސިޔާސީ ހަމަ ނެތޭ ރަނގަޅު އެއްވެސް ބަޔަކު،" ރައީސް ނަޝީދާއެކު ޖަލުގައި ވެސް އެކުގައި އުޅުނު އީސަ ބުންޏެވެ.

އީސަގެ އިތުރުން އޭނާ ދަންނަ އެހެން ބަޔަކު ވެސް ވަނީ މިފަހުން ޑިމޮކްރެޓްސްއިން ވަކިވެފައެވެ. އަދި މިހާރު އެ ޕާޓީގައި ތިބި ބައެއް މީހުން ވެސް ޕާޓީގެ ކަންކަން ޑިމޮކްރެޓިކް އުސޫލުން ނުހިނގާކަން ފާހަގަ ކުރާ ކަމަށް އީސަ ބުންޏެވެ.

ހީކުރިވަރުގެ ތަރުހީބެއް ނުލިބޭ

ނަޝީދަކީ ރާއްޖޭގައި އުފެދުނު އެންމެ ހީވާގި، އަދި އެންމެ ހިތްވަރުގަދަ އެއް ސިޔާސީ ލީޑަރެވެ. އެބޭފުޅާ ބޭނުންފުޅުވާ ކަމެއް ހާސިލް ކުރަން ކޮންމެ ފަދަ ކަމެއް ވެސް ކުރައްވަފާނެއެވެ. އެގޮތުން ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބު ކާމިޔާބުވިޔަ ނުދިނުމަށާއި އެމްޑީޕީގެ މެމްބަރުން ޑިމޮކްރެޓްސްއަށް އަނބުރާލުމަށް އެމަނިކުފާން އަމަލީ މައިދާނަށް ނުކުންނަވައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެކަމަކު މާބޮޑު ތަރުހީބެއް ލިބޭ ތަނެއް ނުފެނެއެވެ.

ރައީސް ނަޝީދާއި އިލްޔާސް ލަބީބް އައްޑޫގައި -- ފޮޓޯ/ ދަ ޑިމޮކްރެޓްސް

"މަޖިލީހުގެ އާ އިންތިޚާބަށް މިއޮތީ ކުޑަދުވަސްކޮޅެއް. ޑިމޮކްރެޓްސް ފަހަތުގައި އަސްލު މީހަކު ނެތެއްނު. ރަށަކަށް ދިޔަސް ދެތިން މީހުން ތިބެނީ. އެހެންވެ ޕާޓީގެ މުސްތަގުބަލެއް ނުފެނޭ. ސިޔާސީ ގޮތުން ކުރިއަށް ދެވޭނެ ތަނެއް ނުފެނޭ. އެހެންވެ އަލުން އެމްޑީޕީއާ އެ ގުޅުނީ،" ޑިމޮކްރެޓްސް ދޫކޮށް، އެމްޑީޕީއާ ގުޅުނު މަޖިލިސް މެމްބަރެއްގެ އަރިސް ބޭފުޅަކު ނަން ނުޖަހާގޮތަށް ވިދާޅުވިއެވެ.

ރާއްޖޭގެ މާޒީއަށް ބެލިނަމަވެސް ކަން ވެފައި އޮތީ މިގޮތަށެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނަވަނިކޮށް ބޭބޭފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމާ ހިޔާލު ތަފާތުވި ހިސާބުން ވެސް ޕާޓީގެ ތެރެއިން ކުރިއެރުން ހޯއްދެވީ ޔާމީނެވެ. އެހާތަނަށް މައުމޫނަކީ އެތައް ބައެއްގެ ލޯތްބާއި ސަޕޯޓް އޮތް ބޭފުޅެކެވެ. ނަމަވެސް ޕީޕީއެމް ބައިބައިވި ހިސާބުން މައުމޫންގެ މަގުބޫލުކަން ބާރު ދުވެލީގައި ދަށަށް ދިޔައެވެ. އެންމެ ފަހުން އާ ޕާޓީއެއް އެމްއާރުއެމް ނަމުގައި އުފެއްދެވީއެވެ. މިހާރު 3000 މެމްބަރުން ހަމަނުވެގެން އީސީ ވަނީ އެ ޕާޓީ އުވާލާފައެވެ. ނަޝީދު ވެސް ދަތުރު ކުރަމުންދާތަން ފެންނަނީ އެ މަންޒިލަށެވެ. ނަމަވެސް ނަޝީދު އަދި އުމުރުން މާ ދުވަސް ނުވާތީ މައުމޫން ދަށްވި ވަރަށް ދަށް ނުވެދާނެއެވެ. ނަމަވެސް އެމްޑީޕީގައި ރަސްކަން ކުރަމުން ދިޔައިރު ލިބުނު މަގުބޫލުކަން ދެން ލިބޭނީ ވަރަށް ތަފާތު ގޮތަކަށް މަސައްކަތް ކޮށްގެންނެވެ.

