25 Aug 2023, 20:01
މެންޗެސްޓާ ސިޓީގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާ، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.
އުމުރުން 29 އަހަރުގެ ބެނާޑޯ ސިލްވާ ވަނީ ބާސެލޯނާ އަދި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ހުށަހެޅުންތަކަށް ދެކޮޅު ހެދުމަށްފަހު، ސިޓީގައި އިތުރު ތިން އަހަރު ދުވަހު މަޑުކުރުމަށް އެއްބަސްވެފައެވެ. ސިޓީއާއެކު ބެނާޑޯ ސިލްވާ ހަދާފައިވާ ކޮންޓްރެކްޓް ދެން ނިމުމަކަށް އަންނާނީ 2026 އަހަރުއެވެ.
ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބެނާޑޯ ސިލްވާ ވަނީ މިދިޔަ ސީޒަނުގައި ސިޓީއަށް ތިން ތަށި ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. މިހާތަނަށް ސިޓީއަށް 308 މެޗު ކުޅެފައިވާ ބެނާޑޯ ސިލްވާގެ ކެރިއަރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގެވެ. އެއީ ސިޓީއަށް ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.
"އަހަރެން ސިޓީގައި ހޭދަކުރި ހަ އަހަރުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ވަނީ ހޯދިފައި. އަދި ސިޓީގެ ކޮންޓްރެކްޓް އާކުރެވުމުން އެކަމާ ވަރަށް އުފާކުރަން. މިދިޔަ ސީޒަނުގައި ސިޓީއާއެކު ތިން ތަށި ހޯދުމަކީ ވަރަށް ހާއްސަ ހަނދާނެއް. ކުރިއަށްއޮތް ދުވަސްތަކުގައި ވެސް ސިޓީއާއެކު އިތުރު ކާމިޔާބީތަކެއް ހޯދުމަށް އަހަރެން މިހުރީ ތައްޔާރަށް،" ކޮންޓްރެކްޓް އާކުރުމަށްފަހު ބެނާޑޯ ސިލްވާ ބުންޏެވެ.
ބެނާޑޯ ސިލްވާ ބުނީ ކާމިޔާބީތަކާއެކު އިތުރު ކާމިޔާބީ ހޯދުމަށް ހިތްވަރު ލިބިގެންދާ ކަމަށާއި ސިޓީއަކީ ކާމިޔާބީ ހޯދުމަށް ފުރުސަތު ހޯދައިދޭ ކްލަބެއް ކަމަށެވެ. އަދި ކޯޗު ޕެޕް ގާޑިއޯލާ އާއި ޓީމުގެ ކުޅުންތެރިންނާއެކު ހިތްހަމަޖެހިގެން ހުރި ކަމަށް އޭނާ ބުންޏެވެ.