09 May 2012, 09:45
ކަނޑައަޅާފައިވާ މުއްދަތުގައި މާލީ ހިސާބުތައް އާންމުނުކޮށްގެން އެމްޓީޑީސީ، ބީއެމްއެލް އަދި އެސްޓީއޯ، ސީއެމްޑީއޭ އިން ޖޫރިމަނާކޮށްފި އެވެ.
ސީއެމްޑީއޭ އިން ބުނީ އެމްޓީޑީސީ 60000ރ. އިން ޖޫރިމަނާ ކުރީ މިދިޔަ އަހަރުގެ އަހަރީ ހިސާބާއި މި އަހަރުގެ ފުރަތަމަ ތިން މަހުގެ އަހަރީ ހިސާބު އާންމުނުކޮށްގެން ކަމަށެވެ. އެސްޓީއޯ ޖޫރި މަނާ ކުރީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ މާލީ ހިސާބުތައް އާންމު ނުކޮށްގެންނެވެ. އަދި ބީއެމްއެލް ޖޫރިމަނާ ކުރީ މިދިޔަ އަހަރުގެ މާލީ ހިސާބު އާންމުނުކޮށްގެންނެވެ. އެ ދެ ކުންފުނި ވެސް ޖޫރިމަނާ ކުރީ 30000ރ. އިންނެވެ.
ސީއެމްޑީއޭ އިން މިހާރު ވަނީ މި މަހުގެ 15ގެ ކުރިން އާންމު ނުކޮށް ހުރި މާލީ ހިސާބުތައް އާންމު ކުރުމަށް އެ ކުންފުނިތަކަށް އަންގައިފި އެވެ.
އެ ކުންފުނިތައް ޖޫރިމަނާ ކުރި އިރު އެސްޓީއޯ، ބީއެމްއެލް އަދި އެމްޓީޑީސީން ވެސް ވަނީ މާލީ ބަޔާން އާންމުކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް އެދިފަ އެވެ. މަގުބޫލު ސަބަބަކާ އެކު ކަނޑައެޅިފައިވާ ތާރީހުގެ ފަހުން ރިޕޯޓް އާންމު ކުރުމަށް އެދުމުގެ އިހްތިޔާރު ކުންފުނިތަކަށް ލިބިގެންވެ އެވެ.
ނަމަވެސް ސީއެމްޑީއޭ އިން ބުނެފައި ވަނީ މުއްދަތު އިތުރުކުރުމަށް އެ ކުންފުނިތަކުން ހުށަހަޅާފައިވާ ސަބަބު ހާއްސަ ހާލަތެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ކަމަށެވެ.
ސީއެމްޑީއޭ އިން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ޕަބްލިކް ކުންފުނިތަކުން ކޮންމެ ތިން މަހެއް ނިމުމުން 30 ދުވަހުގެ ތެރޭގައި އެ ކުންފުނީގެ މާލީ ހިސާބުތައް އާންމުކޮށް އަދި އަހަރެއް ނިމޭތާ ހަތަރު މަސްދުވަހުގެ ތެރޭ އޮޑިޓަރުންގެ ރިޕޯޓާއި ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ހިސާބުތައް އާންމުކުރަން ޖެހޭނެ ކަމަށެވެ.