މެންޗެސްޓާ ސިޓީގެ ސްޕެއިން ޑިފެންޑަރު އައިމެރިކް ލަޕޯޓް، ސައުދީ އަރަބިއާގެ އަލް ނަސްރަށް ސޮއިކޮށްފިއެވެ.

ސިޓީގައި ކާމިޔާބު ހަ ސީޒަން ހޭދަކުރި ލަޕޯޓް، އެ ކްލަބު ދޫކޮށް، އަލް ނަސްރާ ގުޅުނުކަން ސިޓީން ވެސް ވަނީ އިއުލާންކޮށްފައެވެ. އޭނާ އަލް ނަސްރާ ގުޅުނީ 23.5 މިލިއަން ޕައުންޑް (30 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަލް ނަސްރުން މުސާރައިގެ ގޮތުގައި ލަޕޯޓްއަށް ހަފުތާއަކު 400،000 ޕައުންޑް (505،000 ޑޮލަރު) ލިބޭނެއެވެ. އަލް ނަސްރަށް ކުޅޭ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސެނެގާލް ފޯވަޑް ސާޑިއޯ މާނޭއަކީ ވެސް މުސާރަ ބޮޑު ކުޅުންތެރިންނެވެ.

އެތުލެޓިކް ކްލަބުން 2018 ވަނަ އަހަރު ސިޓީއާ ލަޕޯޓް ގުޅިފައިވަނީ އޭރު އެ ކްލަބުގެ ރެކޯޑު އަގަކަށެވެ. އެއީ 57 މިލިއަން ޕައުންޑް (72 މިލިއަން ޕައުންޑް)ގެ އަގެކެވެ. ސިޓީއަށް 180 މެޗު ކުޅެ، އޭނާ ވަނީ އެ ކްލަބާއެކު 13 ޓްރޮފީއެއް ހޯދައިފައެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގައި ސިޓީން ހޯދި އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ހިމެނެއެވެ.

ސިޓީން ވަކިވުމަށްފަހު އެ ކްލަބުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއެއްގައި ލަޕޯޓް ބުނީ، ސިޓީގައި ހޭދަކުރަން ލިބުނު ހަ ސީޒަނަކީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށާއި އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ. އަދި އަބަދުވެސް ސިޓީގެ ސަޕޯޓަރެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށް އޭނާ ބުންޏެވެ.