މެލޭޝިއާގެ ނެކްސަބިޒް ކުންފުންނާ ހަވާލުކޮށްގެން ގާއިމްކުރަން ނިންމި 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް އެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އައްބަސް އާދިލް ރިޒާ މިއަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ދެ ފަރާތުގެ ދެމެދުގައި ވެވިފައިވާ އެގްރިމެންޓާ އެއްގޮތަށް ކުރިއަށް ގެން ދިއުން ކަމަށާއި އެ އެއްބަސް ވުމަށް ސަރުކާރުން އިހުތިރާމްކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ މައްސަލައަކީ ކޯޓް މަރުހަލާގައި އޮތް މައްސަލައަކަށް ވުމާ އެކު ކޯޓް މަރުހަލާ އިން ވަކިގޮތެއް ނިމެންދެން އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ.

"މީގައި ސަރުކާރުގެ ޕޮޒިޝަން އަކީ މި ޕްރޮޖެކްޓަކީ ސަރުކާރުން ކޮމިޓްވެފައިވާ ޕްރޮޖެކްޓެއް މީގައި އެއްވެސް ހިލާފުތަކެއް އުޅޭކަމަށް ވަނީ ނަމަ މިނިވަން މުއައްސަސާތަކުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދަންވީ. އޭގެ އެއްވެސް މައްސަލައެއް އުޅޭކަމަށް ވަނީ ނަމަ ކޯޓުގެ މަރުހަލާތައް ކަޑައްތު ކުރަންވީ. ކޯޓުން ނިމޭ ގޮތަކަށް ސަރުކާރުން އިޖާބަ ދޭނެ." އައްބާސް ވިދާޅުވި އެވެ.

ބޯޑާ ކޮންޓްރޯލް މައްސަލައިގެ ޝަރީއަތުގެ މަޖިލިހުގައި ދައުލަތުން ބުނެފައި ވަނީ ހޯމް މިނިސްޓްރީން އެމަޝްރޫއު ހުއްޓާލުމަށް އެދި އިމިގްރޭޝނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. ތަރުޖަމާނު އައްބާސް ވިދާޅުވީ އެގޮތަށް ހޯމް މިނިސްޓްރީން ވިދާޅުވީ ކީއްވެގެން ކަން ސީދާ ވިދާޅުވުމަށް ނޭނގޭ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ ބޯޑާ ކޮންޓްރޯލް ސިސްޓަމާ ގުޅޭ ޕްރޮޖެކްޓް ކުރިއަށް ގެންދިއުން ކަމަށެވެ.

"ހޯމް މިނސްޓްރީގެ ވިދާޅުމަކީ ކޮންގޮތަކަށް ކީއްވެގެން ވިދާޅުވި އެއްޗެއްކަމަށް އަޅުގަނޑަކަށް ދަންނަވާކަން ނޭނގޭ. އެހެންނަމަވެސް މީގެ ސަރުކާރުގެ ސިޔާސަތަކީ ބޯޑާ ކޮންޓްރޯލް ޕްރެޖެކްޓް ކުރިއަށް ގެންދިއުން،" އައްބާސް ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު ސަރުކާރުން ގާއިމްކުރަން ނިންމި ބޯޑާ ކޮންޓްރޯލް ސިސްޓަމުގެ މަޝްރޫއަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެގްރިމެންޓް ކޮށްފައިވާ މަޝްރޫއުއެއް ކަމަށް ބުނެ (އެންޓި ކޮރެޕްޝަން ކޮމިޝަން) އޭސީސީން ވެސް އެ މަޝްރޫއު ހުއްޓާލަން ވަނީ ބުނެފަ އެވެ. އޭސީސީން ހައިކޯޓުގައި މިހާރު އިސްތިއުނާފް ކުރާ މައްސަލާގައި އެދިފައި ވަނީ އެ މައްސަލަ ކޯޓުން ނިމެންދެން ބޯޑާ ކޮންޓްރޯލްގެ މަޝްރޫއު ހުއްޓާލުމަށް އިމިގްރޭޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެވެ.