ނެޓްފްލިކްސްއިން މިދިޔަ އަހަރު ރިލީޒްކުރި ކްރައިމް ތުރިލަރ ސީރީސް "ކާކީ"ގެ ދެވަނަ ސީޒަންއެއް އުފައްދަން ނިންމާފައިވާކަމަށް ޑައިރެކްޓަރު ނީރަޖް ޕާންޑޭ ބުނެފިއެވެ.

ފްރައިޑޭ ސްޓޯރީޓެލަރސްއާއި ގުޅިގެން ނީރަޖް ޕާންޑޭ ތައްޔާރުކުރި ސީރީސް "ކާކީ"ދަ ބިހާރު ޗެޕްޓާ"އަކީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށްގެން ގެނެސްދިން ވެބް ސީރީސްއެކެވެ.

ޓެލެވިޒަން ސީރީސްތަކުން ވިދާލި އެކްޓަރު ކަރަން ޓެކާ ލީޑްރޯލްއިން ފެނުނު "ކާކީ" ސީރީސްއަކީ، އިންޑިއާގެ ޝޭކްޕޫރާ ޑިސްޓްރިކްޓްއަށް ނިސްބަތްވާ އައިޕީ އެސް އޮފިސަރު އަމިތު ލޯދާ މަޝްހޫރު ގޭންގްއެއް އަތުލައިގަތުމަށްކުރި މަސައްކަތް ދައްކުވައިދިން ސީރީސްއެކެވެ. އެ ސަރަޙައްދަށް ނިސްބަތްވާ ނުރައްކާތެރި ގޭންގްއަކާއި އެ ގޭންގްގެ އިސްމީހުން ހައްޔަރުކުރުން ގިނަ ފުލުހުންނަށް ބޮޑު ގޮންޖެހުމަކަށްވެފައިވަނިކޮށް ތަފާތު އެކި އުކުޅުތައް ބޭނުންކޮށްގެން އައިޕީއެސް އޮފިސަރު އަމިތު އެކަން ކާމިޔާބުކުރިގޮތް ހަގީގަތާ އެއްގޮތަށް މިސީރީސްއިން ދައްކުވައިދެއެވެ.

ވެބް ސީރީސް "ކާކީ"އަށް ލިބުނު މަގުބޫލުކަމާއެކު ނީރާޖުގެ ވިސްނުންހުރީ އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ހިނގާފައިވާ މިފަދަ ގިނަ ޙާދިސާތައް ބެލުންތެރިންނަށް ގެނެސްދިނުމަށެވެ.

ނެޓްފްލިކްސްއިން އަބަދުވެސް ހަޤީޤީ ޙާދިސާތައް ގެނެސްދިނުމުގައި ގެންގުޅޭ ވިސްނުން ނީރަޖްއަށާއި ގުޅިގެން މަސައްކަތްކުރާ ފްރައިޑޭ ސްޓޯރީޓެލާސްއަށް ވަރަށް ކަމުދާކަމަށް ފިލްމު ޕްރޮޑިއުސްވެސްކުރާ ނީރަޖު ވަނީ ބުނެފައެވެ. ހަމައެއާއެކު ނީރަޖުއާއި އޭނާގެ ޓީމުން ގެނެސްދޭ ވާހަކަތައް ބައްޓަންކުރާގޮތް ނެޓްފްލިކްސްއިން ބަލައިގަންނަކަމަށާއި ކުރިޔަށްއޮތްތަނުގައި ނީރަޖްއާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެބަހުރިކަމަށް ނެޓްފްލިކްސްގެ އިންޑިއާ ގޮފިން ވަނީ ބުނެފައެވެ.

ނީރަޖް އުފައްދާފައިވާ މަގުބޫލު ފިލްމުތަކުގެތެރޭ "އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ"، "ނާމް ޝަބާނާ"، "ރުސްތަމް" އަދި "ވިކްރަމް ވެދާ" ހިމެނެއެވެ. ނީރަޖް މަސައްކަތްކުރަމުން އަންނަ ވެބް ސީރީސް "ދަ ފްރީންލާންސަރ" ކުރިޔަށްއޮތް ސެޕްޓެމްބަރ މަހު 1ގައި ޑިޒްނީ ހޮޓްސްޓާއިން ސްޓްރީމްކުރުމަށްވަނީ ތައްޔާރުވެފައެވެ.