ޕާޓީ ނުރޫޅޭ، އަންނަނީ ވަރުގަދަ ވަމުން: ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވިގޮތުގައި އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެނބުރި އެމްޑީޕީއަށް ވަޑައިގަންނަވަނީ "ނިކަމެތިކަމުގެ ފައިދާ" ނަންގަވާ ވެރިއެއް ހުރުމުންނެވެ. އެހެންނަމަވެސް ޑިމޮކްރެޓްސް ދުވަހެއް ދުވަހަކަށް އަންނަނީ ވަރުގަދަވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާޒު ރޭ ވިދާޅުވީ، މެންބަރުންތަކެއް ޕާޓީ ދޫކޮށްލެއްވުމަކީ ދެރަ ކަމެއް ކަމަށާއި އެހެންނަމަވެސް އެއީ "ސަޕްރައިޒެއް" ނޫން ކަމަށެވެ. އަދި، މި ކަންކަން ހިނގަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ފެނިގެންދިޔައީ ވެރިޔަކު އިންސާނުންގެ ނިކަމެތިކަމުގެ ފައިދާ ނަގާ މަންޒަރު ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ މީހެއްގެ ފަގީރު ކަމުގެ ފައިދާ ނަގަމުންދާ މިންވަރަށް، އޭގެން އަންނަ ކިކެއްގައި މަސައްކަތް ކުރާ ބައެއް މިތާ [ޑިމޮކްރެޓްސްގައި] މި ތިބީ. އޭގެން ވަރަށް ބޮޑު ރޫހެއް އަނެއްކާ ވެސް އުފެދޭނެ،" އޭނާ ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ މެންބަރު ޝިޔާނާއި ޔާސިރު ނެތުމަކީ ވެސް ދެރަ ކަމެއް ކަމަށާއި އެކަމަކު، އެ ކަމުގެ ސަބަބުން ޑިމޮކްރެޓްސްއިން ކުރަމުން އަންނަ މަސައްކަތަށް ހީނަރުކަމެއް އަތުވެދާނެ ކަމަށް ނުވިސްނޭ ކަމަށެވެ. އޭގެ ބަދަލުގައި އެ ޕާޓީ އަންނަނީ ދުވަހެއް ދުވަހަކަށް އިތުރަށް ވަރުގަދަވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެސް ވިދާޅުވާ ގޮތުގައި އެމްޑީޕީގައި މަޖިލިސް މެންބަރުން އިތުރު ކުރުމަށް ރައީސް ޞާލިޙް ގެންދަވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވަމުންނެވެ. އެގޮތުން މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޞާލިޙް މަޖިލިސް މެންބަރުންނަށް ދައުލަތުގެ ފައިސާއިން ރިޝްވަތު ދެއްވާ ކަމަށް ތުހުމަތު ކުރައްވައި، އެކަމުން ވާނެ ހަމައެކަނި ކަމަކީ ރައީސް ފަޟީހަތް ވުން ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީއަށް ބަލާއިރު އެ ޕާޓީއާ އަލަށް އެތައް އާއްމު މެމްބަރުންނެއް ވެސް އަންނަނީ ގުޅެމުންނެވެ. ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ އަދިވެސް ވަރަށް ވަރުގަދައެވެ. ވެރިކަމުގައި އޮތީތީ ވެސް ލައްކަ ކަންކަން ކުރެވޭނެތީއެވެ. އެހެންކަމުން އެ ޕާޓީ އަދި ރޫޅޭތަނެއް ނުފެނެއެވެ. އެއަށްވުރެން ފެންނަނީ ބަދަހިވާތަނެވެ.

އެމްޑީޕީގެ، ކަށިކެޔޮގަނޑުގެ ފޫވައް ނެއްޓިއްޖެކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށް އެމަނިކުފާން އަލަށް އުފެއްދި ޕާޓީ ރޫޅޭތަން މިއަންނަނީ ފެންނަމުންނެވެ. އެއީވެސް އެންމެ އިސް ސަފުން ފެށިގެންނެވެ. ހަގީގަތުގައި ވެސް ރޫޅާލަން އުޅެނިކޮށް މިފެންނަނީ ނަޝީދުގެ ޕާޓީ ރޫޅޭ ތަނެވެ.