ތެހެރާން (މޭ 9): އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކުރުމުގައި ޙަރަކާތްތެރިވަމުން ދިޔަ ބައިނަލްއަޤްވާމީ އިނިސްޕެކްޓަރަކު މަރުވެ އިތުރު އިނިސްޕެކްޓަރަކު ޒަޚަމް ވެއްޖެ އެވެ.

މިކަން ހާމަކުރަމުން އީރާނުގެ ރަސްމީ ނޫސްއެޖެންސީ އިރްނާ ބުނީ އެހެންދިމާވީ އިނިސްޕެކްޓަރުން ދަތުރުކުރި ކާރަށް ކުރިމަތިވި އެކްސިޑެންޓެއްގެ ސަބަބުން ކަމުގަ އެވެ. މިއެކްސިޑެންޓް ދިމާވީ ކާރުދުއްވި ގޮތަކުން ކާރު ފޮރުޅާލައި އެކޮޅުކޮޅުން ޖެހިގެން ކަމަށް ޚަބަރު ލިބެ އެވެ.

އެ ޙާދިސާ ހިނގާފައި ވަނީ ތެހެރާންގެ ހުޅަނގު ދެކުނުން 250 ކިލޯމީޓަރު ދުރުގައިވާ ނިއުކްލިޔާ މަރުކަޒެއްގެ ކައިރީގަ އެވެ. ނިއުކްލިޔާ މި މަރުކަޒަކީ ޑޮކްޓަރީ ބޭނުންތަކުގައި ބޭނުންކުރާ ނިއުކްލިޔާ އައިސޮޓެޕްސް އުފައްދުމަށް ބޭނުންކުރާ ލެބޯޓްރީއެކެވެ.

ނިއުކްލިޔާ އައިސޮޓެޕްސް ބޭނުންކުރަނީ ކެންސަރު ފަދަ ބައެއް ބަލިތަކަށް ނިއުކްލިޔާ ފަރުވާ ދިނުމަށެވެ. އީރާނުގައި އިއްޔެ ހިނގި އެކްސިޑެންތްގައި މަރުވެފައި ވަނީ އިންޓަނޭޝަނަލް އެޓަމިކް އެނަޖީ އެޖެންސީގެ އިނިސްޕެކްޓަރެއްގެ ގޮތުން މަސައްކަތްކުރާ ދެކުނު ކޮރެޔާގެ ރައްޔިތެއް ކަމަށް ޚަބަރު ލިބެ އެވެ. އީރާނުގެ ފުލުހުން ވަނީ މިހާދިސާ ހިނގަންމެދުވެރިވި ސަބަބު ތަހްޤީޤްކުރަމުންދާ ކަމަށް ބުނެފަ އެވެ.

އިންޓަނޭޝަނަލް އެޓަމިކް އެނަޖީ އެޖެންސީން ބުނީ އީރާން ސަރުކާރާ ގުޅިގެން މި އެކްސިޑެންޓްގެ މައްސަލަ ތަޙްޤީޤް ކުރާނެ ކަމުގައެވެ. (ބީ.ބީ.ސީ)