ލިޔުންތެރިކަމުގައި އުޅުއްވާ ހުރިހާ ފަރާތްތަކުން ވެސް ލިޔާ ލިޔުންތަކަށް ރައްކާތެރިވެ އަމާނާތްތެރިވުމަށް ދީނީ ޢިލްމުވެރިޔާ ޑރ. ސައުދުﷲ ޢަލީ ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމަށް މަޖީދިއްޔާ ސްކޫލުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ސައުދުﷲ ވަނީ ލިޔުންތެރިކަމުގެ ދާއިރާގައި އުޅުއްވާ ނޫސްވެރިންނާއި އެހެނިހެން ލިޔުންތަކާއި ފޮތް ލިޔުއްވާ ފަރާތްތަކަށް ޢިލްމުން ފުރިގެންވާ މެސެޖެއް ދެއްވާފައެވެ.

އެގޮތުން ސައުދުﷲ ވަނީ، މުސްލިމުންގެ ގޮތުގައި ތިބެ ލިޔުންތެރިކަމުގެ ދުވަހެއް ފާހަގަކުރާއިރު، އިސްލާމް ދީނުގައި ލިޔުންތެރިކަމަކީ ކިހާވަރެއްގެ ކަމެއްތޯ ބެލުން ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި ލިޔުންތެރިކަމަކީ، އިސްލާމް ދީނުގައި ކިހާ އަހަންމިއްޔަތުކަމެއް ދީފައިވާ ކަމެއްކަން ފާހަގަކުރައްވާ ކީރިތި ޤުރުއާނުން މިސާލު ނަންގަވާފައެވެ.

"ލިޔާ އެއްޗިއްސަށާއި ލިޔާ މީހުންނަށް ޤުރުއާނުގައި ތައުރީފުކުރައްވާފައި ހުރޭ. އިލްމުވެރިންނަށް މަތިވެރި ދަރަޖަތައް ލިބިގެންދާއިރު އެމީހުންގެ އެއް މަސައްކަތް އެއީ ލިޔުން. އެހެންވީމަ އެމީހުންނަށް ލިބޭ ސަވާބު ލިޔުންތެރިންނަށް ވެސް ލިބިގެންދާނެ." ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ، ނޫސްވެރިން ކަމުގައި ވިޔަސް އަދި އެހެނިހެން ލިޔުންތައް ލިޔާ ލިޔުންތެރިން ކަމުގައި ވިޔަސް ނުވަތަ ފޮތް ލިޔުންތެރިން ކަމުގައި ވިޔަސް ހިފަހައްޓަންޖެހޭ އިސްލާމީ އަދަބުތަކެއް އެބަހުރިކަމަށެވެ.

"ޤުރުއާނުގައި އަންގަވާފައި ވަނީ އަދުލުވެރިކަމާއެކު ލިޔާށޭ. ހަގީގަތާ ޚިލާފަށް ލިޔެގެން ނުވާނޭ. އެހެންވީމަ އަމާނާތްތެރިކަން އޭގެ ތެރޭގަ އަންނާނެ. އަދި ލިޔަންޖެހޭ ރަނގަޅު ގޮތަށް ލިޔަން އެބަޖެހޭ. އަނެއް ކަމަކީ ލިޔަންޖެހޭ އެއްޗެއް ބަދަލުކުރުމާއި ހަގީގަތް ފޮރުވުމާއި މިކަންކަން ވަނީ މަނާކުރެވިފަ،" ސައުދުﷲ ވިދާޅުވިއެވެ.

ލިޔުމެއް ލިޔާއިރު ހަގީގަތް އޮޅުވާލާ އެ ލިޔުމެއްގައި އޮތް އެއްޗެއް ބަދަލުކުރުމަކީ ކީރިތި ގުރުއާނުގައި ވެސް ނުރަނގަޅު ސިފައެއްގެ ގޮތުގައި ބަޔާންކުރައްވާފައިވާ ކަމެއްކަން ފާހަގަކުރައްވާ ސައުދުﷲ ވިދާޅުވީ، މީހުންގެ އަބުރަށް ރައްކާތެރިވާންޖެހޭނެ ކަމަށެވެ. މީހުންނަށް މާލާމާތްކޮށް، ހަޑިހުތުރު ބަސްތައް ބޭނުންކޮށްގެން ނުވާނެކަމަށެވެ. އަދި މިއިން ކަމެއް ކޮށްފިކަމަށް ވާނަމަ އެމީހަކަށް ފާސިގުކަމުގެ ލަގަބު ލިބޭނެ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

"ފާސިގަކަށް ނުވުމަށްޓަކައި ވެސް އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެން ލިޔާ ލިޔުންތަކަކީ ސައްހަ ލިޔުންތަކަކަށް ހަދަން." ސައުދުﷲ ވިދާޅުވިއެވެ.

ލިޔުމެއް ލިޔާއިރު މީހުންގެ ޒާތީ ކަންތައްތަކަށް އަރައިގަތުން ފަދަ ކަންތައްތައް ކުރުމަކީ މުޖުތަމައުގެ މަސްލަހަތު ގެއްލޭ ކަމެއް ކަމަށާއި އެ މަސްލަހަތައް ރައްކާތެރިވާންޖެހޭނެ ކަމަށް ސައުދުﷲ ވަނީ ނަސޭހަތްތެރިވެފައެވެ.

މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ލިޔުމަކީ ލިޔުންތެރިންގެ ޒިންމާއެއް ކަމަށް ވިދާޅުވެ ސައުދުﷲ ވިދާޅުވީ، އިލްމު ރައްކާތެރިކޮށް އެއް ޖީލުން އަނެއް ޖީލަށް އެ ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

"ބޭނުންވަނީ ބައިވަރު ލިޔުންތަކެއް ފޮތުގައި އޮތުމެއް ނޫން. ބޭނުންވަނީ ފިކުރުތަކެއް. ބޭނުންވަނީ އައިޑިއާތަކެއް." ސައުދުﷲ ވިދާޅުވިއެވެ.