25 Aug 2023, 00:19
މިއަހަރު ބާއްވައި ރިޔާސީ އިންތިޚާބުގެ އިންތިޚާބީ މަރުކަޒުގެ ގޮތުގައި ބޭނުންކުރާ ދަރުބާރުގެ އަދި ޕޯޓް ކޮމްޕްލެކްސް އިމާރާތުގައި ހުންނަ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މައި އޮފީސް ސަރަހައްދުގައި ކެމްޕެއިން ބެނާ އަދި ދިދަ ދެމުން ފަދަ ކަންކަން ނުކުރުމަށް އިލެކްޝަނުން ކެންޑިޑޭޓުންނަށް އަންގައިފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ދަރުބާރުގެ އަދި އިލެކްޝަންސް ކޮމިޝަނުގެ މައި އޮފީހުގެ ކުރިމައްޗަށްވާ ގޮތަށާއި، އިންވެގެންވާ މަގުތަކާއި، ގޯޅިތަކުގައި އެއްވެސް ޕާޓީއެއްގެ އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ދިދައާއި ބެނާ ދެމުމާއި ޕޯސްޓަރު ހަރުކުރުން ފަދަ ކަންކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުރިހާ ޕާޓީތަކަށް އަންގާފައިވާނެ ކަމަށެވެ.
އަދި މިހާރު ހަރުކުރެވިފައިވާ އެފަދަ ތަކެތި ވީހާ އަވަހަކަށް ނެގުމަށް ވެސް އަންގާފައިވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
މީގެ އިތުރުން އާންމު ތަންތަނާއި، އަމިއްލަ މީހުންގެ އިމާރާތްތަކުގައި، ކެމްޕޭނާ ގުޅޭ ތަކެތި ދެމުން، ހަރުކުރުން ނުވަތަ ތަތްކުރުމުގެ ކުރިން ކައުންސިލްތަކުން ނުވަތަ އެ އިމާރާތެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަށްވެސް އީސީ އިން ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް އިލްތިމާސްކުރައްވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ބަޔަކަށް ވޯޓް ލުމުގެ ހައްގު ލިބޭނެ އިންތިހާބެވެ. އެގޮތުން މިއަހަރު ވޯޓު ދިނުމުގެ ހައްގު 282،395 މީހަކަށް ލިބެއެވެ.
ރިޔާސީ އިންތިޚާބު ފުރަތަމަ ބުރު އޮންނާނީ އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ ދެ ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ އޮންނާނީ ސެޕްޓެމްބަރު 30 ގައެވެ.