އިންޑިއާގެ 68ވަނަ ޤައުމީ އެވޯޑް ލިބޭ ފަރާތްތަކުގެ ނަންތައް އިއްޔެ އިއުލާނުކޮށްފައިވާއިރު މި ލިސްޓުން ބަތަލާ އާލިއާއާއި ކްރިތީ ސެނޮން ވަނީ އެއް ކެޓަގަރީއަކުން އެވޯޑް ކާމިޔާބުކޮށްފައެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި ހަފްލާއެއްގައި މި އަހަރުގެ ޤައުމީ އެވޯޑް ހައްޤުވާ ފަރާތްތަކުގެ ނަންތައް އިއުލާނުކުރުމާއެކު ހިންދީ ސިނަމާގެ ގިނަ ބަޔަކު ވަނީ އެ ފަރާތްތަކަށް މަރުހަބާ ކިޔާފައެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ އެންމެ މޮޅު ބަތަލާގެ ޤައުމީ އެވޯޑް ދެ ތަރިންނަށް ލިބޭއިރު އާއްމުކޮށް ކޮންމެ ކެޓަގަރީއަކުން ވެސް އެވޯޑް ކާމިޔާބުކުރަނީ އެކަކެވެ. އެހެންނަމަވެސް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގަންގޫބާއި ކަޓިއާވަޅީ"އާއި ޖިއޯ ސިނަމާއިން ގެނެސްދިން ޑައިރެކްޓަރު ލަކްސްމަން އުތޭކަރުގެ "މިމީ"އިން އާލިއާ ބަޓްއާއި ކްރިތީ ސެނޮންއަށް މި އަހަރު ވަނީ އަހަރުގެ މޮޅު ބަތަލާގެ އެވޯޑް ލިބިފައެވެ. ފިލްމު "މިމީ"ގެ އިތުރުން ޖިއޯ ސިނަމާއިން ގެނެސްދިން ފިލްމު "ގޮދާވަރީ"އަށްވެސް ތިން ކެޓަގަރީއަކުން ވަނީ ޤައުމީ އެވޯޑް ލިބިފައެވެ.

މި ލިބުނު ކާމިޔާބީއާއެކު ކްރިތީ ސެނޮން ބުނީ މިއީ ކެރިއަރުގައި މިހާތަނަށް ޙާސިލުކުރެވުނު އެންމެ ބޮޑު އަދި އަގުހުރި ކާމިޔާބީކަމުގައެވެ. ހަމައެއާއެކު އާލިއާ ބަޓްފަދަ ކުޅަދާނަ ބަތަލާއަކާއެކު ވާދަކޮށް އެއް ކެޓްގަރީއަކުން ޤައުމީ އެވޯޑް ޙާސިލުކުރެވުމަކީ ފަސޭހަކަމެއް ނޫން ކަމަށް ކްރިތީ ވަނީ ބުނެފައެވެ.

މިވަގުތު އިނގިރޭސިވިލާތުގައި ޗުއްޓީ ހޭދަކުރަމުންދާ ބަތަލާ އާލިއާއަށް އެހާ ޅަ ޢުމުރުގައި ޤައުމީ އެވޯޑް ލިބުމަކީ މުޅި ޢާއިލާވެސް އެކަމަށް ފަޚުރުވެރިވާކަމެއްކަމަށް އާލިއާގެ މައިންބަފައިން ވަނީ ބުނެފައެވެ. ފިލްމީ ދާއިރާއަށް އާލިއާ ނުކުތުމަށްފަހު މިއަދާ ހަމައަށްވެސް އަބަދުވެސް މަސައްކަތް ކޮށްފައިވަނީ ވަރަށް ބުރަކޮށްކަމަށާއި ޤައުމީ އެވޯޑަކީ އެ މަސައްކަތްތަކުގެ ނަތީޖާކަމަށް ބަތަލާގެ މަންމަ ސޯނީ ރަޒްދާން ވަނީ ބުނެފައެވެ. މި އަހަރުގެ ޤައުމީ އެވޯޑް އެކި ކެޓަގަރީތަކުން ލިބުނު ތަރިންގެތެރޭ ފިލްމު "ޕުޝްޕާ"އިން އައްލޫ އަރުޖުން، "ދަ ކަޝްމީރީ ފައިލްސް"އިން ޕައްލަވީ ޖޯޝީ، އަދި ފިލްމު "މިމީ"އިން ޕަންކަޖު ތުރިޕާތީ ހިމެނެއެވެ. މީގެ އިތުރުން ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ޝޭރްޝާހު" ޑައިރެކްޓަރު ރާޖާ މޮލީގެ ފިލްމު "އާރްއާރްއާރް" އަދި އެކްޓަރު އާރް މަދްވަންގެ ފިލްމު "ރޮކެޓަރީ"އަށް ވެސް ވަނީ ޤައުމީ އެވޯޑް ލިބިފައެވެ.